26 May 2014, 09:38
އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ފިލިޕީންސާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗް ވީހާ ގިނަ ބަޔަކަށް ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށް މާލޭގެ އެކިއެކި ސަރަހައްދުތަކުގައި ބޮޑު ސްކްރީން ބަހައްޓަން ކުޅިވަރާ ބެހޭ މިނިސްޓްރީން މަސައްކަތް ފަށައިފި އެވެ.
އޭއެފްސީ ޗެލެންޖު ކަޕުގެ ސެމީ ފައިނަލުން ރާއްޖެ ޖާގަ ހޯދުމުން ރައީސް ޔާމީން، ގައުމީ ޓީމަށް ދެއްވަން ނިންމަވާފައިވާ އެއް މިލިއަން ރުފިޔާގެ ފައިސާގެ އިނާމު ގައުމީ ޓީމާ ހަވާލުކުރުމަށް ރޭ ޓްރޭޑާސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ، ސަރުކާރުން މިހާރު މަސައްކަތް ފަށާފައި ވަނީ ވީހާ ވެސް ފުރިހަމަކަމާ އެކު ސެމީ ފައިނަލް މެޗް ވީހާ ވެސް ގިނަ ބަޔަކަށް ބެލޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ކަމަށާއި އެގޮތުން މާފަންނު ސްޓޭޑިއަމް އާއި ހެންވޭރު އަޑި ޕާކާއި އޮލިމްޕަހުގައި ވެސް ބޮޑު ސްކްރީން ހަރުކުރަން ނިންމާފައިވާ ކަަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް މިކުރަނީ ވީހާ ވެސް ގިނަ ބަޔަކަށް މެޗު ބެލޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް. އެގޮތުން މާލޭގެ އެކިއެކި ސަރަހައްދުތަކުގައި ބޮޑު ސްކްރީން ހަރު ކުރަން މިހާރު ވަނީ ނިންމައި، އެކަމުގެ މަސައްކަތް ވެސް ފަށައިފިން." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު ވިދާޅުވީ، ރައީސް ޔާމީން ގައުމީ ޓީމަށް ދެއްވި އެއް މިލިއަން ރުފިޔާ ވަރަށް އަމާނާތްތެރިކަމާ އެކު ކުޅުންތެރިންނަށް ބައްސަވާނެ ކަމަށާއި ގާސިމް އިބްރާހިމް ގައުމީ ޓީމަށް ދެއްވި ފަސް ލައްކަ ރުފިޔާ ވެސް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ކުޅުންތެރިންގެ އެކައުންޓަށް ޖަމާ ކުރައްވާނެ ކަމަށެވެ. އަދި ގައުމީ ޓީމް ފައިނަލަށް ދަތުރުކޮށްފި ނަމަ އިތުރު އެއް މިލިއަން ރުފިޔާ ދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވުމުން އެކަމަށް ޓަކައި ގައުމީ ޓީމާއި އެފްއޭއެމްގެ ނަމުގައި ރައީސް ޔާމީނަށް އިލްހާމް ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.
އިލްހާމް ވިދާޅުވީ، ގައުމީ ޓީމަށް ފައިސާގެ އިނާމް ހުށަހަޅުއްވަން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް އެ ފުރުސަތު އެބޮތް ކަމަށާއި މިއީ ޓީމަށް ހިތްވަރު ދިނުމަށްޓަކައި ކޮންމެ ފަރާތަކަށް ވެސް ކުރެވެން އޮތް ކަމެއް ކަމަށެވެ.
ރޭގެ ރަސްމިއްޔާތަށް ފަހު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑްރާގޯ މަމިޗްގެ އުފަން ދުވަސް ފާހަގަކުރުމަށް ކޭކެއްފެޅުން އޮތެވެ. އަދި ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރާއި އެފްއޭއެމްގެ އިސް ވެރިންގެ އިތުރުން ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ބައިވެރިވި އެވެ.