25 May 2014, 11:02
އދ. މަންދޫ، "ވިޔަރެސް" ދޯންޏަށް ހޮވި 11 ކިލޯގެ މާވަހަރު ތިން ލައްކަ ޑޮލަރަށް ވިއްކާލަން އެ ދޯނިން ނިންމައިފި އެވެ.
ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް އދ. ހަންޏާމީދޫ، އަލި ހުރަސް ކަނޑުން މިދިޔަ ހޯމަ ދުވަހު ފެނުނު މާވަހަރު ހޮވި، އދ. މަހިބަދޫ ރަންކޮކާގޭ މުހައްމަދު ޖުނައިދު ސަން އަށް ބުނީ، މާވަހަރު ހޮވި އިރު ބަރުދަނުގައި 11 ކިލޯ ހުރި ނަމަވެސް މިހާރު އޭގެ ބަރުދަނަކީ ހަތް ކިލޯ ކަމަށެވެ.
އޭނާ ބުނީ، މާވަހަރު ވިއްކާލަން ނިންމާފައި ވަނީ ގްރާމެއް 52.5 ޑޮލަރު (810 ރުފިޔާ) އަށް ކަމަށެވެ. އެގޮތުން މުޅި މާވަހަރުގެ އަގު 365400 ޑޮލަރު (5،634،468 ރުފިޔާ) އަށް އަރާ ކަމަށާއިި މިހާރު ވެސް ރާއްޖެ އިން ބޭރުގެ ތިން ކުންފުންޏަކުން މާވަހަރު ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
"މަޝްހޫރު އޮންލައިން މާކެޓްތަކުގައި އުޅޭ ސެލަރުންނަށް ޑައިރެކްޓްކޮށް އީމެއިލް ކުރީ. އަޅުނގަޑުމެން ކަނޑައެޅި އަގާ އެކު. ރޭގައި އަޅުނގަޑުމެންނަށް ގުޅި ދުބާއީގެ ތިން ކުންފުންޏަކުން. އަދި އެބަ އުޅޭ އިރާނުގެ ކުންފުންޏަކާއި އެމެރިކާގެ ސެންޓު އުފައްދާ ކުންފުންޏެއް ވެސް،" ޖުނެއިދު ބުންޏެވެ.
އޭނާ ބުނީ، މާވަހަރު ގަންނަން އަންނަ ބަޔަކަށް އެއީ މާވަހަރެއްކަން ޔަގީން ކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އަދި އެ ދޯނިން ކަނޑައަޅާފައިވާ އަގަށް، ގަންނަން އަންނަ އެންމެ ފުރަތަމަ ފަރާތަކަށް އެ މާވަހަރު ވިއްކާލާނެ ކަމަށް ވެސް ޖުނެއިދު ބުންޏެވެ.
ފަޅުވެރިންގެ ގޮތުގައި މުޅިން ވެސް މަހިބަދޫ މީހުން މަސައްކަތްކުރާ މިޔަރެސް ދޯންޏަށް މާވަހަރު ނެގި އިރު، ދޯނީގައި ތިބީ 10 ފަޅުވެރިންނެވެ. އަދި މާވަހަރު ވިއްކާލުމަށް ފަހު ލިބޭ ފައިދާ އޭރު ދޯނީގައި ތިބި 10 ފަޅުވެރިންނަށާއި ދޯންޏަށް ހަމަހަމަ އުސޫލެއްގެ މަތިން ބަހާނެ ކަމަށް އެ ދޯނިން ކުރިން ބުނެފައިވެ އެވެ.
ޖުނެއިދު ބުނީ، މާވަހަރު ގަތުމަށް ދިވެހި ބައެއް މީހުން ވެސް ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ.