25 May 2014, 20:06
ސާކް ކަލްޗަރަލް ސެންޓަރުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސާކް ފިލްމު ފެސްޓިވަލުގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އަށް ލިބިއްޖެ އެވެ.
މިއަހަރު ބޭއްވި އިލްޝާ ފިލްމް އެވޯޑްސްގައި ވެސް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބިފައިވާ ކޮޕީ އިއްސެ އަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބިފައި ވަނީ، ފެސްޓިވަލްގައި ރާއްޖޭން ބައިވެރިކުރި ދެ ފިލްމުގެ ތެރެއިން ފިލްމް "އިނގިލި" އިންނެވެ.
މިއީ ފިލްމީ ދާއިރާއިން ރާއްޖޭގެ ފިލްމީ ތަރިއަކަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބުނު ފުރަތަމަ ފަހަރެވެ.
ސާކް ފިލްމު ފެސްޓިވަލުގައި ބައިވެރި ކުރި ފީޗާޑް ފިލްމް ތަކުގެ ތެރެއިން، މަޝްހޫރު ނެށުންތެރިޔާ ރަވީ ފާރޫގް ޑައިރެކްޓް ކުރި ފިލްމު "އިނގިލި" އަށް ވަނީ ބްރޯންޒް އެވޯޑް ވެސް ލިބިފަ އެވެ.
ރަވީގެ އިތުރުން މަޝްހޫރު ސްކްރީން ރައިޓަރު މަހުދީ އަހުމަދާއި ހުސެއިން މުނައްވަރު (ކުޑަފޫޅު) ޕްރޮޑިއުސް ކުރި ފިލްމު "އިނގިލި" އަކީ މި އަހަރު ބޭއްވި އިލްޝާ ފިލްމް އެވޯޑްގެ އެންމެ މޮޅު ފިލްމަކަށް ހޮވުނު ފިލްމެވެ. އެގޮތުން ފިލްމް އެވޯޑުގައި "އިނގިލި" 14 ދާއިރާއަކުން ނޮމިނޭޓްވެ، އެންމެ މޮޅު ފިލްމް އެވޯޑާ އެކު ޖުމްލަ 11 އެވޯޑް ވަނީ އުފުލާލާފަ އެވެ.
މިދިޔަ ހަފްތާގެ އަންގާރައިން މިއަދުގެ ނިޔަލަށް ކޮޅުނބުގައި ބޭއްވި އެ ފެސްޓިވަލްގައި ރާއްޖޭން ދެން ބައިވެރިކޮށްފައިވަނީ ފިލްމް "ދިލަކަނި" އެވެ. މިއަހަރުގެ ފެސްޓިވަލްގައި ސާކްގެ އަށް ގައުމަކުން ޖުމްލަ 22 ފިލްމެއް ވަނީ ބައިވެރިކޮށްފަ އެވެ.