މިހާރު ރާއްޖޭގައި ކުރިއަށްދާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި އަމިއްލަ ފަސްގަނޑުގައި ބެހެޓުމަށް ޖާނާއި މާލު ގުރުބާން ވާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އައްސަދު އަލީ (އަޑުބަރޭ) ބުނެފި އެވެ.

ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގެ ދެ ވަނަ ޓީމުގެ ގޮތުގައި ރާއްޖެ ސެމީއަށް ދަތުރު ކޮށްފައިވާ އިރު، ސެމީގައި އަންނަ އަންގާރަ ދުވަހުގެ ރޭ 9:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ރާއްޖެ ނުކުންނާނީ ގްރޫޕް ބީފަޅިން އެއް ވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރު ކުރި ފިލިޕީންސްއާ ދެކޮޅަށެވެ.


ސަން އަށް ދެއްވި އިންޓަވިއުއެއްގައި އަޑޭ މިއަދު ބުނީ، ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗަށް ވުރެ، މިހާރު ޓީމުން ދައްކަމުން އަންނަ ކުޅުމާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި ޓީމުގެ ހުރިހާ ކުޅުންތެރިންގެ އަޒުމަކީ މުބާރާތުގެ ތަށި އަމިއްލަ ފަސްގަނޑުގައި ބެހެއްޓުން ކަމަށެވެ. އަދި އެކަން ކުރުމަށް ކުރިއަށް އޮތް ސެމީ ފައިނަލް މެޗަށް ވެސް ނުކުންނާނީ ޖާނާ މާލު ގުރުބާން ކޮށްގެން މެޗް ކާމިޔާބުކޮށް، ފައިނަލަށް ދިއުމުގެ އުންމީދާ އަކު ކަމަށެވެ.


"އަހަރެންގެ ހުރިހާ ވެސް ވިސްނުމެއް މިހާރު ހުރީ މިތަށި ރައްޖޭގައި ބެހެއްޓުމަށް. ހުރިހާ ކުޅުންތެރިންގެ އުންމީދަކީ ވެސް އެއީ. ހަމަގައިމު ވެސް ތަށި އަމިއްލަ ފަސްގަނޑުގައި ބެހެއްޓުމަށް ޖާނާއި މާލުން ގުރުބާން ކުރާނަން،" މުބާރާތުގައި މިހާތަނަށް މޮޅުކުޅުމެއް ދައްކަމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު އަޑޭ ބުންޏެވެ.

އަޑޭ ބުނީ، ދިވެހި ސަޕޯޓަރުން ކުރަމުން އަންނަ ހިތްވަރާ އެކު، ދަނޑުމަތީގައި ހުންނަ ވަގުތު "ތަށި ހޯދުމަށް" އާ ހިތްވަރެއް ލިބޭ ކަމަށާއި ކުރިއަށް އޮތް މެޗުގައި ވެސް ޓީމަށް ސަޕޯޓް ކުރުމަށް މުޅި ދަނޑު ރަތް ކޮށްލުން ވަރަށް މުހިންމު ކަމަށެވެ.

މި މުބާރާތުގެ ފުރަތަމަ ސެމީގައި އަންގާރަ ދުވަހު ހަވީރު 4:00ގައި ނުކުންނާނީ ގްރޫޕް އޭގެ އެއް ވަނަ ފަލަސްތީނާއި ގުރޫޕް ބީގެ ދެވަނަ އަފްގާނިސްތާނެވެ. މެޗް ކުޅޭ ނީ ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.