26 May 2014, 10:24
އާ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ، ސަރުކާރު ހިންގާ ކޮލިޝަން ތެރޭގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމަށް ޖެހިވަޑައިގަންނަވާނީ ނަންފުޅު އަނބުރާ ގެންދަވަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ނަރެންދުރާ މޯދީ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާ އަށް މިއަދު ފުރާވަޑައިގަތުމުގެ ކުރިން މީޑިއާ އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމަށް ކޯލިޝަނުން ނެރޭނެ މެންބަރު ނިންމެވުމާ ގުޅޭ ގޮތުން ގާސިމާ އެކު މަޝްވަރާ ކުރެއްވުމަށް މަސައްކަތްތަކެއް ޕީޕީއެމުން ކޮށްފައިވާނެ ކަމަށެވެ.
ނަމަވެސް މަޝްވަރާ ކުރެއްވުމަށް އެ ޕާޓީން މިހާތަނަށް ދިން ދެ ދައުވަތަށް ވެސް ގާސިމް ޖަވާބު ދެއްވާފައިނުވާ ކަމަށާއި ދެން ޖެހޭނީ ގާސިމްގެ ނަންފުޅު ނަންގަވަން ކަމަށް ރައީސް ވިދާޅުވި އެވެ.
"ޕާޓީން އެންމެ ފަހުން ފޮނުވި ސިޓީ އަށް ރައްދެއް ނުދެއްވާ. މަޝްވަރާގެ ދޮރު އަދި ވެސް އޮތީ ހުޅުވިފައި. ދެން އެކަމުގައި ޕީޕީއެމް އިން ކޮށްދެވޭނީ ކޮންކަމެއް ކަމެއް ނޭނގޭ. ދެން ޖެހޭނީ ގާސިމްގެ ނަންފުޅު ނަންގަވަން،" ރައީސް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ކަމަށް ގާސިމް ކުރި މަތިލެއްވުމުން ދިމާވާނެ މައްސަލަތައް "ގާސިމަށް އެކަން ގަބޫލު ނުކުރެއްވެނީ" ކަމަށް ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމަށް ގާސިމް ކުރިމަތިލައްވާ ނަމަ ކޯލިޝަންގެ ތެރޭގައި އޮތް އެކުވެރިކަމަށް ބުރޫ އަރާނެ ކަމަށެވެ.
"ޝައްކެތް ވެސް ނެތް ކޯލިޝަންގައި އޮންނަ އެކުވެރިކަމަށް ބުރުލެއް އަރާނެ. ކޯލިޝަނަކީ ކޯލިޝަންތެރޭގައި ހުރި ހުރިހާ ޕާޓީތަކުގެ ގުޅުން. އާއްމު އުސޫލަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މެޖޯރިޓީ ގޮނޑި ނަގާ ބަޔަކު ސްޕީކަރެއް ދައްކާނީ. ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އެހެން ޕާތީތަކުން ބޭބޭފުޅުންގެ ނަންފުޅު ދެއްކެވުމަކީ އާއްމުކޮށް ކުރާ ކަމެއް ނޫން. އެއީ އުސޫލާ ހިލާފު ކަމެއް،" ރައީސް ވިދާޅުވި އެވެ.
ގާސިމްގެ ނަންފުޅު ނެންގެވުމަށް ރައީސް އެދިވަޑައިގަންނަވާ އިރު، މަޖިލީހުގެ ރައީސަކަށް ގާސިމު ގެނައުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރައްވާނެ ކަމަށް އެ ޕާޓީގެ ވަގުތީ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް އާ މަޖިލީހުގައި 25 ގޮނޑި ކާމިޔާބުކޮށްފައިވާ އެމްޑީޕީ އިން ފަހުން ބުނެފައި ވަނީ އެ ޕާޓީން ތާއީދު ކުރާނީ އެެ ޕާޓީގެ ޝަރުތުތައް ގަބޫލުކުރާ ކެންޑިޑޭޓަކަށް ކަމަށެވެ.
އަށްޑިހަ ފަސް ގޮނޑީގެ އާ މަޖިލީހުގެ ރައީސަކަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހާއި ނައިބު ރައީސަކަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް (އަދުރޭ) އިންތިހާބު ކޮށްދެއްވުމަށް މަޖިލީހަށް އިންތިހާބުވަޑައިގެންނެވި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނަށް ރައީސް ޔާމީން ވަނީ އިއްޔެ އިލްތިމާސް ކުރައްވައިފަ އެވެ.
ޖީއެމްއާރުގެ މައްސަލައާ ގުޅޭ ގޮތުން އިންޑިއާ އާ ސަރުކާރާ އެކު މަޝްވަރާ ކުރައްވާނެ ކަމަށް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެ އިން އިސްވެ އެ މައްސަލައެއް ނުނަންގަވާނެ ކަމަށެވެ. ނަމަވެސް އިންޑިއާ ސަރުކާރުން އެ މައްސަލަ ނަންގަވައިފި ނަމަ ދިވެހި ސަރުކާރުން ދެކޭ ގޮތް ދަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއާޕޯޓުގެ މައްސަލަ ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލުކުރެވެން އޮތް. އަޅުނގަޑުމެން އެކަމަށް އެދުނިން. ނަމަވެސް ދެ ފަރާތުން ވާހަކަ ދައްކައިގެން މިކަމަށް ހައްލެއް ހޯދަން ބޭނުންނުވާ ކަމަށް އަޅުނގަޑުމެންނަށް ހަބަރުތަކުގައި މިއޮތީ. އާބިޓްރޭޝާނުން ގޮތެއް ނިމުނީމާ އޭގެ ފަހުން ވާހަކަ ދައްކަން. މިހާރު ހިޔެއް ނުވޭ އެމީހުންގެ ޝައުގުވެރިކަމެއް އޮތްހެއް ނެތް. ލަފައެއްވެސް ނުކުރެވޭ އިންޑިއާ ސަރުކާރުން އެ މައްސަލަ މިފަހަރު ނަންގަވާނެ ކަމަކަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ދެ ގައުމުގެ ވެރިން ދެމެދު ރަސްމީ މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށާއި އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ފާހަގަކުރެއްވި މައްސަލަތަކަށް މިހާރުގެ ސަރުކާރާ އެކު އިތުރަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
"އިންޑިއާ އާއި ރާއްޖެ އާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުމުގެ ތެރެއިން، އިންޑިއާގެ އެކިއެކި އިންވެސްޓަރުން ރާއްޖޭގައި ކުރަން ނިންމާފައިވާ ކަންތައްތަކާއި އަދި ދިވެހި ދައުލަތަށް އިންޑިއާ ސަރުކާރުގެ ފަރާތުން ބޭނުންވާ ކަންތައްތައް މާދަމާ ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ސާކްގެ ބައެއް ގައުމުތަކުގެ ވެރިންނާ ވެސް އިންޑިއާގައި ބައްދަލުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.