އަފްޣާނިސްތާން ގައުމީ ޓީމު ގޮވައިގެން ދަތުރުކުރި ބަސް އެކްސިޑެންޓްވުމުގައި "މެދުވެރިޔަކަށްވި" ޒުވާނާގެ އަތުން ވެސް ތިން އިނގިއްޔެއް ބިނދިފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.

އަފްޣާނިސްތާނުގެ ގައުމީ ޓީމު ގޮވައިގެން ދަނިކޮށް ކުއްލިއަކަށް ބަހާ އެކު ދިޔަ މޮޓޯކޭޑް ކުރިމަތިން ހުރަސްކުރަން އުޅުނު ސ. ފޭދޫ، ކިއުޕިޑް، މުހައްމަދު ޒަޔާން، 21،ގެ ފައިގެ އިނގިއްޔެއް ވެސް އެ އެކްސިޑެންޓްގައި ވަނީ ވަކިވެފަ އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ މިއަދު ސަން އަށް ވިދާޅުވީ އެ އެކްސިޑެންޓްގައި އޭނާގެ ފައިން އިނގިއްޔެ ވަކިވެފައިވާ އިރު ވާއަތުގެ ތިން އިނގިއްޔެއް ވެސް ބިނދިފައިވާ ކަމަށެވެ. އަދި ބިނދިފައިވާ އަތުގެ އިނގިލިތައް ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ފައިން ވަކިވި އިނގިލި އަލުން ބޭނުން ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކްސިޑެންޓްވި ޒުވާނާގެ ހާލަތު މިހާރު ސްޓޭބަލް ނަމަވެސް ފަރުވާ ފުރިހަމަ ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިތަނަށް ގެނައި އިރުވެސް ފައިގެ އިނގިލި ބުޑުން އިނީ ވަކިވެފައި. އިނގިލި އެކްސިޑެންޓަށް ފަހު ނެތް. އެހެންވީމާ އެ އިނގިލި ދެން ނުއިންނާނެ. ނަމަވެސް އަތުގެ އިނގިލިތަކަށް ފަރުވާދެމުން މިގެންދަނީ،" ހަފްސާ ވިދާޅުވި އެވެ.

އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން އެ ޒުވާނާގެ އަތުގައި ލައިސަންސް ވެސް ނެތް ކަމަށާއި އަދި އޭނާގެ ޔޫރިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އޮޕިއޭޓް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.'

އަފްޣާނިސްތާނުގެ ފަސް ކުޅުންތެރިންނާއި ދެ އޮފިޝަލުންނަށް އެކިވަރުގެ އަނިޔާލިބިފައިވާ އިރު، ހަ ފުލުހަކަށް ވެސް އެކްސިޑެންޓްގައި އެކިވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ.