01 Jan 2011, 05:30
މީގެ ހަފުތާއެއް ކުރިން ދެ އަންބަށް މީހަކާ އިނދެގެން ފިރިމީހާގެ ރަށް، ތ. ބުރުންޏަށް ބަދަލުވި އެ އަތޮޅު މަޑިފުށީ 24 އަހަރުގެ އަންހެން ކުއްޖަކު، ފިރިމީހާގެ ގޭގައި އުޅެނިކޮށް، ފިރިމީހާ ރަށުގައި ނެތީސް އޭނާއަށް ވަގަށް އެ އަންހެން ކުއްޖާގެ އާއިލާއިން ގަދަ ކަމުން ގެންގޮސްފި އެވެ.
އަންހެން ކުއްޖާގެ ފިރިމީހާގެ އާއިލާގެ މެންބަރަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ސަންއޮންލައިނަށް މައުލޫމާތު ދެމުން މިއަދު ބުނީ އޭނާގެ 35 އަހަރުގެ ބޭބެ، ދެ އަންބަށް ބުރުނީ އަންހެން ކުއްޖާއާ އިނީ މިދިޔަ ހަފުތާގައި ކަމަށާއި ބޭބެގެ ހަނގު އަނބި ވަގަށް ގެންދިޔައީ ދ. ކުޑަހުވަދޫގައި އިންނަ ބޭބެގެ ދޮށީ އަނބި މީހާ އާއި ކުދިންގެ ގާތަށް ކުޑަހުވަދޫއަށް ގޮސް ހުއްޓާ ކަމަށެވެ.
އާއިލާގެ މެންބަރު ބުނީ ބޭބެގެ ހަގު އަނބީގެ އާއިލާއިން ބުރުންޏަށް ދަތުރުކޮށް އެއްވެސް ބަޔަކަށް ނޭނގި ގަދަކަމުން ދޯންޏަކަށް އަރުވައިގެން ހަގު އަނބި ގެންދިޔައީ ބުރާސްފަތި ދުވަހު ހަވީރު ކަމަށާއި ފަހަރި ގެންގޮސްފައި ވަނީ 40 ހަކަށް މީހުން އައިސް ގޭތެރެއަށް ވެދަގަނެގެން ކަމަށެވެ.
"ބުރާސްފަތި ދުވަހު ހަވީރު ބޭބެ ހުރީ ދޮށީ އަނބި ގާތަށް ކުޑަހުވަދޫއަށް ގޮސް، އެހެންވެ ބުރުނީ ގޭގައި އިނީ ފަހަރި އާއި ބޭބެގެ ދައްތައަކާ ކުޑަކުއްޖެއް، އޭގެ ތެރެއިން ގޭގައި ފަހަރިއާ އެކު ހުރީ ކުޑަކުއްޖާ އެކަނި. އެމީހުން އައިސް ގެއަށް ވަދެ ގޭގެ ފަހާނާ ގައި ހުރި އެއްޗެހި ހަލާކުކޮށް ކުޑަ ދޮރުތަކުގެ ބިއްލޫރިތައް ތަޅައިލުމަށް ފަހު ގަދަކަމުން ފަހަރި ގެންދިޔައީ،" އެ މެންބަރު ބުންޏެވެ.
އާނާ ބުނީ ފަހަރިއަކީ މޫނު އެއްކޮށް ނިވާވާ ގޮތަށް ބޮޑު ބުރުގާ އަޅައިގެން އިންނަ ކުއްޖެއް ކަމަށާއި މަޑިފުށިން އައި މީހުން ފަހަރި ވަގަށް ގެންދިޔައީ ފަހަރިއަށް އަނިޔާ ކުރުމަށް ފަހު ބުރުގާ ވެސް ބާލުވައި ބިންމަތިން ދަމާފައި ކަމަށެވެ.
މަޑިފުށީ އަންހެން ކުއްޖާ، ބުރުނީ ފިރިހެން މީހާއާ ކައިވެނިކޮށްފައި ވަނީ އާއިލާގެ ނުރުހުމުގަ އެވެ. އެ އާއިލާއިން ނުރުހުނީ ދެ އަންބަތް ކައިވެނި ކުރާށެވެ. އާއިލާގެ ނުރުހުމުގައި އެ ދެ މީހުން ކައިވެނިކޮށްފައި ވަނީ އިންޑިޔާގަ އެވެ.
އާއިލާގެ މެންބަރު ބުނީ ބޭބެގެ ހަގު އަނބި އަދިވެސް އިނީ މަޑިފުށީގައި ކަމަށާއި ފަހަރި ވަގަށް ނެގި މައްސަލަ ބޭބެ ފަރާތުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ރާއްޖޭން ބޭރުގައި ކައިވެންޏެއް ކޮށްގެން ރާއްޖެ އައި އަންހެން ކުއްޖަކު އާއިލާއިން ގަދަކަމުން ގެންދިޔަ ކަމުގެ މަޢުލޫމާތު އިއްޔެ ފުލުހުންނަށް ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް ވަކި މައްސަލަ އެއްގެ ގޮތުގައި އެއްވެސް ފަރާތަކުން މައްސަލަ ހުށަހަޅާފައި ނުވާތީ އެކަމުގެ ތެރެއަށް ފުލުހުން ނުވަންނާނެ ކަމަށެވެ.