އަފްޣާނިސްތާން ގައުމީ ޓީމު ދަތުރުކުރި ބަސް އެކްސިޑެންޓުވުމުގައި "މެދުވެރިޔަކަށްވި" ޒުވާނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ސައުތު ޕޮލިސް ޑިވިޝަންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ސަން އަށް ވިދާޅުވީ އެ އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ޒުވާނާގެ އަތުގައި ލައިސަންސްވެސް ނެތް ކަމަށާއި އަދި އޭނާގެ ޔޫރިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އޮޕިއޭޓް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ރޭގެ އެކްސިޑެންޓް ހިނގި އިރު ސައިކަލު ދުއްވަން އިނީ ސ. ފޭދޫ، ކިއުޕިޑް، މުހައްމަދު ޒަޔާން، 21، އެވެ. އޭނާ އަށް އަދިވެސް އަންނަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ނެވެ. ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

ހިތަދޫ ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ހަދީއްޖާ ހަފްސާ ވިދާޅުވީ އެ ޒުވާނާގެ ފައިގެ އިނގިއްޔެ ބިނދި އަތާއި ފައިގަ ކުދިކުދި ފްރެކްޗާތަކެއް ހުރުމުން ފަރުވާ ދެމުން އަންނަ ކަމަށެވެ.

ރޭ އެ އެކްސިޑެންޓް ހިނގާފައި ވަނީ އައްޑޫ ސިޓީ ހަންކެޑެ ސަރަހައްދުން މޮޓޯކޭޑް ދަތުރުކުރަމުން ދަނިކޮށް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއް ކުއްލިއަކަށް މޮޓޯކޭޑު ކުރިމަތިން ހުރަސްކުރަން އުޅެނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ އެކްސިޑެންޓްގައި އަފްޣާނިސްތާނުގެ ފަސް ކުޅުންތެރިންނާއި ދެ އޮފިޝަލުންނަށް އެކިވަރުގެ އަނިޔާލިބިފައިވާ އިރު، ހަ ފުލުހަކަށް ވެސް ވަނީ އެކިވަރުގެ އަނިޔާލިބިފަ އެވެ.

އޭގެ ތެރެއިން އެއް ފުލުހެއްގެ އަތް ދެ ތަނަކުން ބިނދިފައިވާ އިރު އެހެން ފުލުހެއްގެ އަތް ވެސް ވަނީ ބިނދިފަ އެވެ.