26 May 2014, 12:30
ރައްޔިތުން މަޖިލީހުގެ މެމްބަރުނަށް ލިބިދީފައިވާ ބާރުތަކާއި އިމްތިޔާޒުތަކަކީ އެހެން މުވައްސަސާއަކަށް އަތުލެވޭނެ އެއްޗެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އަށާރަ ވަނަ ރައްޔިތުން މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރުނަށް ހާއްސަކޮށްގެން ޓްރޭޑާސް ހޮޓެލްގައި މިއަދު ކުރިއަށްގެންދާ އޮރިއެންޓޭޝަނުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ރައްޔިތުން މަޖިލީސް މެމްބަރުނަށް އަދާކުރަން ޖެހޭ މަސައްކަތްތަކީ ގާނޫނު އަސާސީން މަތިކޮށްފައިވާ އަމާނެތެއް ކަމަށާއި އެ އަމާނާތް އެހެން މުވައްސަސާއަކަށް ހަނި ނުކުރެވޭނެ ކަމަށެވެ.
"ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ގާނޫނު އަސާސީ އިން ރައްޔިތުން މަޖިލީހަށް ދީފައިވާ ބާރުތައް، ދީފައިވާ އިމްތިޔާޒުތައް އެހެން އެއްވެސް ފަރާތަކަށް އަތުލެވޭނެ އިމްތިޔާޒްތަކެއް ނޫންކަން. ތިޔަ އިން ކޮންމެ މެންބަރަކީ ސީދާ ރައްޔިތުން އިންތިހާބުކޮށްފައިވާ މެންބަރެއް. ތިޔަ ބޭފުޅުނަށް ހަވާލުވެފައިވާ އަމާނަތަކީ ގާނޫނު އަސާސީން ހަވާލުވެފައިވާ އަމާނާތެއް. އެ އަމާނާތް އަތުލެވޭނެ، އެ އަމާނާތް ހަނިކުރެވޭނެ އިތުރު އެއްވެސް މުވައްސަސާއެއް މި ދިވެހި ރާއްޖެ އަކު ނުހުންނާނެ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މެންބަރުންގެ އިމްތިޔާޒުތަކާ ބެހޭ ގާނޫނެއް ހަދަން ޖެހުނީ މެންބަރުންނާ މެދު އަމަލުކޮށްފައިވާ ގޮތުގެ ތަޖުރިބާތަކަށް ބެލުމަށް ފަހު ކަމަށެވެ. އެގޮތުން ދައުލަތުގެ ހައްޔަރުގައި މެންބަރަކު ހުންނަވަނިކޮން މަޖިލީހުގެ ވޯޓެއް ނުނެގޭނެ ކަމަށް ކަނޑައެޅީ ސިޔާސީ ބޭނުމަކަށް މެންބަރުން ހައްޔަރުގައި ބަހައްޓާފައި ވާތީ ކަމަށް ޝާހިދު ފާހަގަ ކުރެއްވި އެވެ.
އޭގެ އިތުރުން ޑިމޮކްރަސީގެ ނިޒާމާ މެދު ރައްޔިތުން ހިތުގައި އުފެދިފައިވާ ނުތަވަސްކަން ކުރިއަށް އޮތް 18 ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މަސައްކަތުން ފިލުވާދެއްވާނެ ކަމަށް އުއްމީދު ކުރައްވާނެ ކަމުގައި ޝާހިދު ވިދާޅުވި އެވެ.
މިއަދު ކުރިއަށްދާ އޮރިއެންޓޭޝަނުގެ ބޭނުމަކީ މެންބަރުން ޑިމޮކުރަސީ އަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށް ވިދާޅުވި އެވެ. އަށާރަ ވަނަ ރައްޔިތުން މަޖިލިސް މެންބަރުން ހުވާކުރެއްވުވުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު އެވެ.