ބްރެޒިލް 2014 އާ ދިމާކޮށް ނެރެފައިވާ "ސަން ވޯރލްޑް ކަޕް ގައިޑް 2014" އަކީ ދުނިޔޭގެ ތަށްޓަށް ކުޅެވޭ ފުޓުބޯޅަ މުބާރާތާ ބެހޭގޮތުން ގިނަ މައުލޫމާތުތަކެއް ލިއްބައިދޭނެ، ފުޓުބޯޅައަށް ލޯބި ކުރާ އެންމެހައި ފަރާތްތަކުގެ ޝައުގުވެރިކަމުގެ އަލާ ފުރިހަމަޔަށް ކަނޑުވައިލަދޭނެ ގައިޑެކެވެ. ސަން މީޑިއާ ގްރޫޕުން ނެރޭ "ސަން" މަޖައްލާގެ ޚާއްސަ އަދަދެއްގެ ގޮތުގައި ނެރުނު މި ގައިޑަކީ ވޯރލްޑް ކަޕް ފުޓުބޯޅަ މުބާރާތާ ބެހޭ ގޮތުން އިތުބާރު ހުރި މަސްދަރުތަކުން ނެގުނު އެންމެ އަޕްޑޭޓް މައުލޫމާތު ހިމަނައިގެން ނެރެވޭ ގައިޑެކެވެ.

"ސަން ވޯރލްޑް ކަޕް ގައިޑް 2014" އިން، ދުނިޔޭގެ ތަށްޓަށް ކުޅެވޭ ފުޓުބޯޅަ މުބާރާތުގައި މި ފަހަރު ކުޅޭ 32 ޓީމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. ޓީމުތަކުގެ މުހިއްމު ކުޅުންތެރީންނާއި ކޯޗާއި ޓީމު މުބާރާތަށް ކޮލިފައި ވި ގޮތް ފަދަ އެތައް މައުލޫމާތުތަކެއް މިފޮތުގައި ހިމެނެއެވެ. ހަމަ އެހެންމެ، "އޯލް ޓައިމް ވޯރލްޑް ކަޕް ލީގް ޓޭބަލް" ގައި ކޮންމެ ޓީމަކަށް ވެސް ލިބިފައި ވާ މަގާމާ ބެހޭ ތަފްސީލުތައް ގައިޑުގައި ހިމެނިފައި ވާނެއެވެ. އެގޮތުން، ކޮންމެ ޓީމެއް ވެސް މުބާރާތުގައި ކުޅުނު މެޗުގެ އަދަދާއި، މޮޅު ވި މެޗުތަކާއި ބަލި ވި މެޗުތަކުގެ އަދަދާއި، ޖެހި ގޯލާއި ބައިކޮޅަށް ވަތް ގޯލުގެ އަދަދު ފަދަ މުހިއްމު ރެކޯޑުތައް ގައިޑުގައި ހިމެނިފައި ވާނެއެވެ.

"ބްރެޒިލް 2014" ގެ ޓީމުތަކާ ބެހޭ މައުލޫމާތާ އެކު، ވޯރލްޑް ކަޕުގެ ތާރީޚާ ބެހޭގޮތުން ވެސް ގިނަ މައުލޫމާތުތަކެއް "ސަން ވޯރލްޑް ކަޕް ގައިޑް 2014" ގައި ހިމެނިފައި ވެއެވެ. މުބާރާތް ފެށުނު ގޮތާއި، މުބާރާތް ފުޅާ ވެގެން އައި ގޮތުގެ މައްޗަށް ބަލައިލެވިފައި ވާނެއެވެ. މިހައިތަނަށް ބޭއްވުނު 19 ވޯރލްޑް ކަޕުގެ ތެރެއިން ގިނަ މުބާރާތްތަކުގައި، ހިނގައިދިޔަ ޝައުގުވެރި ކުރުވަނިވި ހާދިސާތަކާ ބެހޭ މައުލޫމާތާއި، ވޯރލްޑް ކަޕްގެ ފައިނަލް މެޗުތަކުގެ ނަތީޖާތަކާއި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ މައުލޫމާތު ވެސް ހިމެނިފައި ވާނެއެވެ.

ސަން ވޯލްޑްކަަޕް ގައިޑުގައި ހިމަނާފައިވާ މުހިންމު މައުލޫމާތު ތަކުގެ ތެރެއިން މި މުބާރާތުގެ ތާރީޚާ ގުޅޭ ގޮތުން ހިމަނައިފައިވާ ރިޕޯޓަކީ ވޯލްޑްކަޕްގެ ހިސްޓްރީއާ ގުޅޭ ގޮތުން ރާއްޖޭގައި މިހާތަނަށް ޝާއިއު ކުރެވޭ އެންމެ ތަފްސީލު ރިޕޯޓަށް ވާނެ އެވެ. ފީފާގެ މެންބަރު ގައުމުތައް ބެހިފައިވާ ގޮތާއި ވޯލްޑްކަޕުން އެކި ބައްރުތަކަށް ޖާގަ ލިބޭ ގޮތާއި އަދި ހަމަ އެހެންމެ ވޯލްޑްކަޕް ޓްރޮފީ ނުވަތަ ތަށްޓާ ގުޅޭ ގޮތުން މި ގައިޑުގައި ހިމަނާފައިވާ ޚާއްސަ ރިޕޯޓަކީ ވެސް ވޯލްޑްކަޕް ޓްރޮފީއާ ގުޅޭ ގޮތުން ދިވެހި ބަހުން ލިޔެވި ޝާއިއުވެގެން ނުކުންނަ އެންމެ މައުލޫމާތު މުއްސަނދި އެންމެ ފުރިހަމަ ރިޕޯޓަށް ވެގެން ދާނެ އެވެ. މި ރިޕޯޓު ތަކުން ވޯލްޑްކަޕް ތާރީޚާ އާއި ތަށްޓާ ގުޅޭ ގޮތުން ކުރީން ނޭނގޭ ޝައުގުވެރި އެތައް މައުލޫމާތު ތަކެއް އެނގިގެން ދާނެ އެވެ.

މި ފަހަރުގެ ވޯލްޑްކަޕުގެ މެޗުތައް ކުޅެން ހަމަޖައްސައިފައިވާ 12 ސްޓޭޑިއަމާ ގުޅޭ އެންމެ މުހިންމު މައުލޫމާތުތައް ވެސް ސަން ވޯލްޑްކަޕް ގައިޑުގައި ހިމަނާފައި ހުންނާނެ އެވެ. އެ ގޮތުން ކޮންމެ ސްޓޭޑިއަމެއް ވެސް ހުޅުވި ތާރީޚާއި އެ ސްޓޭޑިއަމެއްގެ ކެޕޭސިޓީ އާއި ސްޓޭޑިއަމް ހެދުމަށް ހިނގި ޚަރަދާއި އެ ސްޓޭޑިއަމެއްގައި ކުޅޭނެ މުހިންމު މެޗުތަކުގެ މައުލޫމާތު ވެސް މިބައިގައި ހިމެނޭނެ އެވެ.

ސަން ވޯލްޑްކަަޕް ގައިޑާ އެކު ހިލޭ ލިބޭ މެޗު ޝެޑިއުލް އަކީ ވެސް ވަރަށް ފުރިހަމަޔަށް ތައްޔާރުކޮށްފައިވާ ޝެޑިއުލް އެކެވެ. މި ފަހަރުގެ ވޯލްޑްކަަޕުގެ މެޗުތައް ކުޅޭ ވަގުތު (ރާއްޖޭ ގަޑިން) އެނގޭނޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ޝެޑިއުލުން މެޗުތައް ކުޅޭ ސްޓޭޑިއަމްތައް ވެސް އިނގޭނެ އެވެ. އަދި ޝެޑިއުލް ޑިޒައިންކޮށްފައި ވަނީ ކޮންމެ މެޗެއް ނިމުމުން އެ މެޗެއްގެ ސްކޯ ޝެޑިއުލްގައި ލިޔަމުން ގެންދެވޭ ގޮތަށެވެ. ޕްރޮމޯޝަން ތެރޭގައި އެންމެ 85 ރުފިޔާ އަށް ގަންނަން ލިބޭ ސަން ވޯލްޑްކަޕް ގައިޑާ އެކު، މެސީ، ރޮނާލްޑޯ ނުވަތަ ނޭމާގެ އޭޓޫ ސައިޒުގެ ބޮޑު ޕޯސްޓަރެއް ވެސް ހިލޭ ލިބޭނެ އެވެ.

"ސަން ވޯރލްޑް ކަޕް ގައިޑް 2014" ގައި ވޯރލްޑް ކަޕުގެ ތާރީޚުގައި ފެނުނު އެންމެ މޮޅު 10 ކުޅުންތެރީންނާއި، މި ފަހަރުގެ މުބާރާތަށް ދާ އެންމެ މޮޅު 10 ކުޅުންތެރީންނާއި، މި ފަހަރު މުބާރާތުން ފެނިގެން ދާނޭ އެންމެ އުއްމީދީ ޒުވާން 10 ކުޅުންތެރީންނާ ބެހޭގޮތުން ވެސް ގިނަ މައުލޫމާތުތަކެއް ހިމެނިފައި ވެއެވެ. މި ފަހަރު ބްރެޒިލުގައި ބާއްވާ މުބާރާތަށް ތައްޔާރު ވުމުގެ ކަންކަން ކުރިޔަށް ދިޔަ ގޮތް ފަދަ އިތުރު އެތައް ބައިތަކެއް ވެސް "ސަން ވޯރލްޑް ކަޕް ގައިޑް 2014" ގައި ހިމެނެއެވެ.
މި ހުރިހާ ބައިތަކެއް ވެސް ހުށަހަޅައިދީފައި ވާނީ ރީތި ކުލަފޮޓޯތަކާ އެކުގައެވެ.

ވޯލްޑްކަޕްގައި ބޭނުންކުރާ ޚާއްސަ ބޯޅަ "ބްރަޒޫކާ" އާއި ގުޅޭ ގޮތުން ވެސް ވަރަށް ޚާއްސަ އަދި ފުރިހަމަ މައުލޫމާތު ތަކެއް ހިމެނޭ ރިޕޯޓެއް މި ގައިޑުގައި ހިމަނާފައިވާނެ އެވެ. މި ބޯޅަ ހަދައިފައިވާ ގޮތާއި ބޯޅައިގައި ހިމެނޭ މައުދަން ތަކާއި ބަރުދަނާއި ޓެސްޓު ކުރި ގޮތާއި މި ނޫންވެސް މި ބޯޅައިގެ ޚާއްސަ ސިފަތައް މި ރިޕޯޓުގައި ހުންނާނެ އެވެ.

ސަން ވޯލްޑްކަޕް މެގެޒިން ގައި ހިމެނޭ ވަރަށް ޝައުުވެރި އަނެއް ބަޔަކަށް ވާނީ އެއްވެސް ޝައްކެއް ނެތް ގޮތުގައި "ލުއިފަރާތް" މި ނަމުގައި ގެނެސްދީފައިވާ ބައެވެ. މި ބައިގައި ހިމަނާފައިވާނީ މި ފަހަރުގެ މުބާރާތަށް ޓީމުތައް ބްރެޒިލްއަށް ދާއިރު އެ ޓީމު ތަކުގެ ޑިމާންޑްތައް ހުރި ގޮތެވެ. އެ ގޮތުން ބައެއް ޓީމުތަކުން ދޮންކޭލަށް ޑިމާންޑްކޮށްފައިވާ އިރު އަނެއްބައި ޓީމުތަކުން ބްރެޒިލުގައި ނުކުންނަ ހުރިހާ ނޫސްތައް ކޮޓަރިތަކަށް ލިބެން ޖެހޭނެ ކަމަށް ވަނީ ޑިމާންޑްކޮށްފަ އެވެ. ބައެއް ޓީމުތަކުން އަޑުމަޑު އޭސީއަށް ޑިމާންޑް ކުރި އިރު މަޝްހޫރު ކުޅުންތެރިޔާ ރޮނާލްޑޯ ވަނީ އޭނާއަށް އެކަނި ހަތަރު ބޮޑީގާޑުން ބޭނުންވާނެ ކަމަށް ބުނެފަ އެވެ. މިފަދަ ޝައުގުވެރި އެތައް ވާހަކަތަކެއް "ސަން ވޯލްޑްކަޕް ގައިޑް 2014" ގެ ލުއި ފަރާތުގައި ހިމެނޭނެ އެވެ.

ވޯލްޑްކަޕް ބާއްވާ ގައުމުގެ ތައްޔާރީ ތަކާ ގުޅޭ ގޮތުން "ބްރެޒިލް 2014" ގެ ނަމުގައި މި ގައިޑުގައި ހިމަނާފައިވާ ރިޕޯޓަކީ ވެސް މުބާރާތް ފެށުމުގެ ކުރީން ކިޔައިލުން ބޭނުންތެރި ރިޕޯޓެކެވެ. ބްރެޒިލުގައި މި ފަހަރުގެ ވޯލްޑްކަޕް ބާއްވަން ނިންމި ގޮތާއި ޚަރަދު ތަކާއި މުބާރާތުގެ ސަލާމަތީ ކަންތައްތައް އިންތިޒާމުވެގެން އަންނަ ގޮތް މި ރިޕޯޓުން ވަރަށް ތަފްސީލުކޮށް އެނގިގެން ދާނެ އެވެ.

ވޯލްޑްކަޕުގެ ތާރީޚާ ގުޅޭގޮތުން ސަން ވޯލްޑްކަޕް މެގެޒިންގައި ހިމަނާފައިވާ ފޮޓޯއިން ޚަބަރު ބަޔަކީ ކޮންމެހެން ވެސް ބަލައިލުން މުހިންމު ސޮފުހާ ތަކެކެވެ. މި ބައިގައި ހިމަނާފައިވާނީ ވޯލްޑްކަޕުގެ މުޅި ތާރީޚަށް ބަލައިލާއިރު އެންމެ ފާހަގަކޮށްލެވޭ ފޮޓޯ ތަކެވެ. މި ގޮތުން ހޮވައިލެވުނު ބައެއް ފޮޓޯ ތަކުގެ ތެރޭގައި 1986 ވަނަ އަހަރުގެ ވޯލްޑްކަޕުގައި އާޖެންޓީނާގެ މެރެޑޯނާ އިންގްލެންޑް ކޮޅަށް އަތުން ޖެހި ލަނޑުގެ ފޮޓޯ އާއި 2006 ވަނަ އަހަރުގެ ވޯލްޑްކަޕު ފައިނަލުގައި ފްރާންސްގެ ކެޕްޓަން ޒިދާން، އިޓަލީގެ މާރކޯ މަޓެރާޒީގެ މޭގައި ބޮލުން ޖަހައި ވައްޓައިލާ ފޮޓޯ ހިމެނެ އެވެ.

"ސަން ވޯރލްޑް ކަޕް ގައިޑް 2014" އަކީ ފުޓުބޯޅައަށް ލޯބި ކުރާ ފަރާތްތަކަށް "ސަން" އިން ފޯރުކޮށްދޭ މުހިއްމު ހަދިޔާއެކެވެ. މިއީ ހަމައެކަނި "ބްރެޒިލް 2014" ގައި އޮންނަ މުބާރާތަށް ފަހު އެއްލައިލެވޭ ފޮތެއްގެ ބަދަލުގައި، ފުޓުބޯޅަޔާ ބެހޭގޮތުން ގިނަގުނަ މައުލޫމާތުތަކެއް ހިމެނޭ ގޮތަށް، ގޭގެ ފޮތް ހަރުގަނޑުގައި ރައްކާ ކޮށްފައި ބާއްވާން ވެސް އެކަށީގެންވާ ފަދަ ގައިޑެއްގެ ގޮތުގައި ތައްޔާރު ކުރެވިފައި ވާ ގައިޑެކެވެ.

މިއީ ދުނިޔޭގެ ފުޓުބޯޅައިގެ ބޮޑެތި މުބާރާތްތަކާ ގުޅިގެން އަޅުގަނޑުމެންނަށް ފެންނަ ގިނަ ގައިޑުތަކާ އަޅާ ބަލާ އިރު، "ސަން ވޯރލްޑް ކަޕް ގައިޑް 2014" ތަފާތު ވާ އަދި ޚާއްސަ ވާ މައިގަނޑު ސަބަބުތަކެވެ.