26 May 2014, 12:14
ފިއުލް ސަޕްލައި މޯލްޑިވްސް އަށް ހަ މިލިއަން ރުފިޔާ ދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅު ހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ބޮޑު ހިއްސާއެއް އޮންނަ ހެވީލޯޑް މޯލްޑިވްސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން އިއްޔެ ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހެވީ ލޯޑުން ފިއުލް ސަޕުލައި އަށް ދިނުމަށް ހުކުމްކޮށްފައި ވަނީ ފިއުލް ސަޕުލައި އިން އެކި ފަހަރު މަތިން ހެވީ ލޯޑަށް ދޫކޮށްފައިވާ ތެލަށް ފައިސާ ދައްކާފައި ނުވާތީ އެ ފައިސާ އާއި ފައިސާ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ ހިމަނައިގެން ކަމަށެވެ. އެ ފައިސާ އަށް ޖުމުލަ 6833916 ރުފިޔާ އަރަ އެވެ.
އެ ހުކުމް ކޮށްފައި ވަނީ ހެވީލޯޑްގެ ގައިރު ހާޒިރުގަ އެވެ.
އިއްޔެ ކޮށްފައިވާ އެ ހުކުމުގައި ބުނެފައި ވަނީ އެ ފައިސާ ނުދައްކާކަން ހެވީ ލޯޑްގެ ބަހުން އެގެން އޮތް ކަމަށެވެ. އެ ފައިސާ ހޯދަން ޖެހޭނީ ހެވީލޯޑުން ބަލަހައްޓަމުން ދިޔަ ތިލަފުށީ ކޯޕަރޭޝަނަށް ކަމަށް ހެވީ ލޯޑާއި ފިއުލްސަޕްލައިއާ ދެމެދު ހަދާފައިވާ އެބަސް ވުމުގައި ބުނެފައިވާނެ ކަމަށް ހެވީލޯޑުން ބުނި ނަމަވެސް ހުކުމުގައި ބުނެފައި ވަނީ އެއީ އިހުތިޔާރީ ކަމެއް ކަމަށާއި އަދި އެއީ ފައިސާ ދެއްކުމުން ބަރީއަ ވެވޭނެ ކަމެއް ނޫން ކަމަށެވެ.
ހެވީ ލޯޑް މޯލްޑިވްސް އާއި އެ ކުންފުނީގެ ވެރިންނަށް މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ (އެމްއެފްއެލްސީ) އިން ދޫކޮށްފައިވާ އުޅަނދުފަހަރުތަކަކަށްވާ ފައިސާ އެއްބަސްވުމާ އެއްގޮތަށް ނުދައްކައިގެން 1.3 މިލިއަން ރުފިޔާ ދެއްކުމަށް ހެވީލޯޑާއި އެ ކުންފުނީގެ ވެރިންގެ މައްޗަށް މިދިޔަ އަހަރުގެ ފަހުކޮލުގައި ވެސް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފި އެވެ.