25 May 2014, 15:53
އަގުބޮޑެތި އިލެކްޓްރޯނިކް ސާމާނުތަކަކާއި 40،000 އަށް ވުރެ ގިނަ ރުފިޔާ ގަލޮޅު ގެއަކުން ވަގަށް ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ގ. ފިނިއާގޭގެ ހަތަރު ވަނަ ބުރިން ވައްކަން ކޮށްފައި ވަނީ އެގޭގެ ކުޑަ ދޮރަކުން ވަދެ ކަމަށެވެ. ރޭ ފަތިހު ކުރި އެ ވައްކަމުގައި އެ ގެއިން 40،000 ރުފިޔާ އާއި 200 ޑޮލަރު ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އައިޕެޑަކާއި ތިން ފޯނު ވަގަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ވަގަށް ގެންދިޔަ ތަކެތީގެ އަގު ގާތްގަނޑަކަށް 71،500 ރުފިޔާ އަށް އަރާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިއަދުގެ ވަގުތެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި ބައެއް ތަކެތި ވެސް ހޯދާފައިވާ ކަމަށެވެ.
ނަމަވެސް އެތަކެތީގެ ތަފްސީލެއް ނުލިބެ އެވެ.