ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ ލަގެޖުން ބަނގުރާ ފުޅި ނަގާފައި ވަނީ އޭނާގެ ހާޒިރުގައި ނޫން ކަމަށް ދައުލަތުން ބުނެފި އެވެ.

ދައުލަތުން އެހެން ބުނެފައި ވަނީ ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސިޔާމްގެ ގާނޫނީ ވަކީލު އަލީ ޝާހު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ސިޔާމާ ދެކޮޅަށް ކަސްޓަމްސްގެ އޮފިސަރުން ހެކީންގެ ގޮތުގައި ހުށަހެޅުމުން އޭނާގެ ވަކީލު ޝާހު ވަނީ ދައުލަތުގެ ވަކީލުންނާ ސުވާލުތަކެއް ކުރިމަތިކުރައްވާފަ އެވެ.

ސިޔާމްގެ ލަގެޖް ކަސްޓަމްސްގެ އޮފިސަރުން ޗެކްކުރީ އޭނާގެ ހާޒިރުގައިތޯ ސުވާލުކުރުމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެ ލަގެޖު ޗެކްކުރީ ސިޔާމްގެ ހާޒިރުގައި ނޫން ކަމަށާއި އަދި އެ ލަގެޖު ޗެކުކުރީ އެހެން މީހެއްގެ އަތުގައި އޮއްވައި ކަމަށެވެ.

އެ ލަގެޖްގައި ހުރީ ތަޅުލާފައިތޯ އާއި އަދި އަދި ލަގެޖް ޗެކްކުރީ ސިޔާމްގެ ހާޒިރުގައިތޯ ވެސް އޭނާގެ ވަކީލު ޝާހު ސުވާލުކުރެއްވި އެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ސިޔާމްގެ ލަގެޖު އެހެން މީހެއްގެ އަތުގައި ހުއްޓައި ކަސްޓަމްސްގެ އޮފިސަރުން ނެގި އިރު އޭގައި ހުރީ ތަޅުލާފައި ނޫން ކަމަށް ހެކީންގެ ބަޔާންތަކުން އެނގޭ ކަމަށެވެ. އަދި އެވަގުތު ސިޔާމް އެތަނުގައި ވަޑައިގެން ނެތްކަމަށާއި ލަގެޖް ޗެކްކުރީ ވެސް ސިޔާމްގެ ހާޒިރުގައި ނޫން ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އެ ލަގެޖުން ބަނގުރާ ފުޅިއެއް ފެނުމުން އެކަމާ ގުޅިގެން އެވަގުތު ސިޔާމަށް އެފުޅިދައްކައި އެކަމާ ގުޅޭގޮތުން އޭނައާ ސުވާލުކޮށްފައި ވެސް ނުވާނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ ދައުލަތުން މިއަދު ދެއްކި ވާހަކަތަކަށް ބަލާ އިރު، އެއީ ބަޔަކު މީހުން ރާވައިގެން ސިޔާމްގެ ބޮލުގައި ދޮގު އިލްޒާމް އެޅުވުމަށް ޓަކައި އޭނާގެ ލަގެޖުގެ ތެރެއަށް ލާފައިވާ ފުޅިއެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން މިއަދު ހެކީންގެ ގޮތުގައި ހުށަހެޅި މީހުން ކޯޓަށް ހާޒިރުކޮށް އެމީހުންގެ ހެކިބަސް ނެގުންކަމަށެވެ.