26 May 2014, 10:12
ކިޔޭވް (މޭ 26) : ޔުކްރޭންގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިކަން އެއިންތިޚާބުގައި ވާދަކުރެއްވި ވިޔަފާރި ވެރިއެއް ކަމަށްވާ ބިތްރޯ ބޫރޯޝިންކޯ އިއްލާން ކުރައްވައިފި އެވެ.
ބޫރޯޝިންކޯ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓުގެ ތެރެއިން 55.9 އިންސައްތަ ވޯޓު އޭނާއަށް ލިބިވަޑައިގެންފައިވާކަން ކަށަވަރު ވެފައިވާ ކަމުގަ އެވެ. މީޑިޔާ ރިޕޯޓްތަކުން ވެސް ވަނީ މިކަން ހާމަވެފަ އެވެ. ނަމަވެސް ޔުކްރޭންގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އެއިދާރާ އިން ބުނީ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ މިއަދުގެ ވަގުތެއްގައި އިއުލާން ކުރާނެކަމުގަ އެވެ.
ޔުކްރޭންގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިކަން އިއުލާން ކުރެއްވި އުމުރުން 48 އަހަރުގެ ބިތްރޯ ބޫރޯޝިންކޯއަކީ ކާބޯތަކެތީގެ ސިނާއަތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ބިލިޔަނަރެކެވެ. ބޫރޯޝިންކޯ ވަނީ އޭނާގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކާ ސުލްހައިގެ ވާހަކަތައް ފަށައި ޔުކްރޭނަށް އެއްބައިވަންތަކަމާއި ހަމަޖެހުމާއި ސުލްޙަ ގެނައުމަށާއި ރަޝިޔާއާއި ޔުކްރޭންގެ ގޯސްވެފައިވާ ގުޅުންތައް ރަނގަނޅު ކުރުމަށް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް ޔުކްރޭންގެ ސަރަހައްދެއްގެ ގޮތުގައި ކުރިން އޮތް ކްރައިމިޔާ ސަރަހައްދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން އެސަރަހައްދު ރަޝިޔާގެ ބައެއްގެ ގޮތުގައި މިހާރު އޮތް އޮތުން ގަބޫލުނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔުކްރޭންގެ ރިޔާސީ އިންތިޚާބުގައި ބޫރޯޝިންކޯ އާ އެންމެ ގާތުން ވާދަކުރެއްވި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޔޫލިޔޯ ތިމޮޝިންކޯއަށް ލިބިވަޑައިގެންފައި ވަނީ 12 އިންސައްތަ ވޯޓު ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރަޝިޔާ އިން ވަނީ ޔުކްރޭންގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް އިހުތިރާމް ކުރާނެ ކަމަށް ބުނެފަ އެވެ. (ރޮއިޓާސް)