އޭއެފްސީގެ ސެމީ ފައިނަލް މެޗުގެ ޓިކެޓްގެ ބާކީ މިހާރު ހުރީ 150 ޓިކެޓް ކަމަށާއި އެހެން ހުރިހާ ޓިކެޓެއް ވިކި ހުސްވެފައިވާ ކަމަށް އެފްއޭމުން ބުނާތީ އެ މައްސަލަ އެންޓި ކޮރަޝަންސަންސް ކޮމިޝަންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ނަމަވެސް އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލަ އެ ކޮމިޝަނުން ރަސްމީކޮށް ބަލަން ނިންމާފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ އޭސީސީގެ ސަމާލު ކަމަށް ގެނެސްފައި ވަނީ އިއްޔެ އިން ފެށިގެން އެތައް ސަތޭކަ ބަޔަކު ސެމީ ފައިނަލް މެޗުގެ ޓިކެޓް ގަތުމަށް ކިޔުގައި ތިއްބާ ކުއްލިއަކަށް މިހާރު ވިއްކެން ހުރީ 150 ޓިކެޓް ކަމަށް އެފްއޭއެމުން ބުނުމާ ގުޅިގެން ކަމަށެވެ. އެހެންކަމުން 150 ޓިކެޓް ފިޔަވައި ބާކީ ހުރި ޓިކެޓްތައް ވިއްކި ގޮތް ސާފު ކުރައްވާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީޑިއާތަކުގައި ހުރި މައުލޫމާތުތަކަށް ބަލާ އިރު އެފްއޭއެމް އިން ދައްކާ ވާހަކަތަކާ މެދު ސުވާލުއުފެދޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ.

"ޓިކެޓް ވިއްކަން ނުފަށަމޭ ކިޔާފައި ދެން ކުއްލިއަކަށް 150 ޓިކެޓޭ ހުރީ ވިއްކެން ބުނީމާ ހައިރާންވި. ޓިކެޓްތައް ވިއްކި ގޮތާ މެދު އެތައް ސުވާލެއް އެބަ އުފެދޭ. އެހެން ކަމުން އެ ޓިކެޓް ވިކަން ހަވާލުކުރި ފަރާތްތަކުގެ މައުލޫމާތުތައް ވެސް ހޯދައި އެކަމުގެ ދިރާސާއެއް ކޮށްގެން އެކަން ބެލޭނީ،" ލުތުފީ ވިދާޅުވި އެވެ.

އެމްއޭއެމުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ބުނީ 17 ވަނަ ދުވަހު ސެމީގެ ޓިކެޓް ވިއްކަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެކަން ރަސްމީކޮށް އެފްއޭއެމުން މީގެ ކުރިން ހާމަކޮށްފައެއް ނުވެ އެވެ.

އޭއެފްސީ ޗެލެންޖު ކަަޕް މުބާރާތް އިންތިޒާމް ކުރުމުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ އޭސީސީން ވަނީ އެ މައްސަލަ ވެސް ބަލަން ފަށައިފަ އެވެ.