25 May 2014, 15:36
ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް ލިބިފައިވާ ބާރާއި އިހުތިޔާރުގެ ބޭނުން ހިފައިގެން ނޫނީ ސްކޫލްތައް އެންމެ ހަރުދަނާ ގޮތުގައި ނުހިންގޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިންސިޓިއުޓް އޮފް އެޑިކޭޝަން (އެންއައިސީ) އިން މިއަދު ހެނދުނު ފެށި "ސްކޫލް ބޭސް މެނޭޖްމަންޓް" މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަމުން ޝަރީފް ވިދާޅުވީ ސްކޫލްތަކުގެ އިސްވެރިނަށް ލިބިފައިވާ ބާރުތަކަކީ ކޮބައިކަން އެނގިފައި ނެތުމަކީ ސްކޫލްތައް ހިންގުމަށް ދިމާވެފައިވާ ގޮންޖެހުމެއް ކަމަށެވެ.
"މިހާރަށް ވުރެ ބޮޑަށް، ސްކޫލްތަކުގެ ޕްރިންސިޕަލުންނަކީ އެ ބޭފުޅުނަށް ލިބިފައިވާ ނުވަތަ ލިބެން ޖެހޭ އިހްތިޔާރާއި ބާރުތަކުގެ ބޭނުން ރަނގަޅަށް ބޭނުންކުރާ ބަޔަކަށް ވެގެން މެނުވީ ސްކޫލްތަކުގެ ހިންގުން އެންމެ ހަރުދަނާ ގޮތުގައި ގެންދެވޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ޝަރީފް ވިދާޅުވި އެވެ.
އަދި އެހެންމެ ސްކޫލްތަކުގެ އިސްވެރިނަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތައް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށާއި ވަރަށް އާދައގެ ކަންކަމުގައި އެޑިއުކޭޝަން މިނިސްޓްރީއާ ސްކޫލްތަކުން ވާހަކަ ދައްކަން ޖެހޭ އުސޫލެއް އޮތުމަކީ ހަރުދަނާ ގޮތެއްގައި ސްކޫލްތައް ހިންގުމަށް ދިމާވެފައިވާ މައްސަލައެއް ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
"ވަރަށް ކުދި ކަންތަކަށް، ވަރަށް އާދައިގެ ކަންތައްތަކާ ވެސް މިނިސްޓްރީ އޮފް އެޑިއުކޭޝަނާ މުއާމަލާތް ކުރަން ޖެހޭނެ ގޮތްތަކެއްވެފައި އޮތުމަކީ ވެސް މިއަދު ނިޒާމްގައި އޮތް މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ބައެއް ސްކޫލުގެ އިސްވެރިން އިދާރީ ކަންކަމުގައި ބައިވެރިވެވަޑައިގެން އުޅުއްވަން ޖެހުމުގެ ސަބަބުން ފަންނީ ގޮތުން ބައިވެރިވެވަޑައިގަންނަވާ މިންވަރު ކުޑަކަމަށް ވެސް ޝަރީފް ވަނީ ފާހަގަކުރައްވާފަ އެވެ.
ސުކޫލްތަކުގެ އިސްވެރިން ބާރުވެރިކުރުމާ ގުޅޭ ގޮތުން މިއަދު ފެށި މަސައްކަތުގެ ބައްދަލުވުމަކީ "އެންއެންސިން އެޑިއުކޭޝަން ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ. އެ މަސައްކަތު ބައްދަލުވުމުގެ ކޮންސަލްޓަންޓަކީ އައިލެންޑް އޭވިއޭޝަންގެ ޗެއާމަން އަދި ކުރީގެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝަފީއު އެވެ.