26 May 2014, 09:58
ގާހިރާ (މޭ 26): މިސްރުގައި މިއަދު ފެށޭ ރިޔާސީ އިންތިޚާބުގައި ބައިވެރިވެ ވޯޓުލުމަށް މިސްރުގެ ވަގުތީ ސަރުކާރުގެ ރައީސް އަދްލީ މަންސޫރު އެގައުމުގެ ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުލާން ފެށުމުގެ ކުރިން މިސްރުގެ ދައުލަތުގެ ރޭޑިޔޯ އާއި ޓީވީ މެދުވެރިކޮށް ރައްޔިތުންނަށް ރޭގައި ދެއްވި ޚިބާތެއްގައި އަދްލީ މަންސޫރު ވިދާޅުވީ މިސްރުގެ ރައްޔިތުން އިންތިޚާބުކުރާ ރައީސަކާ ވެރިކަން ޙަވާލުކުރުމަކީ ވަގުތީ ސަރުކާރުގެ މަގުޗާޓްގެ ދެވަނަ މަރްޙަލާގައި ހިމެނޭ ކަމެއް ކަމަށާއި މިކަން ކުރުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމުގަ އެވެ.
މިސްރުގެ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި މާހައުލެއްގައި މުސްތަގިއްލު މުއައްސަސާއެއްގެ ބެލުމުގެ ދަށުން ބާއްވާ އިންތިޚާބަކަށް ނުވާތީ މިއިންތިޚާބު ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބު ކުރައްވާނީ ކުރީގެ ރައީސް ޑރ. މުރުސީގެ ވެރިކަން މިދިޔަ އަހަރުގެ ޖުލައި މަހު ވައްޓާލުމުގައި އިސްކޮށް ހުންނެވި އޭރުގެ ސިފައިންގެ ވެރިޔާ އަދި ދިފާއީ ވަޒީރު މާޝަލް އަބްދުލްފައްތާޙް އައްސީސީ ކަމަށްވަނީ ބެލެވިފަ އެވެ.
ސީސީ އާ އެކު ރިޔާސީ އިންތިޚާބުގައި ވާދަކުރައް ވަނީ ވާތުފިޔައިގެ ފިކުރުގެ ވަރަށް ކުޑަޕާޓީއަކަށް ނިސްބަތްވާ ބޭފުޅެއް ކަމަށްވާ ހަމްދީން ސަބާޙީ އެވެ. ޢަސްކަރީ އިންގިލާބެއްގައި މަގާމުން ދުރުކޮށްފައިވާ މިސްރުގެ އިސްލާމީ ފިކުރުގެ ރައީސް ޑރ. މުޙައްމަދު މުރުސީގެ މައްޗަށް މިސްރުގެ ދައުލަތުގެ ފަރާތުން އެތައް ދައުވާއެއް އުފުލާފައިވާ އިރު ޑރ. މުރުސީ، މިސްރު ސިފައިންގެ ބެލުމުގެ ދަށުން ގާހިރާގެ ޖަލެއްގައި ހައްޔަރުކޮށްފައި ހުންނަވާތާ ވެސް މިހާރު ވަނީ 10 ވަރަކަށް މަސްވެފަ އެވެ.
ޑރ. މުރުސީއާއި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ އެއްވެސް ބޭފުޅަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމާއި ބައިވެރިވުން މަނާކޮށްފައިވާ އިރު މިސްރުގެ ސިޔާސީ މަސްރަހާއި އެގައުމުގެ ހުރިހާ މުއައްސަސާތަކެއް ވަނީ ސިފައިންގެ ބާރާއި ކޮންޓްރޯލްގެ ދަށުގަ އެވެ. އެހެންކަމުން މިސްރުގެ ރިޔާސީ އިންތިޚާބަކީ ޑިމޮކްރަސީގެ އެއްވެސް ކުލަވަރެއް ނެތް އަދި މިނިވަންކަމާއި އިންސާފުން އެއްކިބާވެފައިވާ އިންތިޚާބެއް ކަމަށް އަސްކަރީ އިންގިލާބާ ދެކޮޅަށް ހަރަކާތްތެރިވާ ފަރާތްތަކުން ސިފަކުރެ އެވެ.
މިއަދު ހެނދުނު ފެށޭ މިސްރުގެ ރިޔާސީ އިންތިޚާބު ދެދުވަހުގެ މުއްދަތަށް ކުރިޔަށްދާނެ އެވެ. މިއިންތިޚާބުގައި މިސްރުގެ 86 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން 54 މިލިޔަން މީހުންނަށް ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ ކަމަށް އިންތިޚާބުތަކާ ބެހޭ އެންމެ މަތީ ކޮމިޓީން ބުނެ އެވެ. މިސްރުގައި ރިޔާސީ އިންތިޚާބު ބާއްވާއިރު އަސްކަރީ އިންގިލާބާ އަދި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވޭ އަބްދުލްފައްތާޙް އައްސީސީ އާ އިދިކޮޅު ހަރަކާތްތަކާއި މުޒާހަރާތައް މިސްރުގެ ކަންކޮޅުތަކުގައި ވަނީ އާންމުވެފަ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ސީސީ އިސްކޮށް ހުންނަވައިގެން ޑރ. މުރުސީގެ އިންތިޚާބީ ވެރިކަން ވައްޓާލުމާ ގުޅިގެން އިޚްވާން ޖަމާއަތުންނާއި މުރުސީއަށް ތާއީދުކުރާ ފަރާތްތަކުން ފާއިތުވި 10 ވަރަކަށް މަސްތެރޭގައި ހިންގި އިހްތިޖާޖްގެ ހަރަކާތްތަކާ ދެކޮޅަށް މިސްރުގެ ސަލާމަތީ ބާރުތަކުން ދިން ޙަމަލާތަކުގައި ހަތަރު ހާހެއްހާ މީހުން މަރުވެ އެތައް ހާސްބަޔަކު ވަނީ ޒަޚަމްވެފަ އެވެ.
ސީސީ ވަނީ އޭނާ އަށް މިސްރުގެ ވެރިކަން ލިބިވަޑައިގެންފި ނަމަ ކުރީގެ ރައީސް ޑރ. މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ މިސްރުގެ އެންމެ ބޮޑު ސިޔާސީ ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތް ނޯންނާނެ ކަމަށާ އެޖަމާއަތް ވުޖޫދުން ފުހެލާނެ ކަމުގެ އިންޒާރުވެސް ދެއްވާފަ އެވެ. (އަލްޖަޒީރާ)