26 May 2014, 11:56
އޭއެފްސީ ޗެލެންޖް ކަޕްގައި މާދަމާ ރޭ ފިލިޕީންސާ ދެކޮޅަށް ދިވެހި ގައުމީ ޓީމު ނުކުންނާނީ ވަރުގަދަ ކުރިމަތިލުމަކަށް ކަމަށް ގައުމީ ޓީމުގެ ކޯޗު ޑްރާގޯ މަމިޗް ބުނެފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ރޭ 9:00 ގައި ކުޅޭ މެޗުގެ ކުރިން މިއަދު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި ނޫސްކޮންފަރެންސްގައި ގައުމީ ކޯޗް މަމިޗް ބުނީ، ޓީމުގައި މި ވަގުތު އޮތް ސްކޮޑާ މެދު ވަރަށް ހިތް ހަމަޖެހޭ ކަމަށާއި މާދަމާ ރޭގެ މެޗަކީ ވަރަށް ވާދަވެރި މެޗަކަށް ވުމުން، ޓީމް ނުކުންނާނީ ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗަށް ވުރެ، މާދަމާ ރޭގެ މެޗަކީ ވަރުގަދަ ކުރިމަތިލުމެއް ކަމަށް ދެކިގެން މެޗުން މޮޅުވުމުގެ އުންމީދުގައި ކަމަށެވެ.
"ޓީމުގެ ސްކޮޑާ މެދު ވެސް ވަރަށް ހިތް ހަމަޖެހޭ. ސްކޮޑުގައި ބަލިއޭ ބުނާނެ ހަމަ އެންމެ ކުޅުންތެރިއެއް ވެސް ނެތް. މާދަމާރޭގެ ފުރަތަމަ 11 ގައި ނުހިމެނި ބެންޗުގައި ތިންބޭ ކުޅުންތެރިންނަކީ ވެސް މޮޅެތި ކުޅުންތެރިން. ފަހަރެއްގައި އެއިން ކުޅުންތެރިއަކު އަރަން ޖެހިދާނެ. އަހަރުމެން މާދަމާ ނުކުންނާނީ ވަރުގަދަ ކުރިމަތި ލުމަކަށް،" ކޯޗް މަމިޗް ބުންޏެވެ.
ކޯޗް ބުނީ، ސެމީގައި ރާއްޖެއާ ދެކޮޅަށް ނުކުންނަ ފިލިޕީންސް ޓީމަކީ ސެމީއަށް ދަތުރު ކުރި ޓީމް ތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ މޮޅު ޓީމެއް ކަމަށާއި އެގޮތުން ފިލިޕީންސް ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށެވެ. އަދި ފިލިޕީންސް ޓީމުގެ މޮޅެތި ކުޅުންތެރިން ހިފެހެއްޓުމަށް ދިވެހި ކުޅުންތެރިން މެޗް ނިމެންދެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެބޮތް ކަމަށް ވެސް ކޯޗް މަމިޗް ބުންޏެވެ.
"ފިލިޕީންސް ޓީމުން ފަހަގަ ކޮށްލެވޭ މޮޅެތި ކުޅުންތެރިން ހިފެހެއްޓުމަށް ދިވެހި ޓީމުގެ ކުޅުންތެރިން ވަރަށް މަސައްކަތް ކުރާނެ. ޓީމުގައި ސީރިއަށް އަނިޔާއެއް ނެތް. ހުރިހާ ކުޅުންތެރިން ވެސް ތިބީ މާދަމާ ރޭގެ މެޗަށް ނުކުންނަން ތައްޔާރަށް" މަމިޗް ބުންޏެވެ.
ކޯޗް މަމިޗް ބުނީ، ދިވެހި ޓީމުގެ ހުރިހާ ވެސް ކާމިޔާބީއަކީ ޓީމުގެ 12 ވަނަ ކުޅުންތެރިޔާ ކަމަށާއި އެކުޅުންތެރިޔާގެ މަސައްކަތަކީ މެޗް ފެށުނީސުރެ، މެޗް ނިމެންދެން ޓީމަށް ހިތް ވަރުދީ ސަޕޯޓް ކުރުމަށް ޓީމުގެ ފަހަތުގައި ތިބުން ކަމަށެވެ.