ސޫރިޔާގައި ހިނގަމުން އަންނަ އަހުލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިވެހިން ދިޔަ ކަމަށް ބުނާ މައްސަލަ އަންނަނީ ބަލަމުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ "އެފަދަ މައްސަލައެއް ބަލަމުން އަންނަ" ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ނުދެއްވައެވެ.

"އެމައްސަލަ ފުލުހުން ބަލަން ފެށީ ބަޔަކު އެ މައްސަލަ ހުށަހެޅުމުންތޯ" ސަން އިން ދެންނެވުމުން ވެސް އޮފިޝަލް ވިދާޅުވީ އިތުރު ތަފުސީލު ދެއްވެން ނެތް ކަމަށެވެ.

ސޫރިޔާގެ ހަނގުރާމައަށް ދިޔަ ދިވެއްސަކު "ޖާނުން ފިދާވެގެން ދިން" ބޮމުގެ ހަމަލާއެއްގައި މަރުވި ކަމަށް "ބިލާދުއް ޝާމް" ގެ ނަމުގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މީހަކު އިއްޔެ ވަނީ ހަބަރު ފަތުރާފަ އެވެ. އޭނާ ވަނީ ދިވެއްސެއް ކަމަށް ބުނާ މީހާގެ ބައެއް ފޮޓޯތައް ވެސް އޭނާ ވަނީ އާއްމުކޮށްފައެވެ. ޖާނުން ފިދާވާން ދިއުމުގެ ކުރިން ވަދާއީ ސަލާމް ކުރަނިކޮށް ނަގާއިވާ ކަމަށް ބުނާ ފޮޓޯއަކާއި އެހެން ހަނގުރާމަވެރިންނާ އެކު ބަޑި ހިފައިގެން އިށީނދެ އިންދައި ނަގާފައިވާ ފޮޓޯ އެއްވެސް ވަނީ އާއްމުކޮށްފައި ވެއެވެ.



އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ވެސް މިއަދު ވަނީ ބުންޏެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ އެ މިނިސްޓްރީ އިން ވެސް ބަލަމުން އަންނަ ކަމަށާއި އެކަން ބެލުމަށް ފަހު އާންމުންނާ ހިއްސާ ކުރަން ޖެހޭ މައުލޫމާތެއް އޮތް ނަމަ ހިއްސާ ކުރައްވާނެ ކަމަށެވެ.

އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން މިއަދު ބުންޏެވެ. ސޫރިއާ ހަނގުރާމައިގައި ދިވެއްސަކު ބައިވެރިވެ، މަރުވިކަމުގެ މައުލޫމާތެއް ލިބިފައި ވޭތޯ ދެންނެވުމުން އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން މޭޖާ ހުސައިން އަލީ ވިދާޅުވީ އެފަދަ އެއްވެސް މައުލޫމާތެއް އަދި ނުލިބޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ތިޔަ ފަދަ އެއްވެސް މައުލޫމާތެއް އަދި ނުލިބޭ،" އޭނާ ވިދާޅުވި އެވެ.