25 May 2014, 13:39
މާފަންނު ގެެެއެއްގެ ތެރެއިން މިއަދު ހެނދުނު ދަބަހަކަށް ލާފައި އޮއްވައި ފެނުނު ތުއްތު ކުއްޖާ އޮތީ މަރުވެފައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗުން ބުނީ އެއީ އަންހެން ކުއްޖެއް ކަމަށާއި އެ ކުއްޖާ ފުލުހުން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައިވާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ މަންމައަކީ އުމުރުން 18 އަހަރުގެ އަންހެން ކުއްޖެކެވެ. އަދި އެ ކުއްޖާ ވިހާފައި ވަނީ މީގެ ދެ ދުވަސްކުރިންނެވެ. އޭނާ އަށް އޭޑީކޭ ހޮސްޕިޓަލުން މިހާރު ވެސް ގެންދަނީ ފަރުވާދެމުންނެވެ.
އެ އަންހެން ކުއްޖާ ވިހެއި ކަން އެނގުނީ އިއްޔެގެ ވަގުތެއްގައި ލޭ މަނާނުވެގެން އޭނާ އޭޑީކޭ އަށް ދިއުމުން، ހޮސްޕިޓަލުން އޭނާ ބެލުމަށް ފަހު އެ މައްސަލަ ފުލުހުންނަށް ހުށަހަޅުމުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
ފުލުހުން ބުނީ އެ އަންހެން ކުއްޖާ ވިހާފައި ވަނީ ދުވަސް ފުރާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެ އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން ކުއްޖާ ޑޮކްޓަރަށް ދެއްކުމުން، ލޭ މަނާ ނުވެގެން އުޅެނީ ވިހައިގެން އަންނަ ލޭ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެ އަންހެން ކުއްޖާ ކައިރީގައި ވިހެއި ދަރިފުޅު ކޮބައިތޯ ޑޮކްޓަރުން ސުވާލުކުރުމުން އޭނާ ދޮގު މައުލޫމާތު ދީފައިވާ ކަމަށް އެނގިފައިވެ އެވެ.
ނަމަވެސް އޭގެ ފަހުން ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ގޮސް އޭނާ އުޅުނު ކޮޓަރި ބަލައި ފާސްކުރި އިރު އެނދު ދަށަށް ލާފައި ހުރި ދަބަހެއްގެ ތެރެއިން މަރުވެފައި އޮތް ތުއްތު ކުއްޖާ ވަނީ ފެނިފަ އެވެ.