އޭއެފްސީ ޗެލެންޖު ކަޕުގެ ސެމީ ފައިނަލްގައި މާދަމާ ހަވީރު ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗުގައި އަފްޣާންގެ އަސްލު ކުޅުން ފެނިގެން ދާނެ ކަމަށް އަފްޣާން ޓީމުގެ ކެޕްޓަން ހާރޫން ފަޚުރުއްދީން ބުނެފި އެވެ.

އަފްޣާންނިސްތާން މި މުބާރާތުގެ ސެމީން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި އެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް ދެ މެޗު އެއްވަރުވެ، ލިބުނު ޖުމުލަ ފަސް ޕޮއިންޓާ އެކު ގްރޫޕް ބީ ގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ބޭއްވި "ޕްރީ-މެޗް ޕްރެސް ކޮންފަރެންސް"ގައި ވާހަކަ ދައްކަމުން ކެޕްޓަން ހާރޫން ބުނީ، ރާއްޖެއާއި އަފްޣާނާ ދެ ގައުމުގެ މޫސުން ތަފާތުވުމުގެ ސަބަބުން ރާއްޖޭގެ މާހައުލަށް ހޭނުމަށް އެ ޓީމުގެ ކުޅުންތެރިންނަށް ވަގުތު ނެގި ކަމަށާއި އެހެން ކަމުން ގްރޫޕް ސްޓޭޖްގައި އެ ޓީމުގެ އަސްލު ކުޅުން ދައްކާލެވިފައި ނުވާ ކަމަށެވެ.

"އަފްޣާންގެ ފުރިހަމަ ކުޅުން އަދި ދެއްކޭ ގޮތެއް ނުވޭ. އެކަމަކު ސެމީ ފައިނަލްގައި އަފްޣާންގެ ފުރިހަމަ ކުޅުން ދެއްކޭތޯ ބަލާނަން އިރާދަކުރެއްވިއްޔާ،" ހާރޫން ބުންޏެވެ.

ހާރޫން ބުނީ، މާދަމާގެ މެޗަށް ނުކުންނަ އިރު އަފްޣާން ނުކުންނާނީ އިދިކޮޅު ޓީމަކީ ވަރުގަދަ ޓީމެއް ކަމަށް ދެކިގެން އެ ޓީމު ހުއްޓުވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެގެން ކަމަށެވެ.

"ފަލަސްތީން ޓީމަކީ ވަރުގަދަ ޓީމެއް. އަހަރެމެން އެ ޓީމާ ދެކޮޅަށް ކުޅުނިން ވޯލްޑް ކަޕް ކޮލިފައިން. އަދި އެޓީމު ކޮޅަށް ލަނޑު ވެސް ޖެހިން. އެކަމަކު މިހާރު އެ ޓީމު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. މުޅި ޓީމު ވަނީ އާކޮށްފައި. އެއީ ރަނގަޅު ޓީމެއް،" އަފްޣާން ކޯޗު ބުންޏެވެ. "ހުރިހާ ޓީމެއްގެ ކޯޗުން ވެސް ގެންގުޅޭ ގޮތަށް އަހަރެމެންގެ ކޯޗުގެ ވެސް އެބަ އޮތް ރަނގަޅު ޕްލޭނެއް އެޓީމާ ދެކޮޅަށް ނުކުންނައިރު އެޓީމު ހުއްޓުވުމަށް."

އެ ޕްރެސް ކޮންފަރެންސްގައި އަފްޣާން ކޯޗު ޔޫސުފް ކަރްގާރު ބުނީ، އޭނާގެ ޓީމަށް އަނިޔާގެ ބޮޑެތި މައްސަލަތަކެއް ކުރިމަތި ވެފައިވާ ކަމަށާއި އޭގެ ސަބަބުން ޓީމަށް އަސަރުތަކެއް ކުރާނެ ކަމަށެވެ.

"އެކްސިޑެންޓްގައި ލިބުނު އަނިޔާގެ ސަބަބުން ދެ ކުޅުންތެރިންނަށް ނުކުޅޭނެ. ފަސް ކުޅުންތެރިން އިންޖަރީގައި، އަނެއް ހަތަރު ކުޅުންތެރިންނަށް ކުޅެވޭނެ ކަން އެނގޭނީ މިއަދުގެ ޕްރެކްޓިހަށް ފަހު،" ކަރްގާރު ބުންޏެވެ.

ކޯޗު ބުނީ މިކަހަލަ މެޗަކަށް ނުކުންނައިރު ގިނަ ކުޅުންތެރިން ތަކަކަށް ނުކުޅެވޭތީ އޭގެ ނޭދެވޭ އަސަރު ޓީމަށް ކުރި ނަމަވެސް އެކަން ފޫބެއްދޭވަރުގެ ރަނގަޅު ކުޅުންތެރިން އެޓީމުގެ ބެންޗުގައި ވެސް އެބަ ތިބި ކަމަށެވެ.

ސެމީ ފައިނަލް ފަދަ ބޮޑު މެޗަކަށް ނުކުންނައިރު ގިނަ ކުޅުންތެރިންތަކަށް ނުކުޅެވުމަކީ އެ ކުޅުންތެރީންނަށް ލިބޭ ވަރަށް ބޮޑު ހިތާމައެއް ކަން ފާހަގަކޮށް އަފްޣާން ކޯޗު ބުނީ އެޓީމު މާދަމާގެ މެޗަށް ނުކުންނާނީ އަފްޣާންގެ ރައީސާއި ރައްޔިތުންގެ ފަރާތުން ލިބުނު ހިތްވަރުގެ ބަސްތަކާއެކު ފައިނަލްގެ ޖާގައެއް ކަށަވަރު ކުރަން ކަމަށެވެ.

"އަނިޔާގެ ސަބަބުން ނުކުޅެވޭ ހުރިހާ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް މީ. ހުރިހާ ކުޅުންތެރިން ވެސް ބޭނުންވޭ މިފަދަ ބޮޑު މެޗެއްގައި ކުޅެން. ސަބަބަކީ އަފްޣާން ރައީސާއި ރައްޔިތުން ވަނީ އެމީހުން މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރުމަށް ވަރަށް ބޮޑަށް ހިތްވަރުދީ ހެޔޮ ބަސްތައް ރައްދުކޮށްފައި،" ކަރްގާރު ބުންޏެވެ.

އޭއެފްސީ ޗެލެންޖް ކަޕްގެ ސެމީ ފައިނަލްގައި ފަލަސްތީނާއި އަފްޣާން ވާދަކުރާ މެޗު ކުޅޭނީ ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ހަވީރު 4:00ގަ އެވެ.