ތައިލެންޑްގައި މިމަހުގެ 22 ވަނަ ދުވަހު ގާއިމްކުރި އަސްކަރީ ވެރިކަމަށް އެގައުމުގެ ރަސްގެފާނު ބޫމްބިއަލް އަދުލްޔަދެޖް ތާއީދުކުރައްވާފައިވާ ކަމަށް އެގައުމުގެ ސިފައިން ބުނެފި އެވެ.

ވެރިރަށް ބެންކޮކްގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ތައި ސިފައިންގެ ވެރިޔާ ޖެނެރަލް ޕްރަޔޫތު ޗާން އޮންޗާ ވިދާޅުވި ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ސިފައިންގެ ވެރިކަމަށް ރަސްގެފާނު ތާއީދުކުރައްވާ ކަމަށާއި ބައިބައިވުން އުފައްދާ ނަމަ ކުރިން (1932ގައި އޮތް ގާނޫނު އަސާސީއާއި ޕާލަމެންޓާ ނުލައި ހިންގާ ރަސްކަން މިހާރު ފަހުން އޮތް ގޮތަށް ބަދަލުކުރުމުގެ ކުރިން) އޮތް ގޮތަށް އިއާދަވެދާނެ ކަމަށެވެ.

ޖެނެރަލް ޕްރަޔޫތު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސިފައިން ވެރިކަމާ ހަވާލުވި ހަވާލުވުން (ބަޣާވާތް) ދިފާއު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ހަތް މަސް ދުވަސް ވަންދެން ސަރުކާރާ އިދިކޮޅު މީހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކަށް ފަހު ސިފައިން ފިޔަވަޅު އަޅަން ޖެހުނީ ހަމަޖެހުން ގާއިމްކުރަން ކަމަށެވެ.

"މިހާރު ގައުމަށް އެންމެ މުހިއްމީ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުން. ދެކޮޅުވެރިކަން ބޮޑުވެ، ތަޅާފޮޅުން ފެށިދާނެ ކަމުގެ ބިރު ހީވީމާ އަހަރެމެންނަށް ޖެހުނީ ފިޔަވަޅު އަޅަން،" އޭނާ ވިދާޅުވެފައި ވެއެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ އެއްވެސް މީހަކާ ޖަދަލުކުރައްވަން ބޭނުންވެވަޑައިނުގަންނަވާ ކަމަށާއި މަގުސަދު ސާފު ކަމަށާއި ދެފުށް ފެންނަ ގޮތެއްގައި ( ސިފައިން) ދެމިތިބޭނެ ކަމަށެވެ.

"އަހަރެން މިހިރީ އެއްވެސް މީހަކާ ޖަދަލުކުރާކަށް ނޫން. އަހަރެމެންގެ މަގުސަދު ސާފު، އަހަރެމެން ތިބޭނީ ދެފުށް ފެންނަ ގޮތެއްގައި. ފާޑުކިޔާނެ ކަމެއް ނެތް. މައްސަލަތައް އުފައްދާނެ ކަމެއް ނެތް. އެއީ ބޭނުން ހުރި ކަމެއް ނޫން." ޖެނެރަލް ވިދާޅުވެފައިވެ އެވެ.