އޮސްޓްރޭލިޔާއަށް މިހާރު ކުރިމަތިވެފައިވާ ފެން ބޮޑުވުމުގެ ކާރިސާގައި ވޭތުވެދިޔަ ބައި ޤަރުނުގެ ތެރޭގައި އެ ޤައުމަށް ކުރިމަތިވި އެންމެބޮޑު ޤުދްރަތީ ކާރިސާކަމަށް އެޤައުމުގެ ސަރުކާރުން ބުނެފި އެވެ.


ފެން ބޮޑުވުމުގެ ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ކުވިންޒްލޭންޑް ގެ މަސްއޫލުވެރިން ވިދާޅުވިގޮތުގައި މިކާރިސާގެ ސަބަބުން އެސްޓޭޓަށް ލިބުނު ގެއްލުމުގެ މިންވަރު އެތަށް ބިލިޔަން އެމެރިކާ ޑޮލަރަށް އަރާނެއެވެ.


މިގެއްލުންތަކުގެ ތެރޭގައި ދަނޑުބިންތަކުގެ ބޮޑު ބައެއް ހަލާކުވުމާއި ބޯޓުދެލި ނަގާ އެތަށް މައިނެއް ބަންދު ކުރަންޖެހުމާއި ކަނޑުގެ ބަނަދަރުތައް ބަންދުކުރަންޖެހުމާއި އިންފްރާސްޓްރަކްޗަރާއި ގެދޮރު ހަލާކުވުން ފަދަ ކަންތައްތައް ހިމެނެއެވެ. އޮސްޓްރޭލިޔާއިން ބޭރުކުރާ ހަކުރުގެ ޝިޕްމަންޓްތަކަށް މިކާރިސާގެ ސަބަބުންވަނީ ބުރޫ އަރާފަ އެވެ. އޮސްޓްރޭލިޔާއަކީ އަހަރަކު ހަތަރުލައްކަ ޓަނުގެ ހަކުރު އެކްސްޕޯޓް ކުރާ ޤައުމެކެވެ.


އޮސްޓްރޭލިޔާއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ކާރިސާގައި ފަރަންސޭސިވިލާތާއި ޖަރުމަނަށްވުރެވެސް ބޮޑު ސަރަޙައްދެއް ވަނީ ފެނުގެ އަޑީގައެވެ. މިކަމުގެ ސަބަބުން 22 ރަށެއް ފެނުގެ އަޑިއަށް ގޮސް ދެލައްކައަށްވުރެ ގިނަމީހުންނަށްވަނީ ދަތުރުކުރެވޭގޮތް ނުވެފައެވެ. ފެންބޮޑުވި ސަރަޙައްދުތަކުގައި ބަލިމަޑުކަން ފެތުރިދާނެކަމުގެ ބިރު ހީވެފައިވާ ކަމަށްވެސް އޮސްޓްރޭލިޔާ ސަރުކާރުން ބުނެއެވެ. އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ޖޫލިޔާން ގިލާޑްވަނީ ފެންބޮޑުވި ސަރަޙައްދުތަކަށް ޒިޔާރަތް ކުރައްވާފައެވެ.