ފުވައްމުލަކުގެ ފެން ހިންދާ ނިޒާމު ހަރުދަނާ ކުރުމަށް ނިންމައި އެ މަސައްކަތް 4.4 މިލިއަން ރުފިޔާ އަށް މޯލްޑިވްސް ރޯޑްސް ޑިވަލޮޕްމެންޓް ކޯޕަރޭޝަނާ ސަރުކާރުން ހަވާލުކޮށްފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކޮރެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. އަދި މޯލްޑިވްސް ރޯޑްސް ޑިވަލޮޕްމެންޓް ކޯޕްރޭޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ނަޒީމް އެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިއަދުން ފެށިގެން ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ރޯޑްސް ޑިވަލޮޕްމެންޓް ކޯޕްރޭޝަނާ ހަވާލު ކުރި މަސައްކަތަކީ ފުވައްމުލަކުގެ ކިޅި އަދި ޗަަސްބިން ސަރަހައްދުގެ ފެންހިންދާ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކަމަށެވެ.

"މިނިސްޓްރީ އޮފް އެންވަޔަރަމެންޓާއި އަދި ރޯޑްސް ޑިވަލޮޕްމެންޓް ކޯޕަރޭޝަން އާ ދެމެދު މިއަދު ވެވުނު އެއްބަސްވުމަކީ ފުވައްމުލަކުގެ ކިޅި އަދި ޗަސްބިން ސަރަހައްދުގެ ފެންހިންދާ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް. މި މަސައްކަތުގެ އަގަކީ 4.4 މިލިޔަން ރުފިޔާ،" ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ހިލޭ އެހީގައި އުފައްދާފައިވާ ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑުން އެކުލަވާލާފައިވާ ވެޓްލޭންޑް ކޮންޒަވޭޝަން ޕްރޮޖެކްޓްގެ ދަށުން ކުރާ މަސައްކަތެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ފުވައްމުލަކުގައި ފެން ހިންދުމަށް ބޭނުންކުރާ ހަތަރު ކާނުގެ ފެންވަރު ރަނގަޅުކޮށް ރިހެބިލިޑޭޓް ކުރުމާއި ބަންޑާރަ ކިޅި އަދި ދަނޑިމަގި ކިޅީގެ "ހައިޑްރޯލިކް ކަނެކްޓިވިޓީ" އިތުރުކުރުމުގެ ގޮތުން ހަތަރު "ކަލްވާޓް ސިސްޓަމް" ގާއިމު ކުރާނެ ކަމަށެވެ. އަދި ފެން ހިންދުމަށް ބޭނުންކުރާ ތިން ކާނުގައި ފައިބާ ގްލާސް ލޮކް ހަރު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ އެ ޕްރޮޖެކްޓްގެ ދަށުން ފުވައްމުލަކަށް ހާއްސަކޮށްގެން ޑްރައިނޭޖް މެނޭޖްމެންޓް ޕްލޭނެއް ތައްޔާރު ކުރެވި އެ ޕްލޭން ރަށު ކައުންސިލާއި އަތޮޅު ކައުންސިލާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ތޯރިގު އިތުރަށް ވިދާޅުވީ އެ މަސައްކަތުގެ ސަބަބުން ފުވައްމުލަކަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ ކަމަށާއި އަދި އެ މަސައްކަތް ކަނޑައެޅިފައި މުއްދަތުގައި ނިންމުމަށް ރޯޑްސް ޑިވަލޮޕް މެންޓް ކޯޕްރޭޝަންގެ ފަރާތުން މިނިސްޓަރު އެދިވަދައިގެންނެވި އެވެ.