ކަންކަން ނިންމުމުގެ މަގާމުތަކަށް އަންހެނުން ނެރެވޭނީ، ފިރިހެނުންގެ ވެސް ބައިވެރިވުމާ އެކުގައި ކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޗެއާޕާސަން އަދި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުންފުނިތަކުގެ ބޯޑަށް އަންހެނުން ނެރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އިސްނަގައިގެން "ވިމިން އޮން ބޯޑް"ގެ ނަމުގައި މިއަދު ވިލާ ކޮލެޖުގައި ކުރިއަށްދާ ސެމިނާ ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އަނީސާ ވިދާޅުވީ، ވިޔަފާރީގެ އުސޫލުން ހިންގާ ކަންތައްތައް ހިންގުމުގައި އަންހެނުންގެ ދައުރު ވަރަށް މުހިއްމު ކަމަށެވެ.

އަންހެނުންނަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް ފާހަގަކުރައްވައި އަނީސާ ވިދާޅުވީ، މަތީ ތައުލީމު ހާސިލުކޮށްގެން ގިނަ އަންހެނުން ނުކުތް ނަމަވެސް ކަންކަން ނިންމުމުގެ މަގާމުތަކުގައި އަންހެނުން ނެތުން އެއީ ސުވާލު އުފެދޭ ކަމެއް ކަަމަށެވެ.

"އަންހެނުންނަށް ގާނޫނީ ގޮތުން ހުރަހެއް ނެތް. މަތީ ތައުލީމު ހާސިލުކުރާ އެހާ ގިނަ އަންހެނުން އުޅޭ އިރުގައި ކަންކަން ނިންމުމުގެ މަގާމުތަކުގައި ނެތީ. އޭގެއިން އިނގެނީ އަންހެނުން އެކަނި އިސްނަގައިގެން މިކަމެއް ނުކުރެވޭކަން. އެހެންވީމަ މިކަމުގައި ފިރިހެނުންގެ ބައިވެރިވުމާއި ފިރިހެނުންގެ އިސްނެގުމާއި ހިތްވަރުދީގެން ނަތީޖާ ނެރެވޭނީ،" އެކަމަނާ ވިދާޅުވި އެވެ.

ސެމިނާ އާއި ގުޅޭގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ސީއެމްޑީއޭގެ ޑިރެކްޓަރު ޖެނެރަލް އަޒްލީމާ އަހުމަދު ވިދާޅުވީ، ކޯޕަރޭޓް ގަވަނާސް ކޯޑަށް ގެނެވުނު ބަދަލާ އެކު، ކުންފުނިތަކަށް ދިމާވާ ދަތިތަކާއި އަންހެނުން ކުންފުނިތަކުގެ ބޯޑަށް ނެރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަށްޓަކައި ކުރިއަށްދާ އެ ސެމިނާއަކީ އެފަދަ ދެވަނަ ސެމިނާ ކަމަށާއި ފުރަތަމަ ސެމިނާ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބާއްވާފައިވާ ކަމަށެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ސެމިނާގައި ބައިވެރިވަނީ، 50 ބައިވެރިންނެވެ. އޭގެތެރޭގައި ސަރުކާރުގެ އޮފީސްތަކުގެ މަތީ ފަންތީގެ މީހުންނާއި ކުންފުނިތަކުގެ ޑިރެކްޓަރުންނާއި ސެކްރެޓަރީންގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ގާތްގަނޑަކަށް 50 މީހުން ބައިވެރި ވެއެވެ.