01 Jan 2011, 05:28
ރައްޔިތުން މަޖިލީހުގެ ދެ މެމްބަރަކު އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަށް އެއްބަސްވެފައިވާ ކަމަށް އަދާލަތު ޕާޓީގެ މަޝްވަރާ ކޮމެޓީގެ މެމްބަރު ޝެއިހު އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
ނަމަވެސް އެއީ ކޮން ދެ މެމްބަރުންނެއް ކަމެއް އަދި އެ ދެ މެމްބަރުން ގުޅިވަޑައިގަންނަވާނީ ކޮން އިރަކުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
"ވަރަށް އުފާވެރި ހަބަރެއް ވެސް އެބައޮތް. އަޅުގަނޑުމެންގެ މި ފިކުރަށް ތާއީދުކުރާ އަދި އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ގުޅިދާނެ ކަމުގެ ފެހި ސިގުނަލް ލިބެމުން އަންނަ ދެ މެމްބަރަކު ރައްޔިތުން މަޖިލީހުގައި އެބަތިއްބެވި،"
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާ 52 ކެންޑިޑޭޓުން އާންމުކޮށް އިއުލާނު ކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަންތައްތައް ވަމުންދާ ގޮތުން އަދާލަތު ޕާޓީ ފަދަ ޕާޓީ އަކަށް ނިސްބަތްވާ މެންބަރުން ކައުންސިލަރުންގެ ގޮތުގައި ތިބުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމަށެވެ.
"ބަލާލި ކޮންމެ ދިމާލަކުން ވެސް އަޅުގަނޑުމެންނަށް މިފެންނަނީ ވަރަށް ކަންބޮޑުވާން ޖެހޭ ފަދަ ކަންތައްތަކެއް. ދިވެހި ރައްޔިތުން ގަބޫލު ކުރާ ގޮތުގައި މި ކަންތައްތަކުގެ ހައްލު ހޯދައި ދެވޭނެ ބަޔަކީ އަދާލު ޕާޓީގެ މެންބަރުން،" އަލީ ޒާހިރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީ އަށް ވަނީ ނާކާމިޔާބު ވެފައި ކަމަށާއި ނަމަވެސް އެއްވެސް ހާލެއްގައި އެއީ ނާކާމިޔާބިއެއް ކަމަށް ނުބަލާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަރަށް ކުޑަކުޑަ ތަފާތަކުން އަދާލަތު ޕާޓީގެ މެމްބަރުން ނާކާމިޔާބު ވެގެން ދިޔައީ. ނަމަވެސް އެއީ އަޅުގަނޑުމެންނަށް ލިބުނު ހިއްވަރެއް. އަޅުގަނޑުމެންގެ މެންބަރުން ވާދަކުރީ ވަރަށް އިހުލާސްތެރިކަމާ އެކު، ތެދު ނިޔަތަކާ އެކު. އެބޭފުޅުން ވިއްކިހާ ވެސް އެއްޗަކީ ނުވަތަ ބެއްސެވިހާ ވެސް އެއްޗަކީ އެބޭފުޅުންގެ ހިޔާލާއި ފިކުރު،"
އަދާލަތު ޕާޓީގެ ރައީސް ހުސައިން ރަޝީދު އަހުމަދު ވިދާޅުވީ ސަރުކަރަކީ ރައްޔިތުންގެ އެއްޗެއް ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރުން ކަންކަން ކުރަން ޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންގެ ވޯޓް ވިއްކާނުލުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.
ރާއްޖެ އަށް މިހާރު ތަފާތު އެތައް ދީންތަކަކާއި އެތައްބައިވަރު ފިކުރެއް ވަދެ އިގްތިސާދު ވެސް ފުނޑުފުނޑު ވަމުންދާ ކަމަށް ވިދާޅުވެ އޭނާ ސަރުކާރަށް ފާޑުވިދާޅުވި އެވެ.
"ދިވެހި ލޮބުވެތި ރައްޔިތުންނޭ ތިޔަ ބޭފުޅުންގެ ގައުމަށް ތަފާތު އެތައް ދީންތަކެއް ވަދެއްޖެ. ތަފާތު އެތައް ފިކުރެއް އެނބަހިނގާ. އިގްތިސާދީ ގޮތުން ތަން ފުނޑުފުނޑު ވަމުން ދަނީ. ސިޔާސީ ގޮތުން ނެތް ކިޔާނެ އެކަށްޗެއް ވެސް." ހުސެން ރަޝީދު ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައި ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވި ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަދާލަތު ޕާޓީން ކުރިއަށް އޮތް ތަނުގައި ވަކި ބައެއްގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި ބައެއްގެ ވެރިކަން ވައްޓާލަން ވެސް މަސައްކަތް ނުކުރާނެ ކަމަށެވެ.
"މާތް ﷲ އިރާދަކުއްވިއްޔާ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ޕާޓީން މަސައްކަތް ކުރާނީ އަމިއްލަ ވަންތަކަމެއް ޤާއިމް ކުރެވޭތޯ. އަމިއްލަ އަށް ފަލި ޖަހައިގެން އުޅެވޭތޯ. އަޅުގަނޑުމެންނަކީ އަބަދުމެ ކޮންމެ ވެސް ބަޔަކަށް ތާއީދުކޮށް ކޮންމެ ވެސް ބައެއްގެ ފަހަތުން ދުވާނެ ބައެއް ނޫން." ޝަހީމް ވިދާޅުވި އެވެ.