25 May 2014, 12:03
އިސްލާމް އާބާދު (މޭ 25) : ޕާކިސްތާނުގެ ސިފައިންގެ މުއައްސަސާއާއި އެގައުމުގެ ސަރުކާރާ ދެމެދު ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް ބުނެ މީޑިޔާގައި ފަތުރާފައިވާ ވާހަކަތައް އެ ގައުމުގެ ސަރުކާރުން ދޮގުކޮށްފި އެވެ.
ޕާކިސްތާން ސަރުކާރުގެ އިސް މަސްއޫލުވެރިއަކާ ހަވާލާދީ ޚަބަރުފަތުރާ އެޖެންސީތައް ބުނާ ގޮތުން އެގައުމުގެ ސިފައިންގެ މުއައްސަސާ އާއި ސަރުކާރާ ދެމެދު ޚިޔާލުތަފާތުވުންތަކެއް އަދި މައްސަލަތަކެއް ވެސް ނެތް ކަމަށާއި ދުނިޔޭގެ ނޫސް އެޖެންސީތަކުން މިކަމާބެހޭ ގޮތުން ފަތުރާފައި ވަނީ ދޮގުޚަބަރުތަކެއް ކަމުގަ އެވެ. ޕާކިސްތާނުގެ ސިފައިންނަކީ އެގައުމުގައި އާދަޔާ ޚިލާފަށް ބާރާއި ނުފޫޒު ގަދަ އަދި މިނިވަންކަމާއި މުސްތަގިއްލުކަން ބޮޑު މުއައްސަސާއެކެވެ. ޕާކިސްތާން ސިފައިންގެ މުއައްސަސާއަކީ މާލީ ގޮތުންނާއި އެނޫން ގޮތްގޮތުން ސަރުކާރަށް ބަރޯސާވުން ކުޑަ އަދި އަމިއްލަ އަށް މާލީ ކަންކަން ހަމަޖެއްސުމުގެ ގާބިލްކަމާއި ކެރިފޯރުމާއި މިނިވަންކަން ހޯދާފައިވާ ބާރުގަދަ މުއައްސަސާއެކެވެ.
އެހެންކަމުން ސިފައިންގެ އިސްޖެނެރަލުންނާއި ކޮމާންޑަރުން ހިތްހަމަނުޖެހޭ ގޮތަކަށް ސަރުކާރުތަކުންކަންތައްތައް ކުރިޔަށްގެންދާ ނަމަ އަސްކަރީ އިންގިލާބުތައް ގެނަސް އެސަރުކާރުން ވައްޓާލުން ޕާކިސްތާނުގައި އޮންނަނީ ވަރަށް ގާތުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޕާކިސްތާނުގެ ސިފައިންގެ މުއައްސަސާއާއި އެގައުމުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފުގެ ސަރުކާރާ ދެމެދު މިހާރު ޚިޔާލުތަފާތުވުންތައް އުފެދިފައި ވަނީ އެގައުމުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާން ޖަމާއަތާ އެކު ސުލްހައިގެ ވާހަކަތައް ދެއްކުމަށް ނަވާޒް ޝަރީފު ގެންގުޅުއްވާ ސިޔާސަތުތަކާމެދުގަ އެވެ.
ތާލިބާނުން ޕާކިސްތާނުގެ ދައުލަތާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެ ޖަމާއަތާ އެކު ސުލްހައިގެ ވާހަކަތައް ދެއްކުމަށް ނަވާޒް ޝަރީފުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ޕާކިސްތާނުގެ ސިފައިން އުސޫލެއްގެ ގޮތުން ތާއީދު ކުރި ނަމަވެސް މިވާހަކަތައް ކޮޅެއްގައި ނުޖެހި ކާމިޔާބުނުވެ ދިގުދެމިގެން ދިޔުމަކީ ސިފައިންގެ ވެރިޔާ ޖެނެރަލް ރަޙީލް ޝަރީފް ރުހިވަޑައިގަންނަވާ ކަމެއްނޫން ކަމަށް ޚަބަރުތައްބުނެ އެވެ.
މިގޮތުން ނަވާޒް ޝަރީފުގެ ސަރުކާރުން ތާލިބާނުންނާ އެކު ދައްކަމުން ގެންދާ ސުލްހައިގެ ވާހަކަތަކުގައި އެޖަމާއަތުން އެއްވެސް ދުލެއްނުދޭތީ އެވާހަކަތައް ހުއްޓާލުމުގެ ވަގުތު މިހާރުޖެހިފައިވާ ކަމަށާއި މުއްދަތެއް ނެތި ތާލިބާނުންނާ ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދިޔުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަން ޕާކިސްތާން ސިފައިންގެ ވެރިޔާ ޖެނެރަލް ރަޙީލް ޝަރީފް، ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފަށް ދަންނަވައި ހިތްހަމަނުޖެހުން ފާޅުކުރައްވާފައިވާ ކަމަށް ރިޕޯޓްތައްބުނެ އެވެ.
އަދި ސިފައިންގެ ވެރިޔާ ޖެނެރަލް ރަޙީލް ޝަރީފް ބޭނުން ވަނީ މިހާރު ހުއްޓާލާފައިވާ ޕާކިސްތާން ސިފައިންގެ އަސްކަރީ ހަރަކާތްތައް އެޖަމާއަތާ ދެކޮޅަށް ވަޒީރުސްތާންގައި އަލުން ފެށުމަށް ކަމަށް ވެސް ރިޕޯޓްތައްބުނެ އެވެ. ނަމަވެސް ޕާކިސްތާނުގެ ދާޚިލީ ވުޒާރާ އިން ވަނީ އެގައުމުގެ ސަރުކާރާއި ސިފައިންނާ ދެމެދު އެއްވެސް މައްސަލައެއް އަދި ދެބަސްވުމެއް ނެތްކަމަށް ބުނެފަ އެވެ.
ޕާކިސްތާނުގެ ދާޚިލީ ވަޒީރު ޗައުދަރީ ނިޒާރު ވިދާޅުވީ ތާލިބާނުންނާ ދެކޮޅަށް ވަޒީރުސްތާންގައި ޢަސްކަރީ ހަރަކާތްތައް އަލުން ފެށުމާބެހޭ ގޮތުން ސަރުކާރުން އަދި ވަކިގޮތެއް ނުނިންމާ ކަމުގަ އެވެ. މިމައްސަލާގައި ސިފައިންނާއި ސަރުކާރާ ދެމެދު ނުތަނަވަސް ކަމެއް ނެތް ނެތްކަމަށާއި ސަރުކާރުން ތާލިބާނުންނާ އެކު ކުރިޔަށްގެންދާ ސުލްހައިގެ ވާހަކަތައް ހުއްޓާލުމާ ބެހޭ ގޮތުން ވެސް ސަރުކާރުން އަދި ވަކިގޮތެއް ނުނިންމާ ކަމަށް ދާޚިލީ ވަޒީރު ޗައުދަރީ ނިޒާރު ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)