25 May 2014, 08:55
ރާއްޖޭގައި މިހާރު ކުރިއަށްދާ އޭއެފްސީ ޗެލެންޖް ކަޕުގެ ސެމީ ފައިނަލް މެޗްގެ ޓިކެޓް ގަތުމަށް މިއަދު ފަތިހުން ފެށިގެން ދިގު ކިޔޫއެއް ހަދައިފި އެވެ.
ޓިކެޓް ވިއްކަން ހަމަޖެހިފައި ވަނީ މިއަދު މެންދުރު 2:00 ގައެވެ. ގަލޮޅު ދަނޑުގެ އިތުރުން ޓިކެޓް ވިއްކާ އެހެން ތަންތަން އެފްއޭއެމް އިން އަދި ހާމައެއް ނުކުރެ އެވެ.
މިއަދު ފަތިހުން ފެށިގެން ހަދާފައިވާ ކިޔޫ އަށް ބަލާ އިރު އޮލިމްޕަސް ކުރިމަތީ އޮންނަ ގޯޅީގެ އެއްކޮޅުން އަނެއް ކޮޅަށް ކިޔޫ ހަދާފައިވާއިވެ އެވެ. ކިޔޫގައި ހުރި މީހަކު ބުނީ ކިޔޫ ހަދާފައި ވަނީ މިއަދު ފަތިހުން ފެށިގެން ކަމަށާއި ކިތަންމެ އިރެއްވި ކަމުގައި ވިޔަސް ޓިކެޓް ނުގަނެ ނުދާނެ ކަމަށެވެ.
ސެމީ ފައިނަލް މެޗްތަކުގެ ޓިކެޓްތައް ވެސް ވިއްކަނީ ކުރިން ޓިކެޓް ވިއްކި އަގު ކަމަށްވާ މެޗަކަށް 25 ރުފިޔާ އަށެވެ.
މިމަހުގެ 27 ވަނަ ދުވަހު ކުޅޭ ސެމީފައިނަލްގައި ވާދަކުރަނީ ރާއްޖެ އާއި ޕިލިޕީންސްގެ އިތުރުން ޕަލަސްތީންއާއި އަފްގާނިސްތާނެވެ.
ޓިކެޓް ގަތުމަށް ގިނަ ބަޔަކު ކިޔޫ ހަދާފައިވާ އިރު އިއްޔެވެސް ސެމީ ފައިނަލްގެ ޓިކެޓްގަތުމަށް ވާރޭގަިއ ތިބެގެން ގިނަބަޔަކު ވަނީ ކިޔޫ ހަދާފަ އެވެ. ނަމަވެސް އިއްޔެ ސެމީ ފައިނަލްގެ ޓިކެޓް ވިއްކާފައެއް ނުވެ އެވެ.