މާލޭގެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ގިނަ ވޭންތަކެއް ތަހައްމަލް ކުރަން ޖެހެ އެވެ. ގިނަ މަގުތަކެކޭ "އޮއްގޮނޑިވަޅެކޭ" އެއް ފަދަ އެވެ. ނައިޓް މާކެޓެކޭ މަގުތަކުގެ ޓްރެފިކެކޭ ތަފާތެއް ނެތްކަހަލަ އެވެ. ޕާކްކުރާނެ ތަނެއް ހޯދުމަކީ ވޭން ބޮޑު ކަމެކެވެ. މިފަދަ އެތައް އުނދަގުލެއް ދަނީ ކުރިމަތިވަމުންނެވެ. ހާއްސަ ގޮތެއްގައި އާންމު ރައްޔިތުން ކޮށްފައިވާ ބައެއް ކަންކަމުގެ ސަބަބުންވާ ދަތިތައް ފާހަގަވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ މަގުމަތީގައި އަތުރާފައި ހުންނަ "ޕެލެޓް" ފިލާ ތަކެވެ.

ވެރިރަށް މާލޭގެ ބާރު ބޮޑު މަގުތަކަށް ބަލާލަމާތޯ އެވެ. ވެހިކަލްތައް ޕާކް ކުރުމަކީ މި ވެރިރަށުގެ މަގުތަކުގައި ބޮޑު ދައްޗަކަށްވެފައިވާ އިރު އޭގެ ތެރޭގައި ތަފާތު ސަބަބުތައް ވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ މަގުތަކަށް އެކަށީގެން ނުވާ ވަރަށް ވެހިކަލްތައް މާލޭގައި ދުއްވާ ކަމެވެ. ނަމަވެސް މިރިޕޯޓްގައި އަލި އަޅުވާލަން މިއުޅެނީ އެހެން ސަބަބަކަށެވެ. އެއީ މާލޭގެ މަގުތަކުގެ ޕާކިން ޒޯންތަކާއި މަގުގެ އެކި ހިސާބުތަކުގައި އަތުރާފައި ހުންނަ "ޕެލެޓް" ފިލާތެކެވެ. މިއީ ވަރަށް އާންމު ކަމެކެވެ. ބޮޑު މަގެއް ކުޑަމަގެއް ކިޔާނެ ކަމެއް ނެތެވެ. މާލޭގެ މަގުތަކުގެ އެކި ހިސާބުތަކުގައި އެފަދަ އެތައް ފިލައެއް އަތުރާފައި ހުންނަތައް ފެނެ އެވެ. ގިނައިން ހުންނަނީ ޕެލެޓް ފިލަ އެވެ. ނޫނީ ކޮންމެ ވެސް ލަނކުޑި ގަނޑެކެވެ.

ކޮންމެ ގެއެއްގެ ދޮރުމަތީގައިހެން "ޕެލެޓް" ފިލާ އަތުރާފައި ހުންނަ އިރު އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކަކާއި ކުރިމަތިވެ އެވެ. އެގޮތުން ވެހިކަލްތައް ޕާކް ކުރުމަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފަ އެވެ. ގިނަ ޕާކިން ޒޯންތަކެއްގެ މަތީގައި އެފަދަ ޕަލެޓް ފިލާތައް އެތުރުމުގެ ސަބަބުން މަގުތައް ފުރުމުގެ އިތުރުން ގިނަ މަގުތަކުގައި ޕާކް ކުރާނެ ތަނެއް ނޯވެ އެވެ. ދެ ތިން ސައިކަލް ޕާކް ކުރެވޭހާ ޖާގަ އެއިގެން ކޮންމެ ފިލައެއްގެ ސަބަބުން ގެއްލެ އެވެ. އަދި އެފަދަ ފިލާތަކުގެ ސަބަބުން ހިނގާ ފަރާތްތަކަށް ވެސް ގިނަ އުނދަގޫތަކަކާއި ކުރިމަތިލާންޖެެ އެވެ.

"މިއީ ވަރަށް އުނދަގޫ ކަމެއް، ކުޑަކުއްޖަކު ގޮވައިގެން މަގުން ހިނގޭކަށްނޯވޭ. އަދި އެއްޗެއް ޕާކް ކުރެވޭކަށް ވެސް ނޯވޭ މި ފިލާތަކަކާ ހެދި، އަދި މީގަ އަޖައިބު ވާން ޖެހޭ ކަމަކީ ކޮންމެ ގެއެއްގެ ދޮރުމަތީގައިހެން މީގެ ފިލައެއް އަތުރާފައި އެބަ އޮތް. ދެން ކިހިނެއްތަ އެހެން މީހުން މިމަގެއް ބޭނުންކުރާނީ،" މަގުތައް މަތީ އަރާފައި ހުންނަ ފިލާތަކުގެ ސަބަބުން ދިމާވާ ދަތިތައް ކިޔައިދެމުން މީހަކު ބުންޏެވެ.

ގޭގޭ ދޮރުމަތީގައި އެފަދަ ފިލާތައް އަތުރާފައި ހުންނަނީ އެގޭގޭ މީހުންގެ ފަސޭހައަކަށް ކަމަށް ވެދާނެ އެވެ. ނަމަވެސް ވިސްނަންވީ ހަގީގަތަކީ ތިމާމެންނަށް ފަސޭހައެއްވާ ކަމެއްގެ ސަބަބުން އެތައް ނޭދެވޭ ކަމެއް ކުރިމަތިވެ މަގު ބޭނުންކުރާ އެތައް ހާސް ފަރާތަކަށް ދަތިތަކާ ކުރިމަތިވާ ކަމެވެ.

މަގުތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފު ވިދާޅުވީ މަގުތަކުގައި ޕެލެޓް ފިލާތައް އަތުރާފައި ހުރުމަކީ "ކަނޑައެޅިގެން" މަނާ ކަމެއް ކަމަށާއި އެފަދަ ކަންކަން ހުއްޓުވުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ދޭތެރެ ދޭތެރެއިން އެފަދަ ޕެލެޓް ފިލާތައް ނަގަމުން މިދަނީ، އުނދަގޫވެގެން ރިޕޯޓެއް އަތުވެއްޖެ ނަމަ ވެސް ނަގާނެ،" ސަމާއު ވިދާޅުވި އެވެ.

ވެރިރަށެއްގެ މަގުތަކަކީ އެގައުމެއްގެ ތަރައްގީ އެންމެ ބޮޑަށް ދައްކުވައިދޭ އެއް ތަނެވެ. ނަމަވެސް އެފަދަ ޕެލެޓް ފިލާތައް މަގުތައް މަތީ އަތުރާފައި ހުރުމަކީ އިސްވެ މިފާހަގަ ކުރި ރީތި ކަމާއި ސާފު ތާހިރުކަން ގެއްލިދާ ކަމެކެވެ. ވެހޭހާ ވާރެއެއްގައި އަދި ދޭހާ އަތްވެއްގައި އޮންނަ އެފިލާތައް ހަލާކުވެ އެކި ބައިބައިތައް މަގުތައް މައްޗަށް ދޫވެފައިވުމާއި އެފަދަ ފިލާތަކުގެ ސަބަބުން މީހުންނަށް ލިބެމުންދާ ކުދި ނަމަވެސް ހާނިއްކަތަކަކީ ވެސް ފާހަގަކޮށްލަން ޖެހޭ ކަންކަމެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގައި ދުއްވާ އެއްގަމު އިންޖީނުލީ އުޅަނދު ޕާކްކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓްގައި މަސައްކަތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހުގައި ހިންގި އޮޕަރޭޝަނެއްގައި މާލޭގެ އެކި ސަރަޙައްދުތަކުގައި ޕާކިން ޒޯންތަކުގައި ބަހައްޓާފައިވާ ތަކެތި ނަގާފައިވާ ކަމަށެވެ. އެގޮތުން އެކި ސަރަޙައްދުތަކުގައި ޕާކިން ޒޯންތަކުގައި ބަހައްޓާފައިވާ 100 އަށް ވުރެ ގިނަ ޕެލެޓްތަކަކާއި އެހެނިހެން ބައެއް ތަކެތި ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުން ނަމަ މަގުތައް މަތީ އަދި ހާއްސަގޮތެއްގައި ޕާކިން ޒޯންމަތީގައި އެފަދަ ފިލާތައް އަތުރާފައި ހުރުމަކީ މަނާކަމެކެވެ. ނަމަވެސް ހަގީގަތަކީ އެކަމަކީ ވެސް ލިޔުމުން މަނާ ކޮށްފައިވާ ކަމެއް ކަމެވެ. އެކަމަށް އެކަށީގެން ފިޔަވަޅެއް ނޭޅޭކަމުގެ ހެއްކަކީ އެތައް މަގެއްގައި އެތައް ހާސް އެފަދަ ފިލައެއް އަތުރާފައި ހުންނަ ކަމެވެ. އަދި އެފަދަ ކަންކަމަށް ފިޔަވަލު ނޭޅިއޮތުމެވެ.