ސިފައިންގެ ނުވަ ބޭކަލަކަށް ސްޕެޝަލް ފޯސަސްގެ ޓެބް ބުރާސްފަތި ދުވަހު ހަވާލުކޮށްދެއްވައިފި އެވެ. ކަޅުތުއްކަލާކޮށީ މަލްޓި ޕާޕަސް ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭކަލުންގެ ޔުނިފޯމްގައި އެސްއެފްގެ ޓެބް ހަރުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ފަރުޙަތު ޝަހީރެވެ.


އެމްއެންޑީއެފުން ބުނި ގޮތުގައި އެސްއެފްގެ ޓެބް ހަވާލުކުރައްވާފައި ވަނީ ކައްދޫ ޓްރޭނިން ސެންޓަރުގައި ހިންގި ދެ ވަނަ ސްޕެޝަލް ފޯސަސް ކޮލިފިކޭޝަން ކޯހުން ފާސްވި ނުވަ ބައިވެރިންނަށެވެ. ކައްދޫ ޓްރޭނިން ސެންޓަރުގައި 2009 ނޮވެމްބަރު 15 އިން މި މަހުގެ 23 އާ ހަމަ އަށް ހިންގި ސްޕެޝަލް ފޯސަސް ކޮލިފިކޭޝަން ކޯހަކީ އެސްއެފަށް ސިފައިން އަލަށް ރެކްރޫޓް ކުރުމަށްޓަކައި ހިންގާފައިވާ ކޯހެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.


އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ފަރުޙަތު ޝަހީރު ވިދާޅުވި ކަމަށް އެމްއެންޑީއެފުން ބުނީ، ސިފައިންގެ މުއައްސަސާ ބިނާކޮށް ބައްޓަންކުރަމުން ގެންދަނީ ވަރަށް ޕްރޮފެޝަނަލް މުއައްސަސާއަކަށް ހެދުމުގެ ވަރަށް މަތިވެރި އުންމީދުގައި ކަމަށެވެ. އަދި ތިން ވަނަ ދުނިޔޭގެ ފެއިލްވަމުންދާ ސްޓޭޓްތަކުގައި ނޫނީ އެ ޤައުމުތަކުގެ ހާލަތު ދުނިޔޭގެ ޞުރުޙީތަކަށް އަރައި އަބަދު ވެސް ހަމަނުޖެހުމާއި ކާރޫބާރޫ ބޮޑު ކަންތައްގަނޑެއްގެ ތެރޭގައި ހަލަބޮލިވެގެން އުޅޭ ޤައުމުތަކުގެ ލިސްޓަށް އެމްއެންޑީއެފުގެ އެއްވެސް ފޯސްއެއް ވެއްޓިފައި ނުވާ ކަމަށާއި އެ ފޯސަސްގެ ކޮންމެ ކޮންޕޯނެންޓެއް ވާންޖެހޭނީ ވަރަށް ޕްރޮފެޝަނަލް މީހަކަށް ކަމަށް ވެސް ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި ވިދާޅުވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.


މީގެ އިތުރުން ބަދަލުވަމުން މިދާ ސިނާރިއޯތަކަށް ބަލާއިރު އަޅުގަނޑުމެންނަށް ކައިރި ކުރިމަގެއްގައި އެސްއެފް ޑިޕްލޮއިކޮށް ބޭނުންކުރަން ޖެހޭ ހާލަތްތައް ކަނޑާއި އެއްގަމުން ދިމާވަމުން ދިޔުމަކީ ވަރަށް ގާތްކަމެއްކަމުގައި ފާހަގަކުރައްވައި، ކުރިއަށްއޮތް ތަނުގައި އެސްއެފްގެ އޮޕަރޭޝަނަލް ޓްރޭނިންއަށް ފޯކަސް ކޮށްގެން މި އަހަރު ޓްރޭނިންގތައް ފެށުމަށް ވެސް ވައިސް ޗީފް އޮފް ޑިފެންސް ފޯސް އިލްތިމާސްކުރެއްވި އެވެ.