އަފްޣާނިސްތާން ޓީމު ގޮވައިގެން ދަތުރުކުރަމުން ދިޔަ ބަސް އެކްސިޑެންޓްވެ އަނިޔާވި ކުޅުންތެރީންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ކުޅުންތެރިޔާ ވެސް ދޫކޮށްލައިފި އެވެ.

ރޭގެ އެކްސިޑެންޓާ ގުޅިގެން ހޮސްޕިޓަލަށް ގެންދިޔަ އަފްޣާން ޓީމުގެ އެއް ކުޅުންތެރިއެއް ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން ވަނީ ރޭ ދޫކޮށްލައިފަ އެވެ. އަދި ރޭ ފަރުވާ ދެމުން ދިޔަ ކުޅުން ތެރިޔާ ވެސް އިތުރު ފަރުވާ އަށް މިއަދު ދޫކޮށްލާފައިވާ ކަމަށާއި މިއަދު 11:00 ޖަހާ އިރު އޮންނަ ފްލައިޓުން އެ ކުޅުންތެރިޔާ މާލެ ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީއްޖާ ހަފްސާ ވިދާޅުވި އެވެ.

އައްޑޫ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔައީ އަފްޣާން ޓީމުގެ މިޑްފީލްޑަރު މުސްތަފާ އަޒަދުޒޯއީ އަށެވެ.

ހަފްސާ ވިދާޅުވީ އަޒަދުޒޯއީ ހޮސްޕިޓަލުގައި ބާއްވާފައި އޮތީ އޭނާގެ އުނަގަނޑަށް ތަދުވާތީ ޑޮކްޓަރު އިތުރަށް ބައްލަވަން ބޭނުންވާތީ ކަމަށެވެ.

އަދި އޭނާ މާލެ ގެންނަނީ އެމްއާރުއައި އާއި ސީޓީ ސްކޭން އެކޮޅުން ނުހެދޭތީ ކަމަށް ވެސް ހަފްސާ ވިދާޅުވި އެވެ.

ރޭގެ އެކްސިޑެންޓްގައި އަނިޔާވި ތިން ފުލުހަކު ވަނީ އިތުރު ފަރުވާ އަށް މާލެ ގެނެސްފަ އެވެ.