26 May 2014, 16:18
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް)އިން ކުރާ އެއްވެސް ކަމަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނުބެހުމަށާއި އެފަދަ ކަމެއްގެ ސަބަބުން ބައިނަލް އަގުވާމީ ފުޓްބޯޅަ މުބާރާތްތަކުން ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ (އޭއެފްސީ) ދީފި އެވެ.
އޭއެފްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި މިހާރު ކުރިއަށް ދާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ޓިކެޓް ވިއްކުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އެކަމުގެ ތެރެއަށް އޭސީސީން ވަންނަން އުޅުމަކީ އޭއެފްސީން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތަކީ ސީދާ އޭއެފްސީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މުބާރާތެއް ކަމަށާއި، އެފްއޭއެމްއާ ހަވާލުކޮށްފައި ވަނީ މުބާރާތުގެ ހަރާކާތްތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
"އެހެން ކަމުން މި މުބާރާތާ ބޭހޭ ގޮތުން އެއްވެސް މައްސަލައެއް ފެންމަތި ވެއްޖެނަމަ، އެއީ މެޗު ޓިކެޓް ކަމުގައި ވި ނަމަވެސް އެކަމެއް ހުށަހަޅަން ޖެހޭނީ އޭއެފްސީގެ ގަވާއިދުގެ ދަށުން އެ އިދާރާއާ ގުޅުންހުރި ތަނަކަށް،" އެ ބަޔާނުގައި ވެއެވެ.
އޭއެފްސީން ބުނެފައި ވަނީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނުރަނގަޅު ކަމެއް ހިންގާނަމަ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ހައްގު ލިބިފައި ވާނީ، ހަމަ އެކަނި އޭއެފްސީ އާއި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އަށް ކަމަށެވެ.
"އެތެރޭގެ އެއްވެސް ތަހުގީގީ އިދާރާއަކުން އޭއެފްސީން ނުވަތަ އޭއެފްސީން އެފްއޭއެމްއާ ގުޅިގެން ހިންގާ ކަމަކާ ބޭހޭ ކަމަށް ވާ ނަމަ، ރާއްޖެއަކީ އޭއެފްސީ އަދި ފިފާގެ މެންބަރަކަށް ވީ ހިނދު ރާއްޖެއާ ދޭތެރޭގައި ފިޔަވަޅު އެޅުމުގެ ފުރުސަތު އެބަ އޮތް. އޭގެ ތެރޭގައި ބައިނަލްއަގްވާމީ މުބާރާތްތަކުންނާއި އެފަދަ އިވެންޓް ތަކުގައި ބައިވެރި ނުވެވޭ ގޮތަށް ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ،" އޭއެފްސީން ނެރުނު ބަޔާނުގައި ވެއެވެ.
އޭއއެފްއޭއެމަކީ އޭއެފްސީން ގަވާއިދުން އޮޑިޓް ކުރަމުން އަންނަ ތަނެއް ކަމަށާއި އެތަނުގެ ހާލަތު ހުރީ ރަނގަޅު ފެންވަރެއްގައި ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ. އަދި މިހާރު ކުރިއަށްދާ ޗެލެންޖް ކަޕްގެ ހުރިހާ ކަމެއް އެފްއޭއެމުން ކުރިއަށް ގެންދަނީ އޭއެފްސީގެ ގަވާއިދުތަކާ އެއްގޮތަށް ދެފުއް ފެންނަ ގޮތަކަށް ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
އޭއެފްސީން އިތުރަށް ބުނެފައި ވަނީ، ޗެލެންޖް ކަޕްގެ އެންމެހައި ކަންކަން ވަރަށް ފުރިހަމައަށް ގެންދިއުމަށް ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ގައުމީ ރޫހުގައި ގައުމީ ޓީމަށް ދެމުންދާ ތަރުހީބު ފާހަގަ ކުރާ ކަމަށް ވެސް އޭއެފްސީން ބުނެފައި ވެއެވެ.