އޭއެފްސީ ޗެލެންޖް ކަޕްގައި މާދަމާ ރޭ ރާއްޖެ އާއި ފިލިޕީންސް ވާދަކުރާ ސެމީ ފައިނަލު މެޗުގެ ޓިކެޓް ފިލިޕީންސް ސަޕޯޓަރުންނަށް މިއަދު 3:00 ގައި ވިއްކަން ފަށާނެ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

ރާއްޖޭގެ ފުޓް ބޯޅައިގެ މައި އިދާރާ އިން ބުނީ، އޭއެފްސީގެ އިރުޝާދުގެ މަތިން ފިލިޕީން ސަޕޯޓަރުންނަށް ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ ސްޓޭޑިއަމްގެ އަށް ޕަސެންޓް ކަމުން، ފިލިޕީންސް ޓީމަށް ސެމީ ފައިނަލުން ދޫކުރާނީ 664 ޓިކެޓް ކަމަށެވެ.

އެފްއޭއެމް އިން ބުނީ، ފިލިޕީންސް ސަޕޯޓަރުންނަށް ޓިކެޓް ވިއްކަން ހަމަޖެހިފައި ވަނީ މިއަދު 3:00 އިން ފެށިގެން އެފްއޭއެމް އިން ކަމަށެވެ. އަދި ޓިކެޓް ވިއްކާނީ، ޕާސްޕޯޓް ނުވަތަ ވޯކް ޕާމިޓް ކާޑު ހިފައިގެން އައުމުން ކޮންމެ މީހަކަށް އެއް ޓިކެޓް ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

ފިލިޕީންސް ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވާ ޓިކެޓްގެ ތެރެއިން އެއްވެސް ޓިކެޓެއް ދިވެއްސަކަށް ވެސް އަދި އެެހެން ގައުމެއްގެ ރައްޔިތަކަށް ވެސް ނުވިއްކާނެ ކަމަށާއި ޓިކެޓާ ބެހޭ މައުލޫމާތު އޭއެފްސީ އަށާއި ފިލިޕީންސް ޓީމުގެ އޮފިޝަލުންނަށް ވެސް ހިއްސާކޮށްފައިވާނެ ކަމަށް އެފްއޭއެމް އިން ބުންޏެވެ.

ފިލިޕީންސް ސަޕޯޓަރުންނަށް މިއަދު 3:00 ގައި ޓިކެޓް ވިއްކަން ފަށާފައިވާ އިރު، ސެމީ ފައިނަލުގެ ޓިކެޓް މިއަދު ހެނދުނު 9:30 އިން ފެށިގެން ގަލޮޅު ދަނޑުގައި މަޖީދީ މަގު، އޮލިމްޕަސް ކަންމައްޗަށް ވާގޮތަށް ހުންނަ ގޭޓުން ވަނީ ވިއްކަން ފަށައިފަ އެވެ.

އެފްއޭއެމުން ބުނެފައި ވަނީ، މިއަދު ވިއްކާނީ ސެމީ ފައިނަލްގެ 150 ޓިކެޓާއި ފައިނަލް މެޗުގެ 1000 ޓިކެޓް ކަމަށެވެ.

ނަމަވެސް ސެމީ ފައިނަލްގެ ޓިކެޓް އެއްކޮށް ވިއްކާ ގަޑީގައި، ޓިކެޓު ނަގާއިރު ލިބޭނީ ކޮންމެ މީހަކަށް އެއް ޓިކެޓު ކަމަށް އެފްއޭއެމުން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި އެ އިދާރާގެ ރައީސް އިލްހާމް އަހްމަދު ވަނީ، ވިދާޅުވެފަ އެވެ.

"އެއީ ސެމީ ފައިނަލް ނަމަ ސެމީ ފައިނަލް. ފައިނަލް ނަމަ ފައިނަލް. ދެ މެޗަކަށް އެކަކަށް ޓިކެޓެއް ނުލިބޭނެ،" އިލްހާމް އިއްޔެ ވިދާޅުވި އެވެ.

އޭއެފްސީ ޗެލެންޖް ކަޕްގެ ސެމީ ފައިނަލުގައި މާދަމާ ރޭ ފިލިޕީންސް ދެކޮޅަށް ރާއްޖެ ނުކުންނަ އިރު ސެމީ ފައިނަލްގެ އަނެއް މެޗުގައި އަފްޣާނިސްތާން ނިކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.