25 May 2014, 21:28
އޭއެފްސީ ޗެލެންޖު ކަޕުގެ ފައިނަލުން ރާއްޖެ ޖާގަ ހޯދައިފި ނަމަ އިތުރު އެއް މިލިއަން ރުފިޔާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ.
އެގޮތަށް ރައީސް ޔާމީން ނިންމާފައިވާކަން އިއުލާންކުރެއްވީ އޭއެފްސީ ޗެލެންޖު ކަޕުގެ ސެމީފައިނަލުން ރާއްޖެ ޖާގަ ހޯދުމުން ރައީސް ދެއްވަން ނިންމާފައިވާ އެއް މިލިއަން ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކުރުމަށް ޓްރޭޑާސް ހޮޓަލުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.
އޭއެފްސީ ޗެލެންޖު ކަޕުގެ ސެމީ އިން ރާއްޖެ ޖާގަ ހޯދުމުން ރައީސް ދެއްވަން ވިދާޅުވީ އެއް މިލިއަން ރުފިޔާ ވަނީ މިރޭގެ ރަސްމިއްޔާތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ހަވާލުކޮށްފަ އެވެ.
ފައިސާގެ އިނާމު އެފްއޭއެމްގެ ރައީސް އިލްހާމް އަހްމަދާ ހަވާލުކޮށްދެއްވީ މިނިސްޓަރު މަލީހެވެ.
މިހާރު ކުރިއަށްދާ އޭއެފްސީ ޗެލެންޖު ކަޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަށް ޓީމަށް ދެއްވާނެ ކަމަށް ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންނެވި 500،000 ރުފިޔާ ގައުމީ ޓީމާ ވަނީ ރޭ ހަވާލުކޮށްފަ އެވެ.