26 May 2014, 09:05
ސޫރިޔާގައި ހިނގަމުންދާ އަހުލީ ހަނގުރާމައިގައި ދިވެއްސަކު ބައިވެރިވެ، މަރުވިކަމުގެ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށް ފުލުހުންނާއި ސިފައިން ބުނެފި އެވެ.
ސޫރިއާ ހަނގުރާމައިގައި ދިވެއްސަކު ބައިވެރިވެ، މަރުވިކަމުގެ މައުލޫމާތެއް ލިބިފައި ވޭތޯ ދެންނެވުމުން އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން މޭޖާ ހުސައިން އަލީ ވިދާޅުވީ އެފަދަ އެއްވެސް މައުލޫމާތެއް އަދި ނުލިބޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ތިޔަ ފަދަ އެއްވެސް މައުލޫމާތެއް އަދި ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެފަދަ ކަމެއްގެ މައުލޫމާތު ފުލުހުންގެ މައި އިދާރާ އަށް އަދި ލިބިފައި ނުވާ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް ފުލުހުންގެ އެއްވެސް ޑިޕާޓްމެންޓަކަށް ލިބިފައިވޭތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ.
" އަޅުގަނޑުމެން މިއަންނީ ބަލަމުން ފުލުހުންގެ އެއްވެސް ޑިޕާޓްމެންޓަކަށް ތިޔަ ފަދަ މައުލޫމާތެއް ލިބިފައިވޭތޯ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ބިލާދުއް ޝާމް ނަމަކަށް ކިޔާ ވެރިފައި ނުކުރާ ޓްވިޓާ އެކައުންޓަކާ ހަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ފެތުރިފައިވާ އެހަބަރުގައި ބުނެފައިވަނީ ސޫރިޔާ ހަނގުރާމައަށް ދިޔަ ދިވެއްސަކު ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި މަރުވެފައިވާ ކަމަށެވެ.
ދިވެހިންތަކެއް ހިންގާ ކަމަށް ބެލެވޭ އެ ޓްވިޓާ އެކައުންޓްގައި މަރުވި ދިވެހިމީހާ ކަމަށް ބުނެ ފޮޓޯއެއް ވެސް ލާފައިވެ އެވެ.
ސޫރިޔާ ހަނގުރާމައިގައި ބައިވެރިވެ، ދިވެއްސަކު މަރުވިކަމުގެ ހަބަރެއް ބައިނަލް އަގުވާމީ އިތުބާރު ހުރި އެއްވެސް ހަބަރުފަތުރާ ވަސީލަތަކުން ވެސް އަދި ފަތުރާފައެއް ނުވެ އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ އެ މިނިސްޓްރީ އިން ވެސް ބަލަމުން އަންނަ ކަމަށާއި އެކަން ބެލުމަށް ފަހު އާންމުންނާ ހިއްސާ ކުރަން ޖެހޭ މައުލޫމާތެއް އޮތް ނަމަ ހިއްސާ ކުރައްވާނެ ކަމަށެވެ.