25 May 2014, 00:28
ނޫސްވެރިކަމަކީ މަޖަލަކަށް ނުވަތަ މުނިފޫހިފިލުވުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި ނުހެދުމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ހަވީރު ނޫހަށް 35 އަހަރު ފުރުމުގެ މުނާސަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ނޫސްވެރިކަމާއި ހަބަރު ފެތުރުމަކީ ގައުމެއްގެ އެތަކެއް ރައްޔިތުންނެއް މައުލޫމާތަށް ފެންބޮވައިގެންފައިވާ ވަގުތެއްގައި އެކަމަށް ފޯރުކޮށްދެވޭ ވަރަށް ބޮޑު ހައްލެއް ކަމަށެވެ.
ނަމަވެސް ހަބަރެއް ފެތުރޭ ގޮތަކުން ނުވަތަ ހަބަރެއް ފޯރުކޮށްދޭ ގޮތަކުން ރައްޔިތުންނަށް ހަގީގަތް އޮޅި، ސިކުނޑި ތަގައްޔަރުކޮށްލައި ޖަހަރަކަށްވާކަށް މާ ގިނަ ވަގުތެއް ނުނަގާކަން ރާއްޖޭގައި މިހާތަނަށް ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ވެސް އެނގިގެން ގޮސްފައިވާ ކަން ނައިބް ރައީސް ފާހަގަކުރެއްވި އެވެ.
ނައިބް ރައީސް ވިދާޅުވީ، ނޫސްވެރިންނަކީ ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދިނުމުގެ ބަދަލުގައި ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ނޫސްވެރިކަން ކުރާ ބަޔަކަށް ވެއްޖެނަމަ ނޫސްވެރިކަމާ ދޭތެރޭގައި ރައްޔިތުން ކުރާ އިތުބާރު ގެއްލި މުޅި ނޫސްވެރިކަމާ މެދު ސުވާލު އުފެދިގެން ހިނގައިދާނެ ކަމަށެވެ.
"ސަރުކާރަކަށް ބާރު ދޭ ކަމަށް ބެލެވޭ ބައެއް ހަބަރު ފަތުރާ އިދާރާތަކުން ވެސް ބިނާކުރަނިވި މަސްއޫލިއްޔަތެއް އޮތް ކަން ގަބޫލްކޮށްގެން، ޒިންމާދާރުވެރިވެ ހާލިސް ހިތަކާ އެކު މިގައުމު ނުވަތަ މި މުޖުތަމައު ތަޢުމީރު ކުރުމުގެ ބަދަލުގައި، ހެނދުނުން ފެށިގެން ހަވީރަށް، ހުކުރުން ފެށިގެން ހުކުރަށް ކައްޗަށް ބޮޑެތި ރިޕޯޓްތައް ހަދައި ފަޒާއަށް ވިހަ ދޫކުރާން ފަށައިފިނަމަ އަދި ވިހަ ދޫކުރަމުންދާތަން މިއަދު ފެންނަ ހިނދު، އެފަދަ ނޫސްވެރިކަމަކީ ބަޔަކު ހީ ސަމާސާކޮށް މަޖަލަކަށް ކުރާ ކަމެއް ކަމުގައި ބަދަލުވެގެން ހިނގާދާނެ،" ޑރ. ޖަމީލް ވިދާޅުވި އެވެ.
ނައިބް ރައީސްގެ ވާހަކަފުޅުގައި ނޫސްވެރިކަން އަމިއްލަ ޒާތީ މަންފާ އާއި މަސްލަހަތު ހިމާޔަތް ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ނުހެދުމަށް ވެސް ނައިބް ރައީސް އިލްތިމާސް ކުރެއްވި އެވެ.
ނޫސްވެރިކަން ކުރުމުގެ މަސައްކަތުގައި ހަގީގަތް ހޯދުމަށާއި ހައްގު ހޯދުމަށް ބޭރުގެ ކުރިއަރާފައި ވާ ގައުމުތަކުގައި މަސައްކަތްކުރާ ގޮތަށް ރާއްޖޭގެ ނޫސްވެރިން ވެސް މަސައްކަތް ކުރާތަން ފެންނުމަކީ ރާއްޖޭގެ ރައްޔިތުން ދެކެން ބޭނުންވާނެ ދުވަހެއް ކަމުގައި ނައީބް ރައީސް ވިދާޅުވި އެވެ.
ނައިބް ރައީސްގެ ވާހަކަފުޅުގައި ދިވެހި ނޫސްވެރިންނަކީ ތެދު މައުލޫމާތު ގެނެސްދޭ ޒިންމާދާރު ބަޔަކަށް ވުމަށާއި މުޖުތަމައުގައި ހުރި ހަގީގީ މައްސަލަތައް ހޯދައި އެ މައްސަލަތަކަށް ހައްލު ހޯދައިދޭ ބަޔަކަށް ވުމަށް އެދިވަޑައިގެންނެވި އެވެ.