އަފްޣާނިސްތާން ގައުމީ ޓީމު ދަތުރުކުރި ބަސް އެކްސިޑެންޓުވުމުގައި "މެދުވެރިޔަކަށްވި" ޒުވާނާގެ ފައިން އިނގިއްޔެއް ވަކިވެއްޖެ އެވެ.

އެ ޒަހަމް ލިބިފައިވާ ޒުވާނާއަކީ އަފްޣާން ޓީމު ގޮވައިގެން ދިޔަ މޮޓޯކޭޑުގެ ހުރަހަކަށްވި މީހާ އެވެ. އޭނާ ދުއްވި ސައިކަލް މޮޓޯކޭޑާ ދެކޮޅަށް ދުއްވީ ކީއްވެގެން ކަމެއް އަދި ނޭނގެ އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ "ސަން"އަށް މިރޭ ވިދާޅުވީ އެކްސިޑެންޓްގައި ފައިގެ އިނގިއްޔެއް ވަކިވެފައި ވަނީ ސައިކަލް ދުއްވަން އިން ސ. ފޭދޫ، ކިއުޕިޑް، މުހައްމަދު ޒަޔާން، 21،ގެ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ އެކިތަންތަނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

"އެކްސިޑެންޓްގައި އޭނާގެ ވާތު ފައިން ސަހާދަ އިނގިލި ވަނީ ވަކިވެފައި. އޭނާގެ ހަށިގަނޑުގެ އެކިތަންތަނުން ވަނީ މަށައިގެން ގޮސްފައި. އޭނާގެ ވެސް ސިޓުއޭޝަން ސްޓޭބަލް. އެކްސްރޭ ނެގި އިރު އެއްވެސް ކަހަލަ ފްރެކްޗާއެއް ނެތް،" ހަފްސާ ވިދާޅުވި އެވެ.

އޭއެފްސީ ޗެލެންޖު ކަޕްގެ ސެމީ އަށް ގޮސްފައިވާ އަފްގާނިސްތާން ޓީމު ގޮވައިގެން ދަތުރު ކުރަމުން ދަނިކޮށް މިރޭ ހިނގި އެ އެކްސިޑެންޓްގައި ބައެއް ފުލުހުންނަށާއި ސިފައިންނަށް އަނިޔާ ލިބިފައިވެ އެވެ. ފުލުހުން ބުނީ އެކްސިޑެންޓްގައި ހަ ފުލުހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ. އަދި ދެ ފުލުހެއްްގެ އަތް ބިންދައިގެން ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ. އަދި އިތުރު ފަރުވާ އަށް ތިން ފުލުހަކާއި އެމްއެންޑީއެފްގެ އޮފިސަރެއް މާލެ އަށް ފުރުވާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.