އައްޑޫ ސިޓީން: އަލީ ރިފްޝާން

އޭއެފްސީ ޗެލެންޖް ކަޕުގެ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ޖާގަ ހޯދި އަފްޣާނިސްތާނު ޓީމުގެ އެންމެ ބޮޑު މައްސަލައަކީ ގޯލު ކާމިޔާބު ނުކުރެވުމުގެ މައްސަލަކަމުގައި އެ ޓީމުގެ ކޯޗު އެރިޗް ރޫޓެމޫލާ ބުނެފި އެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ލާއޯސްއާ ބައްދަލުކޮށް 0-0 ލަނޑުން އެއްވަރުވި މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަފްޣާން ކޯޗު ބުނީ، އެ ޓީމުގެ ފަރާތުން ފެންނަ ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

"ގްރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުގައި ޓީމުގެ ފަރާތުން ފެނުނީ ތަފާތު މައްސަލަތަކެއް. ނަމަވެސް މިއަދު ފެނިގެން މިދިޔައީ މަޑުޖައްސައިލައިގެން ކުޅުނު މަންޒަރު. އަވަސް ޕާސްތަކަކާއި ޕާސްކުރުމުގެ ހުނަރުތައް އަހަރެމެން ރަނގަޅުކުރަން އެބަޖެހޭ. އަދިވެސް އަހަރެމެންގެ އެންމެ ބޮޑު މައްސަލައަކީ ގޯލު ޖެހުމުގެ މައްސަލަ،" އޭނާ ބުންޏެވެ.

ރޫޓެމޫލާ ބުނީ ލާއޯސްއާ ދެކޮޅަށް ކުޅުނު މެޗުގައި ފެނިގެންދިޔައީ މި މުބާރާތުގައި އެ ޓީމުން ދެއްކި އެންމެ ދަށް ކުޅުން ކަމަށާއި އެ މެޗުގައި ފެނިގެން ދިޔަ ފުޓްބޯޅައަކީ ނިދީގައި ހުރެގެން ކުޅޭ ފުޓްބޯޅައެއް ކަމަށެވެ.

"ހަމަ ޔަގީނުން ވެސް މިއީ އަހަރެމެންގެ އެންމެ ދަށް ކުޅުން. ފުރަތަމަ ހާފުގައި އަހަރެމެން ދެއްކި ކުޅުމަކީ އެއްވެސް ކުޅުމެއް ނޫން. ނުކުޅެވިގެން އުޅުނީ ކީތްވެކަމެއް އަހަރެންނަކަށް ނޭނގޭ. މިއަދު ފެނިގެން މިދިޔައި ނިދީގައި ހުރެ ކުޅޭ ފުޓްބޯޅައެއް. ފުރަތަމަ ހާފަށް ފަހު، ކުޅުންތެރިންނާ ވާހަކަ ދެއްކުމުން ދެވަނަ ހާފުގައި ކުޑަކޮށް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ. ދެވަނަ ހާފުގައި އަހަރެމެން މަސައްކަތްކުރީ މެޗުގެ ކުޅުން އަވަސްކުރުމަށް. ލާއޯސްގެ ޑިފެންސް ރަނގަޅުކަމުން އަހަރެމެންނަށް ބޮޑު އުނދަގުލެއް ކުރިމަތިވި،" އޭނާ ބުންޏެވެ.

މި މުބާރާތުގެ ސެމީގައި އަފްޣާން ނުކުންނަން ޖެހޭނީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި އޮތް ފަލަސްތީނާ ދެކޮޅަށެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެ މެޗަށް އަފްޣާން ނުކުންނާނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00ގަ އެވެ.