25 May 2014, 15:46
މީހުން ތަމްރީނުކުރުމާއި މަސްތުވާތަކެތިން މީހުން ދުރުރުކުރުމުގެ މަޝްރޫއެއް ހިންގަން އިޓަލީގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ކަރިޓަސް އިޓާލިއާނާ އިން އެހީ ދިނުމަށް އެއްބަސްވެފައިވާ މުއްދަތު އިތުރުކޮށްފި އެވެ.
އެ މަޝްރޫއަށް ކަރިޓަސް އިޓާލިއާނާއާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ 29 މާޗް 2010ގަ އެވެ. އެއްބަސްވުމަށް އެއް އަހަރު ދުވަސް އިތުރުކުރަން އެ ޖަމާއަތުން އެއްބަސް ވުމުން މިހާރު މަޝްރޫއު ނިންމަން ކަނޑައަޅާފައި ވަނީ 2015 ވަނަ އަހަރުގެ ޖޫން މަހު އެވެ.
މަޝްރޫއުގެ މުއްދަތު އިތުރު ކުރިޔަސް އެމަޝްރޫއުގެ ދަށުން ބައެއް ތަންތަން އިމާރާތްކުރުމަށް ކުންފުނިތަކާ ހަވާލުކޮށްފައިވާ މަސައްކަތްތައް ނިންމުމުގެ މުއްދަތު އިތުރުނުކުރާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުންޏެވެ. އެމަޝްރޫއުގެ ދަށުން ކުންފުނިތަކާ ހަވާލުކޮށްފައިވާ އެއް މަސައްކަތަކީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ވިހެއުމަށް ، ރަށުން ބޭރުން އަން މީހުން މަޑުކުރުމަށް 13 ކޮޓަރި އެޅުމެވެ. އަނެއް މަސައްކަތަކީ މަސްތުވާތަކެތިން މީހުން ސަލާމަތްކުރުމަށް މަސައްކަތް ކުރުމަށް ހުޅުމާލޭގައި ހާފްވޭހައުސްއެއް އެޅުމުގެ މަސައްކަތެވެ.
މިނިސްޓްރީން ބުނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް އިތުރުކުރާ މާބަނޑުމީހުން ތިބޭ ކޮޓަރިތަކުގެ މަސައްކަތް އަންނަ ޖުލައި މަހު ނިންމައި ސަރުކާރާ ހަވާލުކުރާނެ ކަމަށް ލަފާކުރާ ކަމަށެވެ. އަދި ހުޅުމާލޭ ހާފްވޭ ހައުސްގެ މަސައްކަތް އަންނަ ޖޫންމަހުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާކުރާ ކަމަށް ވެސް ބުންޏެވެ.
ކަރިޓަސް އިޓާލިއާނާއާ ގުޅިގެން ހިންގާ މަޝްރޫއަށް އެޖަމާއަތުން 1.9 މިލިޔަން ޑޮލަރު އަދި ސަރުކާރުން ހަރަދުކުރާނީ 222681 ޑޮލަރެވެ.