ބެންކޮކް (މޭ 25) : ތައިލެންޑްގެ ޕާލަމެންޓްގެ މަތިގެ ކަމަށްވާ ސެނެޓް އުވާލުމަށް އެގައުމުގައި މިހާރު ވެރިކަންކުރާ އަސްކަރީ މަޖިލީހުން ނިންމައި ސެނެޓް އުވާލައިފި އެވެ.

ތައިލެންޑްގެ ސިފައިންގެ ވެރިޔާ ޖެނެރަލް ބްރަޔޫތް ޗާންއޮޗާ އިސްކޮށް ހުންނަވާ އަސްކަރީ މަޖިލީހުން އިއްޔެ ނެރުނު އަމުރެއްގައި ބުނެފައި ވަނީ ތައި ޕާލަމެންޓްގައި ހިމެނޭ ސެނެޓް އުވާލައިފި ކަމުގަ އެވެ. ސެނެޓް އުވާލިކަން އިޢުލާން ކުރުމުގެކުރިން އަސްކަރީ މަޖިލީހުންވަނީ ތައި ޕާލަމެންޓްގެ ދަށުގެ ކަމަށްވާ ހައުސް އޮފް އެޕްރެޒެންޓެޓިވް ވެސް އުވާލިކަން އިއުލާންކޮށްފަ އެވެ. ތައިލެންޑްގެ ޕާލަމެންޓްގައި ހިމެނޭ ސެނެޓާއި ހައުސް އޮފް އެޕްރެޒެންޓެޓިވް އުވާލުމުގެ ބޭނުމަކީ އެގައުމުގެ ވެރިކަމުގެ ނިޒާމު އިތުރަށް ކޮންޓްރޯލްކޮށް ސަރުކާރާއި މުޅި ދައުލަތް ސިފައިންގެ މުށުތެރޭގައި ބޭއްވުމަށް މަގިފަހި ކުރުން ކަމަށް ވަނީ ބެލެވިފަ އެވެ.

މިދިޔަ ބު ދަދުވަހު ތައިލެންޑްގެ ސިފައިން އެގައުމުގެ މަދަނީ ސަރުކާރު ވައްޓާލުމަށް ފަހު ވެރިކަމާ ހަވާލުވީ ސިޔާސީ ޕާޓީތަކުގެ ކޯޅުންތަކުގެ ސަބަބުން އެގައުމުގެ އަމަން އަމާންކަން ގެއްލި އިގްތިސާދު ހީނަރުވަމުންދާތީ އެކަންތައްތައް ހަމައަކަށް އެޅުވުމުގެ ގޮތުން ކަމަށް އަސްކަރީ ވެރިޔާ ޖެނެރަލް ޗާން އޮޗާ ވިދާޅުވެފައިވެ އެވެ. ތައިލެންޑްގެ ސިފައިން މިހާރު ވަނީ ކުރީގެ ބޮޑުވަޒީރާ ޔަންގްލަކް ޝިނަވަޓްރާއާއި 100 އަށްވުރެ ގިނަ ސިޔާސީ އިސް ފަރާތްތައް ޝަރީއަތަކާނުލައި ހައްޔަރުކޮށްފަ އެވެ. ނަމަވެސް މާގިނަ ދުވަސްތަކެއްނުވެ ސިޔާސީ ފަރާތްތައް މިނިވަންކުރާނެ ކަމަށް ތައިލެންޑްގައި މިހާރު ވެރިކަންކުރާ އަސްކަރީ މަޖިލީހުން ބުނެ އެވެ.

ޢަސްކަރީ އިންގިލާބަށް ފަހު ތައިލެންޑްގައި ވެރިކަންކުރާ ޢަސްކަރީ މަޖިލީހުންވަނީ އެގައުމުގެ ގާނޫނު އަސާސީ (ދަސްތޫރު) އަށް އަމަލުކުރުން ހުއްޓާލައި ދިމުގްރާތީ މުއައްސަސާތައްވެސް އުވާލާފަ އެވެ. (ރޮއިޓާސް)