ޗެލެންޖް ކަޕްގެ ސެމީ ފައިނަލްގައި މާދަމާ ހަވީރު ފަލަސްތީނާ ދެކޮޅަށް ނުކުންނަ އަފްޣާނިސްތާން ޓީމުން މުބާރާތުގެ އިންތިޒާމް ތަކާ ދޭތެރޭގައި ހިތްހަމަ ނުޖެހުން ފާޅުކޮށް ގިނަ ޝަކުވާތަކެއް ކޮށްފިއެވެ.

ޕެރަޑައިޒް އައިލެންޑް ރިސޯޓްގައި މިއަދު ބޭއްވި "ޕްރީ-މެޗް ޕްރެސް ކޮންފަރެންސް"ގައި އަފްޣާންގެ ކޯޗު ޔޫސުފް ކަރްގާރު މިއަދު ބުނީ ރާއްޖެއަކީ ހިތްގައިމު މަންޒިލެއް ކަމުގައި ވީ ނަމަވެސް ޗެލެންޖް ކަޕް ފަދަ ބޮޑު ފުޓްބޯޅަ މުބާރާތެއް ބާއްވަން ރާއްޖެ ކަމު ނުދާކަމަށެވެ. އެގޮތުން މެޗް ކުޅޭ ދަނޑަށް ދިއުމަށް ކަނޑުމަގުން ދަތުރު ކުރަން ޖެހުމާ ރާއްޖެ ހޫނު ގަދަވުމާއި އަދިވެސް އެފަދަ ތަފާތު ޝަކުވާތަކެއް އޭނާ ވަނީ ފެންމަތި ކޮށްފައެވެ.

"އަހަރެމެން ވާނީ އޭއެފްސީއަށް ބައެއް ކަންކަން ހުށަހަޅާފައި މިފަދަ މުބާރާތްތައް ބާއްވާ އިރު ޓީމުތައް ކަނޑުމަގުން އެއްތަނުން އަނެއްތަނަށް މިހާ ދިގު ދަތުރު ކުރަން ނުޖެހޭފަދަ ތަނެއްގައި މުބާރާތް އިންތިޒާމް ކުރަން،" އަފްޣާން ކޯޗު ބުންޏެވެ. "ފުރަތަމަ ފިލިޕީންސް ދެން ތުރުކުމެނިސްތާން ދެން އަހަރެމެން މެޗު ކުޅެ އަންނަން މި ޖެހުނީ ކަނޑު ބޯޓުގައި ވަރަށް ދިގު ދަތުރެއް ކޮށްފައި. މިއީ ފުޓްބޯޅަ ޓީމަކަށް ވަރަށް އުނދަގޫ ކަމެއް. އެހެން ކަމުން އަހަރެމެން އޭއެފްސީގައި އެދިފައި ވާނީ މިގޮތަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރަން ޖެހޭ ގައުތަކުގައި މިފަދަ މުބާރާތްތަށް އިންތިޒާމް ނުކުރުމަށް."

ނޭޕާލްގައި އެންމެ ފަހުން ބޭއްވި ސާކް ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ ތަށި އަފްޣާނަށް ކާމިޔާބު ކޮށްދިން ކޯޗު ބުނީ، ރާއްޖެ ހޫނު ގަދަކަމުން ކަމުން ވެސް އޭނާގެ ޓީމަށް ވަރަށް ބޮޑު އުނދަގޫ ތަކެއް ކުރިމަތިވި ކަމަށެވެ.

"މިފަދަ މާހައުލެއްގައި ވަރަށް އުނދަގޫވޭ ކުޅެން. އެނގޭނެ އަފްޣާން އެއީ ވަރަށް ފިނި ތަނެއް. އެކަމަކު މިތަން ވަރަށް ހޫނު. އެހެން ކަމުން އަހަރެމެންގެ ނޯމަލް ގޭމްކުޅެން ވަގުތުކޮޅެއް ނަގާނެ. އުންމީދުކުރަނީ ކުރިއަށް އޮތް މެޗުގައި އަހަރެމެންގެ ނޯމަލް ގޭމް ދައްކާލެވޭނެ ކަމަށް،" މާދަމާގެ މެޗާ ބެހޭގޮތުން ކޯޗު ކަރްގާރު ބުންޏެވެ.

ސެމީ ފައިނަލަށް ނުކުންނަ އިރު އިދިކޮޅު ޓީމަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ގިނަ މެޗު ތަކެއް ކުޅެން ލިބުމާއި އަފްޣާން ޓީމަށް އެ ފުރުސަތު ނުލިބުން ވެސް އެއީ ކޯޗުގެ ޝަކުވާއެކެވެ.

"ފަލަސްތީން ޓީމަށް މެޗު ކުޅެން މި ދަނޑު ވަރަށް ފަރިތަވެފައި އޮންނާނީ. އެކަމަކު އަހަރެމެން އަދި އެންމެ ފަހަރަކު ވެސް މި ދަނޑުގައި ޕްރެކްޓިސް ވެސް ކޮށް ނުލަން." ކޯޗު ކަރްގާރު ބުންޏެވެ.

ގްރޫޕް ސްޓޭޖްގައި އަފްޣާން ޓީމު ކުޅުން އެންމެ ފަހު މެޗަށް ފަހު، އެޓީމު ތިބޭ ހެރެތެރެއަށް ދިއުމަށްޓަކައި އައްޑޫ ލިންކު ރޯޑުގައި ދަތުރު ކުރަމުން ދަނިކޮށް ހިނގި އެކްސިޑެންޓާ ބެހޭ ގޮތުން ކޯޗު ބުނީ، އެކްސިޑެންޓްގެ ސަބަބުން ބައެއް ކުޅުންތެރިންނަށް ސެމީގައި ނުކުޅެވޭނެ ކަމަށެވެ.

"މިއީ ފުޓްބޯޅަ ޓީމަކަށް ދިމާވާނެ އާދައިގެ ކަމެއް ނޫން. ހުރިހާ ކުޅުންތެރިން ވެސް ތިބީ ކުއްލި ސިހުމެއްގައި. ފުރަތަމަ ދެދުވަހު ކުޅުންތެރިން ނަފްސާނީ ގޮތުން ހަމައަކަށް އެޅުމަށް ވެސް ވަގުތު ނެގި." ކޯޗު ބުންޏެވެ.

ކޮޗު ކަރްގާރު ބުނީ އޭނާގެ ހުރިހާ ކުޅުންތެރިން ވެސް މިހާރު ތިބީ އެކްސިޑެންޓްގެ ސަބަނުން ލިބުނު "ޝޮކުން" އަރައި ގަނެވިފައި ކަމަސެވެ.

"ހުރިހާ ކުޅުންތެރިން ވެސް ކޮންސެންޓްރޭޝަން މިހާރު ހުރީ ސެމީ ފައިނަލަށް. އަހަރެމް އެކްސިޑެންޓާ ދޭތެރޭގައި އެއްވެސް ވަރަކަށް މިހާރު ނުވިސްނަން. އަހަރެމެން ހުރިހާ ކުޅުންތެރިންގެ ވިސްނުން ވެސް ހުރީ އިރާދަކުރެއްވިއްޔާ ސެމީ ފައިނަލުން މޮޅުވުމަށް،" ކަރުގާރު ބުންޏެވެ.