26 May 2014, 15:01
އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ރާއްޖެއާ ދެކޮޅަށް މާދަމާ ރޭ ނުކުންނަ އިރު، ދިވެހި ސަޕޯޓަރުންނާ އެކު މެޗުގެ ޕްރެޝާ ވަރަށް ބޮޑުވާނެ ކަމަށް ފިލިޕީންސްގެ ކޯޗު ތޯމަސް ޑޫލޭ ބުނެފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ރޭ 9:00 ގައި ރާއްޖެއާ ދެކޮޅަށް ނުކުތުމުގެ ކުރުން މިއަދު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި ނޫސްކޮންފަރެސްގައި ފިލިޕީންސްގެ ކޯޗު ތޯމަސް ޑޫލޭ ބުނީ، މިހާރު ފިލިޕީންސް ޓީމުގައި ތިބި ކުޅުންތެރިންނަކީ 2009 އަހަރު ޓީމުގައި ތިބި ކުޅުންތެރިންނެއް ނޫން ކަމަށާއި މިހާރު ޓީމުގައި ތިބީ މުޅިން ތަފާތު މޮޅެތި ކުޅުންތެރިންތަކެއް ކަމަށެވެ. އަދި މާދަމާ ރޭ ރާއްޖެއާ ދެކޮޅަށް ނުކުންނާނީ އެ ތަފާތު ދެއްކުމުގެ އުންމީދުގައި ކަމަށާއި އެހެން ނަމަވެސް ޓީމަށް އޮތް ޕްރެޝަރަކީ ދިވެހި ސަޕޯޓަރުން ކަމަށް ކޯޗު ތޯމަސް ޑޫލޭ ބުންޏެވެ.
"ޓީމު އޮތީ މާދަމާ ރޭގެ މެޗަށް ފުރިހަމައަށް ތައްޔާރަށް. ޓީމަށް އޮތްހާ ވެސް ޕްރެޝަރަކީ ދިވެހި ސަޕޯޓަރުން. އެހެން ކަމުން އެ ޕްރެޝާ ޓީމަށް އަންނާނެ." ކޯޗް ޑޫލޭ ބުންޏެވެ.
ދެހާސް ނުވަ ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕަށް ކޮލިފައިވުމަށް ގްރޫޕް ބީ ފަޅިން ކުޅުނު މެޗުގައި ރާއްޖެ އަތުން ފިލިޕީންސް ބަލިވި ކަމުގައި ވިޔަސް، ކޯޗް ޑޫލޭ ބުނީ، މާދަމާ ރޭ ރާއްޖެއާ ދެކޮޅަށް ނުކުންނާނީ ކުރީގެ އެހަނދާންތައް ނައްތާލައި އާ ހިތްވަރަކާ އެކު މެޗް ކާމިޔާބު ކުރުމުގެ އުންމީދުގައި ކަމަށެވެ.
ސްރީލަންކާގައި 2010 ވަނަ އަހަރު ބޭއްވި ޗެލެންޖު ކަޕަށް ކޮލިފައިވުމުގެ ގޮތުން 2009 އަހަރު ގްރޫޕް ބީފަޅިން ރާއްޖެ ކުޅުނު މެޗުން ފިލިޕީންސްގެ މައްޗަށް ރާއްޖެ ކުރި ހޯދީ 3-2 ލަނޑުންނެވެ. އެ މެޗުގައި ރާއްޖެ އަށް ލަނޑުތައް ޖަހާދީފައި ވަނީ މިހާރު ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) އާއި މުހުތާރު ނަޝީރު (ޓޫކިލޯ( އަދި އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. މިމެޗް ކުޅެފައި ވަނީ ގަލޮޅު ރަސްމީ ދަނޑުގަ އެވެ.
"ޓީމުގައި މިހާރު ތިބީ ކުރިން ރާއްޖެއާ ދެކޮޅަށް ކުޅުނު ކުޅުންތެރިންނެއް ނޫން. މިހާރު ތިބީ މޮޅެތި ކުޅުންތެރިން. އެ މެޗު ކުޅުން ފަހުން މިހާރު ފަސް އަހަރަށް ވުރެ ވެސް ގިނަ ވެއްޖެ. އެއީ މީގެ ދެ މަސް ކުރިން ކުޅުނު މެޗެއް ނޫން. އަހަރުމެން ރާއްޖެއާ ދެކޮޅަށް މާދަމާ ރޭ ނުކުންނާނީ މުޅިން އާ ހިތްވަރަކާ އެކު ކުރީގެ ހަދާންތައް ނައްތާލުމަށް،" ކޯޗު ތޯމަސް ޑޫލޭ ބުންޏެވެ.
ކޯޗް ޑޫލޭ ބުނީ، މާދަމާ ރޭގެ މެޗަށް ނުކުނަ އިރު ޓީމުގައި ސީރިއަސް އަނިޔާގެ މައްސަލައެއް ނެތް ކަމަށާއި އެހެން ކަމުން މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
މާދަމާ ރޭ ރާއްޖެއާ ދެކޮޅަށް ފިލިޕީންސް ނުކުންނައިރު، 2012 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖްކަޕްގައި ވެސް ޕިލިޕީންސް ނިންމާލީ ސެމީފައިނަލާ ހަމައިންނެވެ.