ތެހެރާން (މޭ 25) : ނިއުކްލިޔާ ހަކަތައާ ބެހޭ އދ.ގެ އިދާރާ (އައިއޭއީއޭ) އިން އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ ބެހޭ ގޮތުން ނެރުނު އެންމެ ފަހުގެ ރިޕޯޓުން އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ ސުލްހަވެރި ޕްރޮގްރާމެއްކަން ކަށަވަރުކޮށްދޭ ކަމަށް އީރާން ބުނެފި އެވެ.

އީރާނުގެ ނިއުކްލިޔާ އިދާރާގެ ތަރްޖަމާން ބަހްރޫޒް ކަމާލުންދީ ވިދާޅުވީ އީރާނުގައި ހުރި މަތީފެންވަރަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމްގެ ސްޓޮކްގެ 80 އިންސައްތަ ނައްތާލައިފިކަން އައިއޭއީއޭގެ އެންމެ ފަހުގެ ރިޕޯޓްގައި ބަޔާންކޮށްފައިވުމަކީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ ސުލްހަވެރި ޕްރޮގްރާމެއްކަން ކަށަވަރުކޮށްދޭ ކަމެއް ކަމުގަ އެވެ.

އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ ބެހޭ ގޮތުން އައިއޭއީއޭ އިން މިދިޔަ ހަފްތާގައި ނެރުނު ރިޕޯޓްގައި އެޕްރޮގްރާމުގައި ހިމެނޭ ޙައްސާސީ ރީސާޗްތަކާބެހޭ މައުލޫމާތު ހޯދުމަށް އައިއޭއީއޭގެ އިނިސްޕެކްޓަރުން ކުރިޔަށްގެންދާ ތަހްގީގް ތަކަށް އީރާނުން އެއްބާރުލުންދެމުން ގެންދާކަން ހާމަކޮށްފައިވެ އެވެ. އަދި އީރާނުގެ ޔޫރޭނިޔަމް ސްޓޮކްގައިވާ ޔޫރޭނިޔަމްގެ ތެރެއިން 20 އިންސައްތައަށް ވުރެ މައްޗަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމްގެ 80 އިންސައްތަ، ރައްކާތެރިކަމާ އެކު ނައްތާލައިފި ކަމާއި އީރާނުން މިކަންކޮށްފައި ވަނީ އައިއޭއީއޭގެ ކަމާ ބެހޭ ތަޖްރިބާކާރުންގެ ބެލުމުގެ ދަށުންކަން ވެސް އެ ރިޕޯޓްގައި ބަޔާންކޮށްފައިވެ އެވެ.

އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް އަމާޒުކޮށްފައިވާ އަސްކަރީ ޕްރޮގްރާމެއް ކަމަށް ހުޅަނގުން ތުހުމަތުކުރާ އިރު މިކަން ސާބިތުކޮށްދެވޭ ވަރުގެ އެއްވެސް ހެއްކެތް އެމެރިކާ އާއި ހުޅަނގުގެ އެހެން ބާރުތަކަށް ދެއްކިފައެއް ނުވެ އެވެ. އީރާނުން ވަނީ ޔޫރޭނިޔަމް ފައްކާކުރުމުގެ ޓެކްނޮލޮޖީ ދޫކޮށްލުމަށް ހުޅަނގުން އެގައުމަށް ކުރިމަތިކުރި ހުރިހާ ފިއްތުންތަކަކާ ކުރިމަތިލައި ޔޫރޭނިޔަމް ފައްކާކުރުމުގެ ޓެކްނޮލޮޖީ ދޫކޮށްނުލާނެކަން ހުޅަނގަށް ސާބިތުކޮށްދީފަ އެވެ. ނަތީޖާއެއްގެ ގޮތުން އީރާނުގެ މިހައްގަށް ހުޅަނގުން މިހާރުވަނީ ނުސީދާ ގޮތެއްގައި އިއުތިރާފްވެފަ އެވެ.

މިއާއެކު ހުޅަނގުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ އީރާނުގެ ނިއުކްލިޔާ އިންޖީނުގެތަކަށާއި މަދަނީ އެހެންކަންކަމަށް ބޭނުންކުރުމަށް އީރާން އަމިއްލަ އަށް ފައްކާކުރާ ޔޫރޭނިޔަމްގެ ފެންވަރު 20 އިންސައްތައަށް މައްޗަށް ނުގެންދާނެ ކަމުގެ ގެރެންޓީ ހޯދުމުގެ މަސައްކަތެވެ. އީރާނުންވަނީ މިގެރެންޓީ ދިނުމަށް ފަސްނުޖެހޭނެކަން ހާމަކޮށްދެމުންނެވެ. ނިއުކްލިޔާ ބޮމެއް އުފެއްދުމަށް 80 އިންސައްތައަށްވުރެ މައްޗަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމް ބޭނުންވި ނަމަވެސް 20 އިންސައްތައަށް ފައްކާކޮށްގެން ވެސް މަދަނީ ބޭނުންތަކަށް ޔޫރޭނިޔަމް ހަކަތައިގެ ބޭނުން ކުރެވިދާނެ އެވެ. (ރޮއިޓާސް)