ތައިލެންޑްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ދިވެހިން އެކަމަށް ސަމާލުވުމަށް ސަރުކާރުން މިއަދު އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހާއްސަ ގޮތެއްގައި ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ތައިލެންޑްގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހިން ، އެގައުމުގައި ހިނގަމުންދާ ކަންތައްތަކަށް ސަމާލުވެ، މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

"... ތައިލެންޑްގައި ދިރިއުޅެމުން ގެންދާ ދިވެހިންނާއި ތައިލެންޑަށް ދަތުރުކުރާ ދިވެހިން އެގައުމުގައި ހިނގަމުންދާ ކަންތައްތަކަށް ސަމާލުވުމަށާއި މީހުން އެއްވާ ތަންތަނަށް ނުދިއުމަށާއި އަދި މުޒާހަރާތައް ހިންގަމުން ގެންދާ ސަރަހައްދުތަކަށް ނުދިއުމަށް އިލްތިމާސްކުރަމެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ސަމާލުވުމަށް އިލްތިމާސް ކުރީ ތައިލެންޑްގެ އަސްކަރިއްޔާ އިން އެގައުމުގެ ވެރިކަމާ ހަވާލުވެ، ރޭގަނޑު 10.00 އިން ފަތިހު 5.00 އަށް އެގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްފައި ވާތީ ކަމަށް ބަޔާނުގައިވެ އެވެ.

ދިމާވެދާނެ ހާދިސާއަކާ ގުޅިގެން އެހީތެރިކަން ލިބިގަތުމަށްޓަކައި ތައިލެންޑްގައި ދިރިއުޅޭ ދިވެހިން ފޮރިން މިނިސްޓްރީގައި ރަޖިސްޓްރީ ވުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

ތައިލެންޑް ސިފައިން އެގައުމުގައި މިލިޓަރީ ސަރުކާރެއް ގާއިމްކުރީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެގައުމުގެ ގާނޫނު އަސާސީ ސަސްޕެންޑްކޮށް، ޕާލަމެންޓްގެ ތިރިގެއާއި މަތިގެ ވެސް ސިފައިން މިހާރު ވަނީ އުވާލާފަ އެވެ. އަދި އެގައުމުގެ ސިޔާސީ އިސްފަރާތްތައް ވަނީ ހައްޔަރުކޮށްފަ އެވެ. މިއީ 1932 ވަނަ އަހަރުން ފެށިގެން މިހާތަނަށް ތައިލެންޑް ސިފައިން ވެރިކަމާ ހަވާލުވި 12 ވަނަ ފަހަރެވެ. ތައިލެންޑް ސިފައިން މިފަހަރު އެގައުމުގެ ވެރިކަމާ ހަވާލުވީ ސިޔާސީ ހަމަނުޖެހުންތައް ބޮޑުވެ، ގައުމު ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައި އޮންނަތާ ހަ މަސް ދުވަހަށް ވުރެ ގިނަވިފަހުންނެވެ. މީގެ ކުރިން ތައިލެންޑް ސިފައިން އެގައުމުގެ ވެރިކަމާ ހަވާލުވި ފަހަރުތަކުގައި ސިޔާސީ ގޮތުން ގައުމު ހަމަޖެހުމުން މަދަނީ ސަރުކާރެއް ގާއިމްކުރަން ޖާގަދީފައިވެ އެވެ.