ރައްޔިތުންގެ މަޖިލިސް އެކުލަވާލި ތާރީހުތައް ބަލައި ދިރާސާ ކުރުމުން އަލަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހަކީ 18 ވަނަ ރައްޔިތުންގެ މަޖިލިސް ނޫން ކަމަށާއި އެއީ 19 ވަނަ ރައްޔިތުންގެ މަޖިލިސް ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ނިމިދިޔަ މަޖިލީހުގެ މެމްބަރުންނާއި އާ މަޖިލީހަށް އިންތިހާބުވި މަޖިލީހުގެ މެމްބަރުނަށް މިރޭ ދެއްވި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހެއް އެކުލަވާލީ 1932 ވަނަ އަހަރު ކަމަށެވެ. އަދި އޭރުން ފެށިގެން ފަސް އަހަރުން ފަސް އަހަރުން މަޖިލިސް އެކުލަވާލި ކަމަށް ބަލައި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1982 ވަނަ އަހަރު މަޖިލީހުން ފޮތެއް ޝާއިއު ކުރި ކަމަށް ޝާހިދު ވިދާޅުވި އެވެ.

މެއި 25، 2014: މިހާރުގެ މަޖިލީހުގެ މެމްބަރުންނާއި އަލަށް އިންތިހާބުވި މެމްބަރުނަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ދެއްވި ފަރިއްކޮޅުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

އެ ފޮތުގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ދަށުން އެކުލަވާލި ރައްޔިތުންގެ މަޖިލިސް ހިމަނާފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެގޭ ސަބަބުން މަޖިލިސް އެކުލަވާލި ތާރީހުތައް އޮޅިފައިވާ ކަމަށެވެ.

"އެއީ 1953 ވަނަ އަހަރު ޖެނުއަރީ 1 ގައި ފެށުނު، އާ ޖުމްހޫރިއްޔަތުގެ ރައްޔިތުންގެ މަޖިލިސް ހިމެނީމައި ހިމެނީމައި އެކަން ވެގެންދާނެ ގޮތް. މި ކުށް ފެށިފައި ވަނީ 1982 ވަނަ އަހަރު. ރައްޔިތުންގެ މަޖިލީހުން ޝާއިއު ކުރި ފޮތެއްގައިވާ ލިޔުމެއްގެ މައްޗަށް ބިނާކޮށް. އެއީ 1932 ވަނަ އަހަރުން ފެށިގެން ފަސް އަހަރުން ފަސް އަހަރުން ރާއްޖޭގައި އިންތިހާބު ބޭއްވުނު ކަމަށް ބަހާލައިގެން އައިސްފައި އޮތް ގޮތް،" އާ މަޖިލީހުގެ މެމްބަރުންނާއި ނިމިދިޔަ މަޖިލީހުގެ މެމްބަރުން ބައިވެރިވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވި އެވެ.
މެއި 25، 2014: މިހާރުގެ މަޖިލީހުގެ މެމްބަރުންނާއި އަލަށް އިންތިހާބުވި މެމްބަރުނަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ދެއްވި ފަރިއްކޮޅުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މަޖިލިސް އެކުލަވާލި ދައުރުތައް އޮޅިފައިވާ މައްސަލަ ފެންމަތިވީ މަޖިލީހުގެ ޕާލަމެންޓްރީ އެޑިއުކޭޝަންގެ މަސައްކަތް ކުރައްވާ ހަސަން ރާފިއު ލިޔުއްވި ފޮތަކުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެ ފޮތާ ހަވާލާ ދެއްވައި ޝާހިދު ވިދާޅުވި ގޮތުގައި ފޮތުން އުނިވެފައި ވަނީ ޖެނުއަރީ 1، 1953 ގައި ދެ ގެއެއްގެ މައްޗަށް އެކުލަވާލި މަޖިލީހުގެ ތެރެއިން ސެނެޓެވެ. އަދި އެ މަޖިލީހުގެ ރައީސަކީ އައްނަބީލާ ފާތުމަތު އިބްރާހިމް ދީދީ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްކަން ކުރެއްވި 16 ބޭފުޅުންގެ ފޮޓޯތައް ހަރުކޮށްފައިވާ މާލަމުގައި އެކަމަނާގެ ފޮޓޯފުޅު މިހާރު ހަރުކޮށްފައިވާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

"މީގެ ތިން ދުވަސް ފަހުން ފެށޭ ރައްޔިތުންގެ މަޖިލިސް އެއީ ރާއްޖޭގައި ހަގީގަތުގައި 19 ވަނަ ރައްޔިތުންގެ މަޖިލިސް. ހަމައެއާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެ ނަންފުޅު އެ ލިސްޓުން އުނިވެފައިވާތީ، އެކަން ރަނގަޅުކޮށް، އަޅުގަނޑުމެން މިރޭ ޝާއިއު ކުރާ ފޮތުގައި އެކަން ވާނީ އިސްލާހުކޮށްފައި. މަޖިލީހުގެ ރައީސަކަން ކުރައްވާފައިވާ ބޭފުޅުންގެ މާލަމުގައި އެކަމަނާގެ ފޮޓޯފުޅު ވެސް ވާނީ ބަހައްޓާފައި،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
މެއި 25، 2014: މިހާރުގެ މަޖިލީހުގެ މެމްބަރުންނާއި އަލަށް އިންތިހާބުވި މެމްބަރުނަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ދެއްވި ފަރިއްކޮޅުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މަޖިލީހުގެ އިދާރާއިން މިރޭ ވަނީ އޭނާ ތައްޔާރު ކުރި ފޮތް ނެރެފަ އެވެ. އެ ފޮތުގައި 1932 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ފަހަރަށް އެކުލަވާލި މަޖިލީހުގެ މެމްބަރުންގެ ފޮޓޯތަކުން ފެށިގެން ނިމިދިޔަ މަޖިލީހުގެ މެމްބަރުންގެ ފޮޓޯތައް ވެސް ހިމަނާފައިވެ އެވެ. އަދި އެކި ދައުރުތަކުގެ މެމްބަރުންގެ ހާޒިރީގެ ސޮޔާއި މަޖިލީހުގެ ރައީސަކަން ކުރެއްވި ބޭފުޅުންގެ ފޮޓޯފުޅުތައް ވެސް އެ ފޮތުގައި ހުރެ އެވެ.

ޝާހިދު ވިދާޅުވީ އެ ފޮތް ނެރުނީ މަޖިލިސް އުފެދުނީ ކިހިނަކުންތޯ އާއި މަޖިލީހާމެދު އާންމުންގެ ޝައުގުވެރިކަން އިތުރުކޮށް މަޖިލީހާ މެދު ބަހުސް އުފެއްދުމަށް ކަމަށެވެ.

"ރައްޔިތުންގެ މެދުގައި ރައްޔިތުންގެ މަޖިލީހާ ބެހޭ ގޮތުން، ބަހުސް އިތުރު ކުރުން. މަޖިލިސް އުފެދެމުން އައީ ކިހިނަކުންތޯ ބަލައި ދިރާސާ ކުރުމަށް ދޮރު ހުޅުވާލުން. ރައްޔިތުންގެ މަޖިލިސް އުފެދެމުން އައި ގޮތް ރައްޔިތުންނާ ހިސާބަަށް ގެނެސްދިނުން،" ޝާހިދު ވިދާޅުވީ އެވެ.
މެއި 25، 2014: މިހާރުގެ މަޖިލީހުގެ މެމްބަރުންނާއި އަލަށް އިންތިހާބުވި މެމްބަރުނަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ދެއްވި ފަރިއްކޮޅުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ