26 May 2014, 14:10
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ހުއްދަ އާއި އެކު، އަމިއްލަ ކޮލެޖެއް ކަމަށްވާ ސައިރިކްސް ކޮލެޖުން ރާއްޖޭގައި ފުރަތަމަ ފަހަރަށް މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ޕްރޮގްރާމެއް ފަރުމާކޮށް ތައާރަފްކޮށްފި އެވެ.
ސައިރިކްސް ކޮލެޖުގައި އެމްބީއޭ ޕްރޮގްރާމް ރަސްމީކޮށް ތައާރަފްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ޕްރޮގްރާމް ތައާރަފްކޮށް ދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމެވެ.
ސައިރިކްސްގެ އެމްބީއޭ ޕްރޮގްރާމާއި ގުޅޭގޮތުން 'ސަން' އަށް މައުލޫމާތު ދެއްވަމުން ސައިރިކްސް ކޮލެޖްގެ ޑީން އިބްރާހިމް ވަހީދު ވިދާޅުވީ، ސައިރިކްސްގެ އެމްބީއޭ ޕްރޮގްރާމަކީ އެ ކޮލެޖުން އަމިއްލަ އަށް ފަރުމާކޮށް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ހުއްދަ އާއި އެކު ރާއްޖޭގައި ފަށާ ފުރަތަމަ އެމްބީއޭ ޕްރޮގްރާމް ކަމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ ބިޒްނަސް އަދި ފައިނޭންސިންގެ ދާއިރާގެ ފުންނާބު އުސް ލެކްޗަރުންނާއި ރާއްޖޭން ބޭރުގެ ލެކްޗަރުން ކިޔަވައިދެއްވާނެ އެ ޕްރޮގްރާމް ކުރިއަށްދާނީ ބްލޮކް މޯޑަށް ކަމަށާއި ކޯސް ދެ ޕްރޮގްރާމަކަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
"އަޅުނގަޑުމެން ތައާރަފް މިކުރަނީ އެއް އަހަރުގެ ޕްރޮގްރާމަކާއި ދެ އަހަރުގެ ޕްރޮގްރާމެއް. އެއް އަހަރުގެ ޕްރޮގްރާމުގައި މާސްޓާސްގައި ހަދަންޖެހޭ ރިސާޗް ނުހަދާ ސެޓްފިކެޓް ހާސިލްކުރެވޭނެ. ދެ އަހަރުގެ ކޯހުގައި ރިސާޗް ހަދަންޖެހޭނެ،" ވަހީދު ވިދާޅުވި އެވެ.
ސައިރިކްސް އިން ބުނީ، އެއް އަހަރުގެ ޕްރޮގްރާމްގައި ނުވަ މޮޑެލެއް ހިމެނޭއިރު ދެ އަހަރުގެ މޮޑެލްގައި ހިމެނެނީ 12 މޮޑެލެއް ހިމެނޭ ކަމަށެވެ.
ވަހީދު ވިދާޅުވީ، ސައިރިކްސް އިން ޖުލައި މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ އެ ޕްރޮގްރާމްގެ އެއް އަހަރުގެ ޕްރޮގްރާމްގެ ފީ އަކީ މޮޑެލް އަކަށް 5000 ރުފިޔާ ކަމަށާއި ދެ އަހަރުގެ ޕްރޮގްރާމްގެ ފީ އަކީ މޮޑެލްއަކަށް 5500 ރުފިޔާ ކަމަށެވެ.
ސައިރިކްސް ކޮލެޖުން ބުނީ، ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފުރުސަތު ހުޅުވާލާފައިވާއިރު މުއްދަތު ހަމަވާނީ ޖުލައި މަހުގެ ފަހުކޮޅަށް ކަމަށެވެ.