މާތްވެގެންވާ މައްކާގައި ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރި އިންޑިއާ މީހެއްގެ ގަޔަށް މީހަކު ބަޑިޖަހައި އޭނާ މަރާލައިފި އެވެ.

މައްކާ ފުލުހުންނާ ހަވާލާދީ ސައުދީ ގެޒެޓުން ބުނީ އެ ހާދިސާ ހިނގީ މައްކާގެ އައް ޝަރައިއްޔާ އަވަށުގައި އިއްޔެ ހެނދުނު ކަމަށެވެ. އަދި ބުނީ، ސިކުނޑީގެ އުނިކަން ހުރި މީހަކު ބަޑި ޖަހައި މަރައިލީ އަކަމްބަޑަމް ޕޫއްޓުވީއްޓިލް އަނަސް ނަމަކަށް ކިޔާ އުމުރުން 24 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށެވެ. ބަޑި ޖެހިމީހާއަކީ ޑްރައިވަރެއްގެ ވަޒީފާ އަށް އަނަސް ގެނައި ސައުދީ އަންހެން މީހާގެ ދަރިއެއް ކަމަށް ވެސް ބުންޏެވެ.

ނޫހުގައިވާ ގޮތުން އަނަސް ދެކުނު އިންޑިއާގެ ކެރެލާ ސްޓޭޓްގެ ނިލަމްބަރު ނަމަކަށްކިޔާ ރަށުގެ މީހެކެވެ. އޭނާ ޑްރިވަރެއްގެ ވަޒީފާ އަދާ ކުރުމަށް ސައުދީ އަރަބިއްޔާ އަށް އައިތާ އަދިވީ އެންމެ ހަފުތާއެކެވެ.

މީގެ އެއް ހަފުތާ ކުރިން އެފަދަ ހާދިސާއެއް ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ވެސް ހިނގާފައިވެ އެވެ. އެ ހާދިސާގައި ފިހާރައެއްގައި މަސައްކަތް ކުރި އިންޑިއާ މީހަކަށް ވަޅިން ހަމަލާދީ މަރާލާފައިވެ އެވެ. ހިލޭ ސިނގިރެޓެއް ނުދީގެން އިންޑިއާގެ އެމީހާ ގަޔަށް ވަޅިހެރި މީހާއަކީ ވެސް ސިކުނޑީގެ އުނިކަން ހުރި މީހެއް ކަމަށް ސައުދީ ނޫސްތަކުން އޭރު ބުންޏެވެ.