25 May 2014, 15:10
އަފްޣާނިސްތާނާއި ލާއޮސް ޓީމް ގޮވައިގެން ދަތުރު ކުރަމުން ދިޔަ މޮޓޯ ކޭޑް ތެރެއަށް މީހަކު ވަނުމާ ގުޅިގެން ރޭ ހިނގި އެކްސިޑެންޓަކީ ބަޔަކު މީހުން ނުވަތަ މީހަކު ގަސްތުގައި ކުރިކަމެއް ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.
އޭއެފްސީ ޗެލެންޖު ކަޕް 2014ގައި އައްޑޫ ސިޓީގައި އިއްޔެ ކުޅުނު މެޗަށް ފަހު އަފްޣާނިސްތާނު ޓީމާއި ލާއޮސްގެ ޓީމް ގޮވައިގެން ފޭދޫ ބަނދަރަށް ދިއުމަށް ދަތުރުކުރަމުން ދިޔަ މޮޓޯ ކޭޑް ތެރެއަށް މީހަކު ވަނުމާ ގުޅިގެން ހިނގި އެކްސިޑެންޓާ ހަވާލާދީ ސީޕީ ވިދާޅުވީ މިހާތަނަށް ކުރި ތަހުގީގަށް ބަލާ އިރު، އެއީ ބަޔަކު ނުވަތަ މީހަކު ދުރާލައި ރާވައިގެން ހިންގާފައިވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެހެން ކަމެއް މެދުވެރިވެފައިވޭތޯ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި އެވެ.
ސީޕީ ވަހީދު ވިދާޅުވީ މާލެ އާއި އައްޑޫ ސިޓީގައި ބާއްވާ އޭއެފްސީ ކަޕް މުބާރާތަށް ބޮޑު ސަރަހައްދެއް، ގިނަ ވަގުތުތަކުގައި ބަންދުކުރަން ޖެހުމުން ފުލުހުން މިހާތަނަށް މަސައްކަތް ކުރީ ރައްޔިތުންނަށް ވީހާ ވެސް ދަތިކަން ކުޑަވާނެ ގޮތަކަށް މަސައްކަތްތައް ރާވައިގެން ކުރިޔަށް ގެންދިއުމަށް ކަމަށެވެ. އަދި މިހާތަނަށް ވެސް ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް އައްޑޫ ސިޓީގައި އަދި މާލެ އިން ވެސް ފުލުހުންނަށް ލިބިފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
އިއްޔެގެ އެކްސިޑެންޓާ ގުޅިގެން ސީޕީ ވިދާޅުވީ ގައުމީ މިފަދަ ކަމެއްގައި އެފަދަ ހިތާމަވެރި ހާދިސާއެއް ހިނގައިގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މުބާރާތުގެ ކުރިޔަށް ހުރި މެޗްތަކުގައި ވެސް ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކޮށްފައިވާ އިރު އެކަންކަންކަމުގައި ހުރިހާ ރައްޔިތުންގެ ފުރިހަމަ އެހީތެރިކަން ދިނުމަށް ވެސް ސީޕީ ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އިއްޔެގެ އެކްސިޑެންޓްގައި އަފްޣާނިސްތާނުގެ ފަސް ކުޅުންތެރިންނާއި ދެ އޮފިޝަލުންނަށް އެކިވަރުގެ އަނިޔާލިބިފައިވާ އިރު، ހަ ފުލުހަކަށް ވެސް ވަނީ އެކިވަރުގެ އަނިޔާލިބިފަ އެވެ.