މިހާރު ކުރިއަށްދާ އޭއެފްސީ ޗެލެންޖް ކަޕުގެ ސެމީ ފައިނަލްގެ ޓިކެޓްގެ ތެރެއިން ބާކީ ވިއްކެން ހުރީ 150 ޓިކެޓް ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

މިއަދު 2:00 ފެށިގެން ވިއްކޭނީ 150 ޓިކެޓްކަމަށް އެފްއޭއެމް އިން ބުނި އިރު ރޭ ފަތިހުން ފެށިގެން ގިނަ ބަޔަކު ވަނީ ޓިކެޓް ގަތުމަށް ކިޔޫ ހަދައިފަ އެވެ. އެހެންކަމުން ކިޔޫގައި ގިނަ އަދަދެއްގެ ބަޔަކު ނުތިބުމަށް އެފްއޭއެމް އިން އިލްތިމާސް ކުރެ އެވެ.

އެފްއޭއެމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު ވިދާޅުވީ މިއަދު 2:00ގައި ޓިކެޓް ވިއްކުމަށް ނިންމާފައިވާ އިރު މިހާރު ވިއްކެން ހުރީ ސެމީ ފައިނަލްގެ 150 ޓިކެޓާއި ފައިނަލް މެޗްގެ 1000 ޓިކެޓް ކަމަށެވެ. އަދި ކިޔޫ ހައްދަވައިގެން ތިއްބެވި ކޮންމެ ބޭފުޅަކަށް ވެސް ގަނެވޭނީ ކޮންމެ ވެސް އެއް މެޗެއްގެ ޓިކެޓް ކަމަށް އިލްހާމް ވިދާޅުވި އެވެ.

އިލްހާމް އިތުރަށް ވިދާޅުވީ ޕިލިޕީންސް އާއި ރާއްޖެ ބައްދަލުކުރާ މެޗްގެ ޓިކެޓްތަކުގެ ތެރެއިން އަށް ޕަސެންޓް ޓިކެޓް ޕިލިޕީންސް ސަޕޯޓަރުންނަށް ވިއްކުމަށް އޭއެފްސީ އަންގާފައިވާ ކަމަށެވެ.

ގަލޮޅުދަނޑަށް ކުޅި ބަލަން ވަންނަން ބޭނުންވާ އާންމުންނަށް ޓިކެޓް ވިއްކޭ އަދަދަކީ 8800 އެވެ.

މީގެ ކުރިން ވަނީ ސެމީ ފައިނަލް އަށް ގިނަ ބަޔަކު ޓިކެޓް ގަނެފަ އެވެ. ސެމީ ފައިނަލް ގެ ޓިކެޓް ކުރިން ވިއްކާފައިވާނެތޯ މިއަދު ފަހުން ފޯނުން ދެންނެވި ސުވާލެއްގެ ޖަވާބުގައި އިލްހާމް ވިދާޅުވީ ސެމީ ފައިނަލްގެ ޓިކެޓް މީގެ ކުރިން ވެސް ވިއްކާފައިވާނެ ކަމަށެވެ. ނަމަވެސް "ވިއްކާފައިވާ ސީދާ އަދަދެއް މިވަގުތު ދަންނަވަން ދަތި" ކަމަށް އޭނާ ވިދާޅުވި އެވެ.
ސެމީ ފައިނަލް މެޗެއްގެ ޓިކެޓް ވިއްކަމުން ދަނީ 25 ރުފިޔާ އަށް ޓިކެޓެކެވެ.