އިންޑިޔާގެ ބޭރުގެ ދަރަނި 2010 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހު 12.8 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް އެޤައުމުގެ މާލީ ވުޒާރާއިން ބުނެފި އެވެ. އިންޑިޔާގެ މާލީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނި ގޮތުގައި 2010 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެ ޤައުމުގެ ބޭރުގެ ދަރަނި މައްޗަށް ދިޔައީ ކުރުމުއްދަތުގެ ލޯންތަކެއް ބޭރުން ހޯދުމާއެކު ޑޮލަރުގެ ކުރިމަތީގައި އިންޑިޔާގެ ރުޕީސްގެ އަގު ވެއްޓުމާގުޅިގެންނެވެ. މި މުއްދަތުގައި އިންޑިޔާގެ ބޭރުގެ ދަރަނި 262.3 ބިލިޔަން އެމެރިކާ ޑޮލަރުން 295.8 ބިލިޔަން އެމެރިކާ ޑޮލަރަށް މައްޗަށް ގޮސްފައި ވެއެވެ. މިއީ ހަ މަސްދުވަހުގެ ތެރޭގައި 33.5 ބިލިޔަން އެމެރިކާ ޑޮލަރުގެ އިތުރުވުމެކެވެ.


މިހިނގާ މާލީ އަހަރު ތެރޭގައި އިންޑިޔާގެ ބޭރުގެ ދަރަނީގައި ހިމެނޭ ކުރު މުއްދަތުގެ ދަރަނި 25.8 ޕަސެންޓް އިތުރުވެފައި ވެއެވެ. އެއީ ޖުމްލަ 66 ބިލިޔަން ޑޮލަރަށެވެ. ދިގުމުއްދަތުގެ ދަރަނި އިތުރުވެފައިވަނީ 9.5 ޕަސެންޓަށެވެ. އެއީ ޖުމްލަ 229.8 ޑޮލަރަށެވެ. އިންޑިޔާގެ ބޭރުގެ ދަރަނީގެ ތެރެއިން ކުރުމުއްދަތުގައި ފައިސާ ދައްކައި ޚަލާސް ކުރަންޖެހޭ ނިސްބަތަކީ 22.3 ޕަސެންޓެވެ. ކުރުމުއްދަތުގައި ފައިސާ ދައްކައި ޚަލާސްކުރަންޖެހޭ ނިސްބަތަކީ 77.7 ޕަސެންޓެވެ. އިންޑިޔާއަކީ ދުނިޔޭގައި އެންމެ ހަލުއިކޮށް ކުރިއަރަމުން އަންނަ އިޤްތިސާދުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އިންޑިޔާއަކީ މިހާރު ދުނިޔޭގެ ހަތް ވަނަ އިޤްތިސާދެވެ. ކުރިޔަށްއޮތް ފަސް ވަރަކަށް އަހަރު ތެރޭގައި އިޓަލީއާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ މައްޗަށް އިޤްތިސާދީގޮތުން އިންޑިޔާ ކުރިހޯދާނެ ކަމަށް އިޤްތިސާދީ ލަފާކުރުންތަކުން ދައްކައެވެ. މިހިނގާ މާލީ އަހަރު އިންޑިޔާގެ އިޤްތިސާދު 9.5 ގެ ކުރިއެރުމެއް ހޯދާނެ ކަމަށް އެޤައުމުގެ ސަރުކާރުން އުންމީދު ކުރެއެވެ.